އަގުއޭރޯ ހެޓްރިކް ހެދިޔަސް މޭން އޮފް ދަ މެޗަކަށްވީ ސިލްވާގެ ދަރިފުޅު
ރޭ އިނގިރޭސި ޕްރިމިއަރ ލީގްގައި ހަޑަސްފީލްޑް ޓައުން އާ ދެކޮޅަށް މެންޗެސްޓަރ ސިޓީން ކުޅުނު މެޗަކީ ފާހަގަކޮށްލެވޭ ވަރަށް ގިނަ ކަންތައްތަކެއް ހިނގި މެޗެކެވެ. އެންމެ ފުރަތަމަ ސިޓީން 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗް ކާމިޔާބުކުރުމެވެ. ލީގްގެ ފުރަތަމަ މެޗްގައިވެސް މޮޅުކުޅުމެއް ދެއްކި އަގުއޭރޯ މި މެޗްގައި ހެޓްރިކް ހަދައި އޭނާގެ ފޯމް ދެމެހެއްޓުމެވެ. ސިޓީއަށް ކުޅޭ ސްޕެއިން ގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ އެ ކްލަބްގެ މަޑުނޫ ޖޯޒީގައި ކުޅުނު 250 ވަނަ މެޗްގައި ގޯލް ޖެހުމެވެ.
އެކަމަކު މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް މި މެޗް ގިނަ ބަޔަކަށް ހާއްސަވީ ސިލްވާގެ އަށް މަހުގެ ދަރިފުޅު މެސްކޮޓެއްގެ ގޮތުގައި މި މެޗް ފެށުމުގެ ކުރިން ދަނޑުމަތިން ފެނުމުންނެވެ. މެޗް ފެށުމުގެ ކުރިން ދެ ޓީމްގެ ކުޅުންތެރިން އެތުރުނުއިރު ސިލްވާ ހުރީ އޭނާގެ ދަރިފުޅު އުރާލައިގެންނެވެ.
ސިލްވާގެ ދަރިފުޅު މެތިއޯ އަކީ ދުވަސްނުފުރާ ވިހޭ ކުއްޖެކެވެ. އެހެންވުމުގެ ސަބަބުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސިލްވާއަށް ލިބުނު ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލައިފައިވަނީ 5 މަސްދުވަސްވަންދެން އެޑްމިޓްކޮށްފައި ބޭއްވުމަށްފަހުއެވެ. ދަރިފުޅުގެ ނާޒުކު ހާލަތަށް ރިއާޔަތްކޮށް ސިޓީން މިދިޔަ ސީޒަންގައިވަނީ ސިލްވާއަށް ބޮޑެތި ލުއިތަކެއްވެސް ދީފައެވެ. މިކަމަށްޓަކައި ސިލްވާ ވަނީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. ސިލްވާ ބުނިގޮތުގައި އެއީ އޭނާއަށް އަދާ ނުކުރެވޭނެ ވަރުގެ ބޮޑު ދަރަންޏެކެވެ.
“އަހަރެން ބޭނުން ކުލަބަށާއި، ކުޅުންތެރިންނަށާއި، ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. އަދި ވަކިން ހާއްސަކޮށް އަހަރެންގެ ހާލަތު ދެނެގަތްކަމަށްޓަކައި ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ތިޔައީ (ގާޑިއޯލާ) އާދަޔާ ޚިލާފް އިންސާނެއް” ސިލްވާ ބުނެފައިވެއެވެ.
ހޮސްޕިޓަލުން ދޫކޮށްލިތާ ތިން މަސްފަހުން ސިއްހަތު ރަގަޅު ކުއްޖެއްގެ ގޮތުގައި ސިޓީގެ ޖޯޒީގައި ދަރިފުޅު ފެނިގެންދިއުންވީ ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް ކަމަކަށެވެ. އެއާއެކު އެ މަންޒަރު ބެލި އެތައް ބަޔަކު އެމީހުންނަށް ކުރެވުނު އިހްސާސްތައް ސޯޝަލް މީޑިޔާގައި ފަތުރާލިއެވެ. ބައެއް މީހުން ސިފަ ކުރިގޮތުގައި ރޭގެ މޭން އޮފް ދަމެޗަކީ އަގުއޭރޯއެއް ނޫނެވެ. ސިލްވާއެއްވެސް ނޫނެވެ. ރޭގެ ހީރޯއަކީ ސިލްވާގެ ދަރިފުޅެވެ.
Advertisement
Leave a Reply