އޮންލީއަށްޓަކައި ގަމުން މިރޭ ކުޅޭނީ ކަށިން ހިތްވަރު ނެރެގެން
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ މާފަންނު ޓީމާއި ދެކޮޅަށް ނުކުންނާނީ މެޗަށް ސަސްޕެންޑް ވެފައިވާ ގަމު ޓީމުގެ ތަރި ހުސައިން ޝަރީފް (އޮންލީ) އަށްޓަކައި ކާމިޔާބު ހޯދަން ކަމަށް އެޓީމުން ބުނެފިއެވެ. ގަމު ޓީމުގެ މެނޭޖަރ ސަމާހް އަބްދުއްރަޝީދު “ފަހުމިނެޓް” އާ ވާހަކަ ދައްކަމުން ބުނީ އޮންލީއަކީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށާއި، އޮންލީ ސަސްޕެންޑް ވިޔަސް ޓީމުގެ ހުރިހާ ވިސްނުމެއް ހުރީ އޮންލީއަށްޓަކައި ރަށަށް ތަށި ހޯދައިދިނުމަށް ކަމަށެވެ.
“އޮންލީ ނެތުމަކީ ޓީމަށް ލިބޭނެ ގެއްލުމެއް. ފައިނަލަށް ދިއުމުގައި އޮންލީގެ ބޮޑު ދައުރެއް އޮތް. ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ އޮންލީއަށްޓަކައި މި މެޗު ކާމިޔާބުކުރަން. އިރާދަކުރެއްވީޔާ އޮންލީ ބޭރުގައި ބަހައްޓައިގެން މިރޭގެ މެޗު ކާމިޔާބު ކުރެވޭނެ. ޓީމުގެ މުހިއްމު އެހެން ކުޅުންތެރިއަކުވެސް މިރޭގެ މެޗަށް ޓީމާ ގުޅޭނެ” ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާއާ ގުޅޭގޮތުން ސަމާހް ބުންނެވެ.
މި މެޗަށް އޮންލީ ސަސްޕެންޑް ވީ ސެމީ ފައިނަލްގައި ތ. ތިމަރަފުށްޓާއި ދެކޮޅަށް ކުޅުނު މެޗުގައި ރީނދޫ ކާޑު ދެއްކުމުންނެވެ. އޮންލީ އަކީ ފުޓްސަލްގެ ބޮޑެތި ހުރިހާ މުބާރާތެއްގައިވެސް ކުޅޭ ގިނަ ޓީމުތަކުން ޖެހިލުންވާ ކުޅުންތެރިއެކެވެ. މިފަހަރުގެ މުބާރާތުގައިވެސް ގަން ޓީމު ފައިނަލަށް ގެންގޮސްދިނުމުގައި އޮންލީ ވަނީ ޓީމުގެ ފަހަތް ބެލެހެއްޓުމުގެ އިތުރުން މުހިއްމު ލަނޑުތަކެއްވެސް އެޓީމަށް ޖަހައިދީފައެވެ.
ފައިނަލުގައި ވާދަކުރާ މާފަންނު ޓީމަކީވެސް ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ނިސްބަތްވާ ޓީމެކެވެ. އޭގެތެރޭގައި މުހައްމަދު އިމްރާން (އިއްމި) އާއި މުހައްމަދު ލިޔާހް ފާހަގަ ކޮށްލެވެއެވެ.
“މާފަންނު ޓީމަކީ ވަރަށް އޯގަނައިޒްކޮށް ކުޅޭ ޓީމެއް. އެޓީމުގައި އެބަތިބި ވަރަށް ވަރުގަދަ ކުޅުންތެރިންވެސް އެކުޅުންތެރިން ހިފަހައްޓަން ގަމަށް އުނދަގުލެއް ނުވާނެ. ފައިނަލުގައި މާފަންނާ ކުޅެން ޖެހުމަކީ ޓީމުން އިތުރަށް ހިތްވަރު ނެރޭނެ ކަމެއް. މި މެޗުގަ ގަމަށް އޮތް އެޑްވާންޓޭޖް ކުޑައެއް ނޫން” ޕެނަލްޓީ ޖަހައިގެން ތ. ތިމަރަފުށި ބަލިކޮށް ފައިނަލަށް ދަތުރުކުރި ޓީމުގެ މެނޭޖަރު ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ރަށުގައި ތިބި ސަޕޯޓަރުންނާއި މާލޭގައި ތިބި ސަޕޯޓަރުންނަށްވެސް ޓީމުގެ މޭނެޖަރ ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި، މި މެޗުގައި ގަމު ޓީމަށް ސަޕޯޓް ކުރުމަށް މާލޭގައި ތިބި ލ. އަތޮޅަށް ނިސްބަތްވާ ފަރާތްތައް ދަނޑަށް ދިއުމަށް އެޓީމުން އެދެއެވެ.
