މެސީގެ ކެޕްޓަންކަމުގައި ބާސާގެ ފެށުން ރަނގަޅު ކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ޑިޕޯޓިވޯ އަލަވެސް 3-0 އިން ބަލިކޮށް މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން ބާސެލޯނާއިން ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ބާސާއިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ލިއޮނަލް މެސީ އެވެ. މެސީ އަކީ އާ ސީޒަނަށް އެޓީމުން ކަނޑައެޅި ކެޕްޓަނެވެ. މިދިޔަ ސީޒަނުގައި އެޓީމުގެ ކެޕްޓަނަކަށް ހުރީ މިހާރު ޖަޕާން ލީގަށް ބަދަލުވެފައިވާ އެންދްރެސް އިނިއެސްޓާއެވެ.
ރޭގެ މެޗުގައި މެސީ ފުރަތަމަ ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 63 ވަނަ މިނެޓުގައެވެ. މިއީ ލަލީލާގައި ބާސާއިން ޖެހި 6000 ވަނަ ގޯލެވެ. ބާސާގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ މިދިޔަ ޖެނުއަރީ މަހު އެޓީމާ ކުޅުނު ފިލިޕް ކުޓީނިއޯ އެވެ. ކުޓީނިއޯ އަށް މި ލަނޑު ޖަހަން އެހީތެރިވެދިނީ އާ ސީޒަނަށް އެޓީމާ ގުޅުނު އަރްތުރް އެވެ. އަރްތުރް މި މެޗުގައި ކުޅެން ނުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މެޗުގައި މެސީގެ ދެވަނަ ގޯލު ޖެހީ އިތުރު ވަގުތުގައެވެ. މި ލަނޑު މެސީ ޖެހީ ލުއިސް ސުއަރެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލަވެސް ޓީމުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހުއެވެ.
ރޭ މެސީ ޖެހި ދެ ލަނޑާއެކު ވޭތުވެދިޔަ 15 ސީޒަނުގައިވެސް ސްޕެނިޝް ލަލީގާގައި މެސީ ވަނީ ގޯލު ޖަހާފައެވެ. ބާސެލޯނާ ލީގުގައި ޖެހި 5000 ވަނަ ގޯލު މީގެ އަށް އަހަރު ކުރިން ޖަހައިދިނީވެސް މެސީ އެވެ. މެސީގެ މި ރެކޯޑާއެކު އޭނާވަނީ ބާސެލޯނާ ސްޕެނިޝް އެއްވަނަ ޑިވިޝަނުގައި ޖެހި ލަނޑުތަކުގެ ތެރެއިން 6.4 ޕަސެންޓް ލަނޑުގައި ހިއްސާވެފައެވެ.
ލަލީގާގައި ރޭ ވިޔަރެއާލް ކުޅުނު މެޗުގައި އެޓީމު ވަނީ ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން ބަލިވެފައެވެ. މި މެޗުގައި ވިޔަރެއާލާ އަލަށް ގުޅުނު ސަންތި ކަޒޯލާ ވަނީ ކުޅެން ނުކުމެފައެވެ. ކަޒޯލާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ އާސެނަލްގައި އުޅުނުއިރު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އާސެނަލްގައި މޮޅު ކުޅުމެއް ދެއްކި ކަޒޯލާ ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އުޅުނީ އަނިޔާގައެވެ.
ސްޕެނިޝް ލަލީގާއި މިރޭ ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ނުކުންނާނީ ގެޓާފޭއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގައެވެ. ރެއާލް ވަނީ އެންމެ ފަހުން ކުޅުނު ޔޫއެފްއާ ސުޕަރ ކަޕްގައި އެތްލެޓިކޯ މެޑްރިޑް އަތުން 4-2 އިން ބަލިވެފައެވެ.
Advertisement


Leave a Reply