އެތްލެޓިކޯއިން ރިއާލް ރޮއްވާލީ އިތުރު ވަގުތުގައި
90 މިނިޓުގެ ކުޅުން ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގައި ކޮކޭ އާއި ސައުލްގެ ގޯލުތަކުން ރިއާލް މެޑްރިޑް ރޮއްވާލުމަށްފަހު އެތްލެޓިކޯ މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބު ކޮށްފިއެވެ.
މިއީ ރިއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޯޗް ޒައިނުއްދީން ޒިދާން ޓީމު ދޫކޮށް ދިޔަފަހުން އެޓީމުން ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ. ރިއާލްގެ އާ ކޯޗު، ހޫލެން ލޮޕެޓެގީ ރޭގެ މެޗުގައި ރޮނާލްޑޯގެ ބަދަލަށް ފުރަތަމަ އެގާރާގައި ހިމަނާފައި ވަނީ ޒުވާން ކުޅުންތެރިޔާ މާކޯ އަސެންސިއޯ އެވެ. ނަމަވެސް އަލަށް ގެނައި ގޯލްކީޕަރު ތިބައު ކޯޓުއާ ޓީމުގައި ހިމަނާފައެއް ނުވެއެވެ.
އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އެޓީމަށް އަލަށް ގެނައި ތޯމަސް ލެމާ ރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނައިފައެވެ.
މެޗު ފެށިގެން ފުރަތަމަ މިނިޓުގައި ޑިއޭގޯ ކޯސްޓާ އެތްލެޓިކޯއަށް ލީޑު ނަގާދީފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެރެތު ބޭލްގެ އެހީތެރިކަމާއެކު ކަރީމް ބެންޒެމާ ވަނީ ރިއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި ރިއަލް އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުވެސް ނަގާފައެވެ. ރިއަލް އަށް ލީޑު ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ރާމޯސް މި ލަނޑު ޖެހީ އެތްލެޓިކޯގެ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރު، ހުއާންފްރާންގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައެވެ.
ރިއާލް އިން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ، މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކޯސްޓާ ވަނީ އިތުރު ލަނޑެއް ޖަހާ އެތްލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
2-2 އިން 90 މިނިޓު ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުތަމަ ހާފުގައި އެތްލެޓިކޯގެ ސައުލް ނިގޭޒް ވަނީ އެތްލެޓިކޯއަށް އަލުން ލީޑު ނަގާދީފައެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ކޮކޭ ވަނީ އިތުރު ލަނޑެއް ޖަހާ، އެޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.
މިއީ އެތްލެޓިކޯ މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. އެތްލެޓިކޯ އިން ޔޫއެފާ ސުޕަރ ކަޕުގައި ކުޅުނު އެއްވެސް ފަހަރަކު އެޓީމު ބަލިވެފައި ނުވާއިރު، ތިން ފަހަރުވެސް ސުޕަރ ކަޕް ކުޅުނީ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.
މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރިއާލް މެޑްރިޑު ވަނީ 7 ފަހަރު ޔޫއެފާ ސުޕަރ ކަޕް ކުޅެ، 4 ފަހަރު ކާމިޔާބު ހޯދާފައެވެ.
Advertisement
Leave a Reply