ބުފޮން މިފަހަރު ވާދަކުރަން ޖެހުނީ އެކުވެރިޔާގެ ދަރިފުޅާ

Advertisement

ބުފޮން މިފަހަރު ވާދަކުރަން ޖެހުނީ އެކުވެރިޔާގެ ދަރިފުޅާ

ޢަލީ ޝަހީމް
ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް އާއެކު ބުފޮން.

ފްރެންޗް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ޖުއިންގޭމްޕާއާއި ކުޅުނު މެޗުން ޕީއެސްޖީ 3-1 އިން މޮޅުވި އިރު އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޖުއިންގޭމްޕާގެ އުމުރުން 21 އަހަރުގެ މާކަސް ތުރާމް އާ ޕީއެސްޖީގެ ކީޕަރު ޖިއަންލުއިޖީ ބުފޮން ޖޯޒީ ބަދަލުކުރި މަންޒަރެވެ.

މާކަސް އަކީ ބުފޮންއާއެކު ޕާމާ އަދި ޔުވެންޓަސްގައިވެސް ކުޅުނު ފްރާންސްގެ ލިލިއަން ތުރާމްގެ ދަރިފުޅެވެ. ތުރާމްގެ ދަރިފުޅާއި ބުފޮން ޖޯޒީ ބަދަލުކުރީ ތުރާމްއާ އޮންނަ ގާތްގުޅުން ދައްކުވައިދިނުމުގެ ގޮތުންނެވެ.

ބުފޮން ވަނީ ތުރާމްއާއެކު 1996 އިން 2001 އަށް އިޓަލީގެ ޕާމާއަށް ކުޅެފައެވެ. އަދި، އޭގެ ފަހުން 2001 އިން 2006 އަށް ޔުވެންޓަސްއަށް މި ދެކުޅުންތެރިން އެކުގައި ކުޅެފައިވެއެވެ. މާކަސް އުފަންވެފައިވަނީ ޕާމާއިން 1997 ވަނަ އަހަރު ކޮޕާ އިޓަލިއާ އަދި ޔޫއެފްއާ ކަޕް ކާމިޔާބު ކުރުމުގެ ދެއަހަރު ކުރިންނެވެ. ތުރާމްއާއެކު ބުފޮން ވަނީ އިޓަލީ ލީގު ދެފަހަރު ކާމިޔާބުކޮށް 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ތުރާމް އަކީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އެގައުމުގެ ލެޖެންޑެކެވެ. އޭނާ ވަނީ ފްރާންސަށް 142 މެޗު ކުޅެދީފައެވެ.

ތުރާމްގެ ދަރިފުޅާ ދެކޮޅަށް ނުކުތްއިރު ބުފޮންއާއެކު މިހާރު ޕީއެސްޖީއަށް ކުޅޭ އުމުރުން 18 އަހަރުގެ ޓިމޮތީ ވެއާ އަކީ ނުވަދިހައިގެ އަހަރުތަކުގައި ބުފޮންގެ ހަތުރެއްގެ ގޮތުގައި ކުޅުނު މިހާރު ލައިބީރީއާގެ ރައީސް ޖޯޖް ވެއާގެ ދަރިކަލުންނެވެ. ޓިމޮތީގެ ބައްޕަ ޖޯޖް ވެއާއަކީ ނުވަދިހައިގެ އަހަރުތަކުގައި ޕީއެސްޖީ އަދި އޭސީ މިލާނަށް ކުޅުނުއިރު ބުފޮންއާ ވާދަކުރި ކުޅުންތެރިއެކެވެ. 1995 ވަނަ އަހަރު އުމުރުން އެންމެ 17 އަހަރުގައި އިޓަލީ ލީގުގައި ޕާމާއަށް ފުރަތަމަ މެޗު ކުޅުނު ދުވަހު ޖޯޖް ވެއާގެ ހަމަލާތައް ހުއްޓުވަން ޕާމާގެ ގޯލުގައި ހުރީ ބުފޮން އެވެ.

ބުފޮން މި ސީޒަނަށް ޕީއެސްޖީއަށް ބަދަލުވީ ޔުވެންޓަސްގައި 17 ސީޒަން ހޭދަކުރުމަށްފަހު ހިލޭ ޓްރާންސްފާއެއްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *