ޗެލްސީގައި މިހުރީ އުފަލުން، ކްލަބް ދޫކޮށްނުލާނަން: ހެޒާޑް

Advertisement

ޗެލްސީގައި މިހުރީ އުފަލުން، ކްލަބް ދޫކޮށްނުލާނަން: ހެޒާޑް

ޢަލީ ޝަހީމް

މިމަހުގެ 31 ވަނަ ދުވަހު ޔޫރަޕްގެ ޓީމުތަކަށް ޓްރާންސްފަރ ދޮރު ބަންދުވާއިރު ޗެލްސީ ދޫކޮށްނުލާނެ ކަމަށާއި، ކްލަބުގައި ހުރީ އުފަލުން ކަމަށް އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހެޒާޑް ބުނެފިއެވެ. ހެޒާޑް މިހެން ބުނީ އޭނާ ގެންދިއުމަށް ސްޕޭނުގެ ރެއާލް މެޑްރިޑާއި ޔޫރަޕްގެ އެހެން ކްލަބްތަކުންވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. އިނގިރޭސިވިލާތަށް މިމަހުގެ 10 ވަނަ ދުވަހު ޓްރާންސްފަރ މުއްދަތު ހަމަވި ނަމަވެސް ޔޫރަޕްގެ އެހެން ކްލަބްތަކަށް ގަނެވިއްކުމުގެ ބާޒާރު ނިމޭނީ މިމަހުގެ ނިޔަލަށެވެ. އެހެންކަމުން ސްޕޭން އިޓަލީ އަދި ޖާމަނީގެ ބޮޑެތި ޓީމުތަކަށްވެސް އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ކުޅުންތެރިން ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕަށްފަހު ދިން އިންޓަވިއުއެއްގައި ހެޒާޑް ބުނެފައިވަނީ ތަފާތު ތަޖުރިބާއެއް ކުރަން ޖެހިދާނެކަމަށާއި، އޭނާ ދާންބޭނުންވާ މަންޒިލް އެންމެނަށްވެސް އެނގޭކަމަށެވެ. ހެޒާޑްގެ މި ބުނުން އަމާޒު ކުރިކަމަށް ބެލެވެނީ އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ ރެއާލް މެޑްރިޑަށެވެ.

“އަހަރެން މިތަނުގައި މިހުރީ އުފަލުން. ދެން ބަލަމާ ކުރިއަށް އޮތް އަހަރެއް ނޫނީ ދެއަހަރު ކަންތައް ވާގޮތް. މިއަހަރު އަހަރެން ދޫކޮށްލަން؟ އަހަރެން މިއަހަރު ޗެލްސީ ދުލެއް ނުކޮށްލާނަން. އެންމެނަށްވެސް އެނގޭ ވޯލްޑް ކަޕަށްފަހު އަހަރެން ބުނީ ކީކޭކަން. އެކަމު އަހަރެން މިހުރީ އުފަލުން” މިވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާ ބުންޏެވެ.

“އިންގްލެންޑްގެ ޓްރާންސްފާ ދޮރު ބަންދުވެއްޖެ. ކްލަބްތަކަށް ކުޅުންތެރިންގެ ސޮއެއް ދެނެއް ނުހޯދޭނެ. އެހެންވީމާ އަހަރެން ދޫކޮށްލައިފިނަމަ ބަދަލުގައި ކުޅުންތެރިއަކު ހޯދަން ޗެލްސީއަށް އުނދަގޫވާނެ” އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

2012 ވަނަ އަހަރު ފްރާންސްގެ ލިލޭ އިން ޗެލްސީއަށް ބަދަލުވުމަށްފަހު ހެޒާޑް ވަނީ އެ ކްލަބްގައި ފަސް ތަށި ކާމިޔާބު ކޮށްފައެވެ. ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އާސެނަލާއި ވާދަކޮށް މޮޅުވި މެޗުގައި ޗެލްސީގެ ސަޕޯޓަރުންވަނީ ހެޒާޑަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެމެޗުގައި ޗެލްސީން މޮޅުވި ގޯލު ޖެހީ ހެޒާޑުގެ އެހީތެރިކަމާއެކު މާކޮސް އެލޮންސޯ އެވެ. އެމެޗުގައި ޗެލްސީގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހިބާއި ގުޅިގެން ހެޒާޑް ބުނީ ސަޕޯޓަރުން އޭނާދެކެ އަދިވެސް ވަރަށް ލޯބިވާކަމަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *