ނޭޕާލްގެ ކޯޗަށް އެގައުމަށް ދެން ނޭރޭނެކަމަށް އަންގައިފި
ނޭޕާލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗްގެ ގޮތުގައި މިވަގުތު ހުރި ޖަޕާނުގެ ކޯޖީ ގިޔޮޓޯކޫ އަށް މިއަހަރު ނިމެންދެން އަލުން އެ ގައުމަށް އެރުން މަނާކުރާނެކަމަށް ނޭޕާލްގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނެފިއެވެ. މިގޮތަށް އެ ޑިޕާޓްމަންޓުން ނިންމައިފައިވަނީ ކޯޖީއަށް ނޭޕާލްގައި ހުރުމަށް ގާނޫނީގޮތުން ލިބިދީފައިވާ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.
2016 ވަނަ އަހަރުން ފެށިގެން ނޭޕާލްގެ ގައުމީ ޓީމާ ކޯޖީ ހަވާލުވެގެން ހުރި ނަމަވެސް މިހާތަނަށްވެސް އޭނާ ނޭޕާލްގައި ހުރީ ޓުއަރިސްޓް ވިސާ ގައެވެ. ނޭޕާލްގެ އިމިގްރޭޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ޓުއަރިސްޓް ވިސާގައި އެހެން ގައުމެއްގެ ރައްޔިތަކަށް ނޭޕާލްގައި ހުރެވޭނީ އެންމެ ގިނަވެގެން 150 ދުވަސް ވަންދެންނެވެ. އެއަށްވުރެ ދިގުމުއްދަތަކަށް ނޭޕާލްގައި ހުންނަން ބޭނުންކަމަށްވާނަމަ ޖެހެނީ ވާކް ޕާމިޓް ވިސާ ހޯދާށެވެ. ނޭޕާލްގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނާ ގޮތުގައި ކޯޖީ ގެ އަތުގައި ވާކް ޕާމިޓް ވިސާއެއް ނޯވެއެވެ.
އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕަށް ނޭޕާލްގެ ގައުމީ ޓީމް ތައްޔާރުކުރުމުގެ ޒިންމާވެސް ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ކޯޖީއާ ހަވާލުކޮށްފައިވާއިރު އޭނާއާއެކު އެސޯސިއޭޝަނުން ހަދައިފައިވާ އެއްބަސްވުމުގައި އަދި ބާކީ ތިން މަސް ދުވަސް އެބައޮތެވެ. ސާފް ސުޒުކީ ކަޕް ފެށެން އެންމެ ދެ ހަފްތާއަށް ވެފައިވަނިކޮށް ނޭޕާލްގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ކޯޖީއަށް ނޭޕާލަށް އެތެރެވުމުގެ ހުއްދަ ނުދޭނެކަމަށް ނިންމުމާ ގުޅިގެން ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވެފައިވަނީ އިމިގްރޭޝަން ޑިޕާޓްމަންޓްގެ ނިންމުމާ ގުޅިގެން އާ ކޯޗަކު ހޯދުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަމަޖެހޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ނޭޕާލްގެ ގައުމީ ޓީމުގެ ކޯޗް ކޯޖީ މިހާރު ހުރީ އޭޝިއަން ގޭމްސްގައި ބައިވެރިވާ ނޭޕާލްގެ ފުޓްބޯޅަ ޓީމާއެކު އިންޑޮނޭޝިޔާ ގައެވެ.
Advertisement
Leave a Reply