ގަމަކީ ފަހަކަށް އައިސް ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކުރާ ރަށެވެ. އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި ޔޫތް ފުޓްސަލް ޗެލެންޖުގައި އެޓީމުން ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ މުބާރާތުގެ ފައިނަލުގައި އެޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. މިހާތަނަށް ފުޓްސަލް މުބާރާތެއްގެ ތަށި އަމިއްލަ ރަށަށް ހޯދައިދެވިފައި ނުވިނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށް އެޓީމުގެ އުއްމީދަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ނަމަށް ވުމެވެ.
“ވަރަށް ބޮޑު އުއްމީދެއް މިރޭގެ މުބާރާތް ކާމިޔާބު ކުރުމަކީ. މުޅި ޓީމުން ފަހުރުވެރި ވާނެކަމެއް އެއީ. މެނޭޖްމަންޓްވެސް އެދިއެދި ތިބީ މިރޭގެ މެޗުން މޮޅުވާން. ސަޕޯޓަރުން ޓީމާއެކު ތިބެ ސަޕޯޓް ކޮށްދިނުމަށް އެދެން” ފުޓްސަލްގެ ފުރަތަމަ ތައްޓަށް އަމާޒު ހިފާފައިވާ ގަމު ޓީމުގެ މޭނެޖަރު ބުންޏެވެ.
މުބާރާތުގައި ގަމު ޓީމު އެންމެ ފުރަތަމަވެސް ފެނުނީ ޒޯން ބުރުގައެވެ. އަތޮޅު މުބާރާތުގައި އެރަށުން އެކަނި ބައިވެރިވުމުން އެޓީމު ޒޯނަށް ކޮލިފައިވީ އޮޓަމެޓިކުންނެވެ. ޒޯން މުބާރާތުގެ ޗެމްޕިއަންކަން އެޓީމު ހޯދޫ ގއ. ދާންދޫ އަދި ގދ. ތިނަދޫ ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ގަދަ 16 ގެ މެޗުގައި އެޓީމު ވަނީ ފ. ނިލަންދޫ 5-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އެއަށްފު ކުއާޓާ ފައިނަލުގައި އެޓީމު ވަނީ ރ. އަލިފުށި ބަލިކޮށްފައެވެ. ސެމީ ފައިނަލުގައި އެޓީމު ވާދަކުރަން ޖެހުނީ ފުޓްސަލްގެ އެންމެ ވަރުގަދަ އެއްރަށް ތ. ތިމަރަފުށްޓާއެވެ. އެމެޗު އެޓީމުން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ.
މުބާރާތުގެ ފައިނަލުގައި ވާދަކުރާ މާފަންނު ޓީމު ފުރަތަމަވެސް ފެނުނީ ގަދަ 16 ގެ މެޗުގައެވެ. މާލެއިން އިތުރު އެއްވެސް ޓީމެއް ބައިވެރިވެފައި ނުވާތީ އެޓީމުވެސް ގަދަ 16 އަށް ދަތުރު ކުރީ އޮޓަމެޓިކުންނެވެ. ގަދަ 16 ގެ މެޗު ހއ. ވަށަފަރާއި ބައްދަލުކޮށް މޮޅުވިއިރު ކުއާޓާއި އެޓީމު ވާދަކުރީ ކ. މާފުށްޓާއެވެ. އެމެޗުގެ 1-0 އިން މޮޅުވި އިރު އެޓީމުން ފައިނަލަށް ދިޔައީ މުބާރާތުގައި ރަނގަޅު ވާދައެއް ކުރަމުންއައި ބ. އޭދަފުށި ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގައި މުބާރާތް ކުރިއަށްދާ މާފަންނު މިނީ ގްރައުންޑުގައެވެ. މިފަހަރުގެ މުބާރާތުގައި 55 ރަށަކުން ބައިވެރި ވެފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފަވާއިރު، ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވެއެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ސ. ފޭދޫ ބަލިކޮށް ހޯދީ ހެންވޭރު ޓީމެވެ.
Advertisement
Leave a Reply