ފުރަތަމަ މެޗްގައި ރޮނާލްޑޯ ނެތްތަން ބޭލް ފުބައްދައިފި

ސްޕެނިޝް ލަލީގާ ގައި މި ސީޒަންގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ ވިހި ވަނަ މިނިޓްގައި ރެއާލްއަށް ކާމިޔާބުކޮށްދިނީ ޑެނީ ކަވާހަލްއެވެ. ރެއާލްގެ އާ ކޯޗް ޖޫލއިން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ލީގް މެޗްގައި ގެރެތް ބޭލް ނަގައިދިން ހުރަސް ގެޓާފޭގެ ގޯލް ކީޕަރު ޑޭވިޑް ސޯރިއާ ޕަންޗް ކޮށްލުމުން ކުރިމައްޗަށް ވެއްޓުނު ބޯޅަ ކަވާހަލް ގެޓާފޭ ގެ ގޯލްގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.
ރެއާލް އަށް ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންސް ލީގް ތަށި ހޯދައިދިން ކޯޗް ފްރާންސްގެ ޒިނެދިން ޒިދާން އަދި އެޓީމުގައި ނުވަ އަހަރު ހޭދަކުރުމަށް ފަހު މި ސީޒަން ފެށުމުގެ ކުރިން ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރެއާލްއިން ކުޅުނު ފުރަތަމަ ލީގް މެޗްގައި އެ ޓީމްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގެރެތް ބޭލް އެވެ. މެޗް ގެ 51 ވަނަ މިނިޓްގައި ބޭލް މި ގޯލް ކާމިޔާބުކުރީ މާކޯ އެސެންސިއޯ ނަގައިދިން ހުރަހަކުންނެވެ. މި ގޯލް ޖެހުމުގެ ކުރިންވެސް ބޭލް ވަނީ ގެޓާފޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވައިލައިފައެވެ. ބޭލް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
ރެއާލްއަށް ތިންވަނަ ގޯލެއް ކާމިޔާބުކޮށްދޭން އެންމެ ރަގަޅު ފުރުސަތެއް ދެން ލިބުނީ އެސެންސިއޯއަށެވެ. ދެ ވަނަ ހާފްގައި ލިބުނު މި ފުރުސަތުގައި އެސެންސިއޯ ގެޓާފޭގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަވެސް ގޮސް ޖެހުނީ ގޯލް ދަނޑީގައެވެ. ގެޓާފޭއަށް މި މެޗްގައި ލަނޑެއް ޖަހަން ލިބުނު ހަމައެކަނި ފުރުސަތު އެ ޓީމުން ހޯދީ މެޗްގެ އިތުރު ވަގުތުގެ ތެރޭގައެވެ. ގެޓާފޭ ގެ އެންހެލް ރެއާލްގެ ގޯލަށް ފޮނުވާލި އެ ބޯޅަ ކީޕަރު ނަވާސް މަތަކުރީ ފަސޭހަކަމާއެކުއެވެ.
ރޭ ކުޅުނު ލަލީގާ ގެ އެހެން މެޗަކަށް ބަލާއިރު ސެވިއްޔާއިން ވަނީ ރަށުން ބޭރުގައި 1-4 އިން ރަޔޯ ވަލްކާނޯ ބަލިކޮށްފައެވެ. މި މެޗްގައި ސެވިއްޔާއިން ޖެހި 4 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިފައިވަނީ ފުރަތަމަ ހާފްގައެވެ. މި މެޗްގައި މި ސީޒަނަށް އޭސީ މިލާނުން ލޯނު އެއްބަސްވުމެއްގައި ސެވިއްޔާއަށް ބަދަލުވި އެންދްރޭ ސިލްވާ ވަނީ ހެޓްރިކް ހަދާފައެވެ. އުމުރުން 22 އަހަރުގެ ޕޯޗުގަލްގެ ސިލްވާ އަށް މިދިޔަ ސީޒަނުގައި އޭސީ މިލާނުގެ ޖޯޒީގައި ލީގުގައި ޖެހުނީ އެންމެ ދެ ގޯލެވެ.
Advertisement


Leave a Reply