ސިޓީން ފެންވަރު ދައްކާލިއިރު ޔުނައިޓެޑް އޮތީ ފޫގޮސްފައި

Advertisement

ސިޓީން ފެންވަރު ދައްކާލިއިރު ޔުނައިޓެޑް އޮތީ ފޫގޮސްފައި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ހަޑަސްފީލްޑާއި ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ކާމިޔާބު ކުރިއިރު މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ. އަމިއްލަ ދަނޑުގައި ހަޑަސްފީލްޑާއި ބައްދަލުކުރި ކުރި މެޗު 6-1 އިން ސިޓީ ކާމިޔާބު ކުރިއިރު މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ ރަށުން ބޭރުގައި ބްރައިޓަންއާ ވާދަކޮށް 3-2 އިންނެވެ.

ރޭގެ މެޗުގައި ސިޓީން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ސާޖިއޯ އަގުއޭރޯ އެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޖެހީ އަގުއޭރޯ އެވެ. އަގުއޭރޯ މި ލަނޑު ޖެހީ ސިޓީގެ ކީޕަރު އެޑާސަން ފޮނުވާލި ބޯޅައެއް ހަޑަސްފީލްޑްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ކީޕަރުގެ ބޯމަތިންނެވެ. އޭގެ އިރުކޮޅެއް ފަހުން ގެބްރިއަލް ޖިސޫސް ލަނޑެއް ޖަހާ ލީޑު ފުޅާކުރިއިރު ސިޓީގެ ތިންވަނަ ލަނޑު އަގުއޭރޯ ޖެހީ ބްރައިޓަންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ސިޓީ ގާތްގާތުގައި ތިން ލަނޑު ޖަހަފާއި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަޑަސްފީލްޑްގެ ސްޓަންކޮވިޗް ވަނީ ލަނޑެއް ޖަހާ 3-1 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

ސިޓީގެ ހަތަރު ވަނަ ގޯލު ދެވަނަ ހާފުގައި ފެށުނުތަނާ ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއެވެ. ރޭގެ މެޗަކީ ސިލްވާ ސިޓީގެ ޖޯޒީގައި ކުޅުނު 250 ވަނަ މެޗެވެ. ސިޓީގެ ފަސްވަނަ ވަނަ ލަނޑު ބެންޖަމިން މެންޑީ ނަގައިދިން ހުރަހަކުން އަގުއޭރޯ ކާމިޔާބުކުރި މެޗުގެ 75 ވަނަ މިނެޓުގައެވެ. ސިޓީގެ ހަވަނަ ލަނޑަކީ ހަޑަސްފީލްޑްގެ ޓެރެންސް ކޮންގޮލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރޭ އަގުއޭރޯ ހެދި ހެޓްރިކަކީ ޕްރިމިއަރ ލީގުގައި ހެދި ނުވަވަނަ ހެޓްރިކެވެ. ލީގުގެ ތާރީހުގައި އެންމެ ގިނައިން ހެޓްރިކް ހަދާފައިވަނީ އެލެން ޝިއަރާ އެވެ. އޭނާ ވަނީ 11 ހެޓްރިކް ލީގުގައި ހަދާފައެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް 3-2 އިން ބަލިވިއިރު އެޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ބްރައިޓަން ވަނީ މިދިޔަ ސީޒަނުގައިވެސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަން އިން ތިން ގޯލު ޖެހިއިރު ޔުނައިޓެޑްގެ ޑިފެންސްގައި ތިބި ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކް ތަކެއް ފެނުނެވެ. ބްރައިޓަންގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ގްލެން މަރީ ޖެހިއިރު އޭގެ ދެމިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޝޭން ޑަފީ އެވެ. ބްރައިޓަންއިން ދެ ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ލޫކް ޝޯ އުފެއްދި ހަމަލާއެއްގައި ރޮމެލޫ ލުކާކޫ ވަނީ ލަނޑެއް ޖަހާ 2-1 އަށް ނަތީޖާ ބަދަލު ކޮށްލާފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ބްރައިޓަންގެ ތިންވަނަ ލަނޑު ޖަހައިދިނީ ޕަސްކާލް ގްރޮސް އެވެ.

ދެވަނަ ހާފުގައި މޮރީނިއޯ ވަނީ ހުއާން މަޓާއާއި އެންދްރެސް ޕެރޭރާގެ ބަދަލުގައި މާކަސް ރެޝްފާޑާއި ޖެސީ ލިންގާޑް ކުޅެން އަރުވާފައެވެ. މި ދެކުޅުންތެރިންގެ ފަރާތުންވެސް އެދެވޭ ކުޅުމެއް ނުފެނުނުއިރު ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއްވެސް ޔުނައިޓެޑަށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ޖެހީ ޕައުލް ޕޮގްބާ އެވެ. މި ޕެނަލްޓީ ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް މަރުއާން ފެލައިނީއަށް ބްރައިޓަންގެ ކުޅުންތެރިއަކު ކުރި ފައުލަކަށެވެ. މި ބައްޔާއެކު ކުޅުނު ދެމެޗުން ޔުނައިޓެޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *