ޗެލްސީއަށް މޮޅެއް، ކޭންވެސް އެންމެ ފަހުން ގޯލް ޖަހައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި 3-2 އިން ޗެލްސީން އާސެނަލް ބަލިކުރި އިރު ހެރީ ކޭންގެ ގޯލާއެކު ޓޮޓެންހަމް ހޮޓްސްޕާސް ވެސް މޮޅުވެއްޖެ އެވެ. ޓޮޓެންހަމް މޮޅުވީ ޕްރިމިއަރ ލީގަށް އަލަށް ޕްރޮމޯޓްވި ފުލަމްއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކޭން ޖެހި ގޯލަކީ ޕްރިމިއަރ ލީގުގެ ތާރީހުގައި އޮގަސްޓް މަހު ކޭން ޖެހި ފުރަތަމަ ގޯލެވެ.
އަމިއްލަ ދަނޑުގައި ރޭ ޗެލްސީއާ އާސެނަލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗު ފެށިގެން ޗެލްސީއަށް ލީޑު ނަގައިދިނީ މާކޮސް އެލޮންސޯ ނަގައިދިން ހުރަހަކުން ޕެޑްރޯ ރޮޑްރިގޭޒް އެވެ. އޭގެ ދިހަ މިނެޓު ފަހުން ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ދެގޯލު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ހެންރިކް މިކިތާރިޔަން އާއި އެލެކްސް އިވޯބީ އެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީއަށް މޮޅުވި ލަނޑު ޖަހައިދިނީ އެލޮންސޯ އެވެ. 81 ވަނަ މިނެޓުގައި އެލޮންސޯ މި ލަނޑު ޖެހީ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް އެޑެން ހެޒާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ހެޒާޑް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މޮޅާއެކު ފުރަތަމަ ދެމެޗުންވެސް މޮޅުވެ ޗެލްސީ ވަނީ ލީގުގެ ފެށުން ރަނގަޅު ކޮށްފައެވެ.
ރޭ އަމިއްލަ ދަނޑުގައި ފުލަމް އާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް 3-1 އިން މޮޅުވި އިރު އެ މެޗަކީ އެޓީމުގެ ހެރީ ކޭންއަށް ހާއްސަ މެޗެކެވެ. މީގެ ކުރިން ޕްރިމިއަރ ލީގުގައި އޮގަސްޓް މަހު ކުޅުނު 14 މެޗުގައިވެސް ކޭންއަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް މެޗު ނިމެން 13 މިނެޓަށް ވެފައިވަނިކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކޭން ޓޮޓެންހަމްގެ ތިންވަނަ ލަނޑު ޖެހިއެވެ. ކޭން ވަނީ މިދިޔަ ސީޒަނުގައި ޓޮޓެންހަމްއަށް ކުޅުނު 59 މެޗުގައި 52 ގޯލު ޖަހާފައެވެ. މިދިޔަ ސީޒަނުގައި ކޭންގެ ފުރަތަމަ ގޯލު ފެނުނީ ސެޕްޓެމްބަރ މަހުއެވެ. ވޭތުވެދިޔަ ފަސް ސީޒަނުގައި އޮގަސްޓް މަހު ކޭންވަނީ ލަނޑެއް ނުޖެހި 1065 މިނެޓު ހަމަކޮށްފައެވެ.
ރޭގެ މެޗުގައި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޓޮޓެންހަމް އަށް ލަނޑު ޖަހައިދިނީ ލޫކަސް މޮއުރާ އެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ފުލަމް ގެ އެލެކްސަންޑަރ މިޓްރޮވިޗް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗު އެއްވަރު ކުރުމަށްފަހުވެސް ފުލަމް އިން ވަނީ މޮޅަށް ކުޅެ ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ޓޮޓެންހަމްއިން ލީޑު ނެގީ އެޓީމުގެ ފަހަތަށް ކުޅޭ ކިއެރަން ޓްރެޕިއަރ ވައްދާލި ހިލޭ ޖެހުމަކުންނެވެ. އެއަށްފަހު ޓޮޓެންހަމްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ ކޭން އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަށް ޕްރޮމޯޓްވި ކާޑިފް ސިޓީއާ ނިއުކާސަލް ޔުނައިޓެޑް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ސީޒަނަށް ވަރުގަދަ ކުރި އެވަޓަން 2-1 އިން ސައުތުހަމްޓަން ބަލިކުރިއިރު އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީ ވަނީ ވުލްވްސް 2-0 އިން ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވެސްޓްހަމް ޔުނައިޓެޑް ވަނީ ބޯންމައުތާ ވާދަކޮށް 2-1 އިން ބަލިވެފައެވެ.
ޕްރިމިއަރ ލީގުގައި މިރޭވެސް ތިން މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:30 ގައި މެންޗެސްޓަރ ސިޓީ ހަޑަސްފީލްޑާ ދެކޮޅަށް ނުކުންނައިރު ހަމަ އެގަޑީގައި ބާންލީ ނުކުންނީ ވެޓްފޯޑާއި ދެކޮށެވެ. މިރޭ 8 ޖަހާއިރު ކުޅޭ މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި ނުކުންނާނީ ބްރައިޓަން އާއި ދެކޮޅަށެވެ.
Advertisement


Leave a Reply