ދާދުގެ މޮޅު ކުޅުމާއެކު ރަހްމަތްތެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

Advertisement

ދާދުގެ މޮޅު ކުޅުމާއެކު ރަހްމަތްތެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ

ޢަލީ ޝަހީމް
މިރޭގެ މެޗުގައި ކުޅުނު ރާއްޖޭ ޓީމުގެ ފުރަތަމަ އެގާރަ. ފޮޓޯ: ގައުމީ ފުޓްބޯޅަ ޓީމް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން މިރޭ މޮޅުވެއްޖެއެވެ. ގަތަރުގެ ދެވަނަ ޑިވިޝަނުގެ އަލް މަހިޔާ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗު ރާއްޖޭގެ ޓީމު ކާމިޔާބު ކުރީ 4-3 އިންނެވެ. ގަތަރުގައި ކުޅުނު މިމެޗު ފެށީ މިރޭ ރާއްޖެ ގަޑިން 9 ޖެހިއިރުއެވެ.

މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ޕީޓަ ސެގާޓް ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. ޓީމުގެ އެންމެ ކުރިއަށް ހަސަން ނާއިޒް (ދާދު) ކުޅުނުއިރު އޭނާއާއެކު އެޓޭކުގައި ހިމަނާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހީމް ވަހީދު ހަސަން އަދި ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ޓީމުގެ ޑިފެންސް ލައިންގައި ވިކްޓްރީއަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސައިން ނިހާނާއި ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރ ސާމިރު މުހައްމަދަށް ވެސް ކޯޗު ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-1 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު ދާދުގެ އެހީތެރިކަމާއެކު ޖެހީ ހަމްޕު އެވެ. ދެވަނަ ލަނޑު ދާދު ޖެހިއިރު ތިންވަނަ ލަނޑު ޖެހީ ދުވަސްތަކަކަށްފަހު ގައުމީ ޓިމުން ފުރުސަތު ލިބެންފެށި ހުނަރުވެރި މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލް މަހިޔާ ޓީމުން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި މަހިޔާ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ރާއްޖެއަށް ޕްރެޝަރ ކޮށްފައެވެ. 3-2 ގައި ނަތީޖާ އޮއްވައި ރާއްޖެއަށް ހަތަރުވަނަ ލަނޑު ޖަހައިދިނީވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކި ދާދު އެވެ. ދާދު އަކީ އެންމެ ފަހުން ގައުމީ ޓީމު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖެހި ކުޅުންތެރިއެކެވެ. 4-2 އިން ރާއްޖޭން މެޗު ކާމިޔާބު ކުރަން ދަނިކޮށް މަހިޔާ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި 4-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.

ގަތަރުގައި ޓްރެއިނިން ފުރިހަމަ ކުރަމުންދާ ގައުމީ ޓީމު ޕާކިސްތާނާ ދެކޮޅަށް މެޗެއް ކުޅެން ރާވަމުން ދާކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނާ ބައްދަލުކުރާ މެޗު މިމަހުގެ 26 ވަނަ ދުވަހު ގަތަރުގައި ކުޅެވޭތޯ ގައުމީ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަންނަމަހުގެ 4 އިން 15 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ހިމެނެނީ އިންޑިޔާއާއި ސްރީ ލަންކާ އެވެ. މުބާރާތް ބާއްވާ ބަންގްލަދޭޝްއާއެކު ދެން ހިމެނެނީ ނޭޕާލާއި ބޫޓާނާއި ޕާކިސްތާން އެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *