އަސްކަރީ ހިދުމަތުން ސަލާމަތްވާން ސޮންއަށް އޮތީހަމަ އެންމެ ގޮތެއް

Advertisement

އަސްކަރީ ހިދުމަތުން ސަލާމަތްވާން ސޮންއަށް އޮތީހަމަ އެންމެ ގޮތެއް

ޢަލީ ޝަހީމް

ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އަސްކަރީ ހިދުމަތުން ސަލާމަތްވުމުގެ އުއްމީދުގައި އޭޝިއަން ގޭމްސްގައި ވާދަކުރާ ދެކުނު ކޮރެއާގެ ޓީމާއި އިއްޔެގެ ވަގުތެއްގައި ގުޅިއްޖެއެވެ. ޒުވާން ކުޅުންތެރިންނަށް އަމާޒުކުރާ މި މުބާރާތުގައި އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ސޮން ޓީމުގައި ހިމެނީ ސީނިއަރ ކުޅުންތެރިން ހިމަނަން ލިބޭ ޖާގައެއްގައެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާގޮތުން އެގައުމުގެ ފިރިހެނުން 28 އަހަރު ފުރުމުގެ ކުރިން އަސްކަރީ (މިލިޓަރީ) ހިދުމަތް އަދާކުރުން މަޖުބޫރެވެ. ސޮންއަށް މިހާރު 26 އަހަރު ފުރިފައިވާއިރު ގާނޫނު ބުނާގޮތުން އޭނާ ދެން ނުކުންނަން ޖެހޭނީ އަސްކަރީ ހިދުމަތަށެވެ. އަސްކަރީ ހިދުމަތުގައި 21 މަސްދުވަސް އޭނާ ހޭދަކުރަން ޖެހޭނެއެވެ.

Advertisement

ސޮންއަށް އަސްކަރީ ހިދުމަތުގައި ބައިވެރިނުވެ ސަލާމަތް ވެވެން އަންނަނީ މިއަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބު ކޮށްގެންނެވެ. އެގައުމުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ ކުޅިވަރުގައި ޓީމުތަކުން ހޯދާފައިވާ ކާމިޔާބީއަށް ބަލައި އަސްކަރީ ހިދުމަތް ފުރިހަމަ ކުރަން ނުޖެހޭގޮތް ހަދާފައެވެ. އެގޮތުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ކެޓީ ޓީމާއި 2006 ވަނަ އަހަރުގެ ބޭސްބޯލް ކްލަސިކް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު އެގައުމުގެ ބޭސްބޯލް ޓީމަށް އަސްކަރީ ހިދުމަތް އަދާކުރާކަށް ނުޖެހުނެވެ. އަސްކަރީ ހިދުމަތުން ސަލާމަތްވާ ދެކުނު ކޮރެއާގެ ފުޓްބޯޅަ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕްގައިވެސް ވަނީ ޓާގެޓެއް ކަނޑައަޅާފައެވެ. އެއީ އެންމެ ދަށްވެގެން ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމެވެ. ނަމަވެސް ޖާމަނީއާއި ސްވިޑެން އަދި މެކްސިކޯ ހިމެނުނު ގްރޫޕުގެ ގަދަ ދެޓީމުގެ ތެރެއިން އެޓީމަށް ފުރުސަތެއް ނުލިބުނެވެ.

އިންޑޮނޭޝިޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި 25 ގައުމަކުން ވަނީ ބައިވެރިވެފައެވެ. ފުޓްބޯޅަ އިވެންޓް މިމަހުގެ 10 ވަނަ ދުވަހު ފަށާފައިވާއިރު މުބާރާތް ކުރިއަށް ދާނީ އަންނަމަހުގެ އެއްވަނަ ދުވަހާއި ހަމައަށެވެ.

އޭޝިއަން ގޭމްސްގައި ކުޅުމަށް އޭނާ ކުޅޭ ކްލަބް ޓޮޓެންހަމުން ވީއްލީއިރު އޭނާއަކީ އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އާސިޒަން ފެށިތާ ދެދުވަސްފަހުން ސޮން ގައުމީ ޓީމާއި ގުޅުނުއިރު އޭނާއަށް ޕްރިމިއަރ ލީގުގެ މުހިއްމު މެޗުތަކެއް ގެއްލޭނެއެވެ. އޭގެތޭރެގައި އޮގަސްޓް 27 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އޭޝިއަން ގޭމްސްގައި ދެކުނު ކޮރެއާ ޓީމު މާދަމާ ބަހްރޭނާއި ދެކޮޅަށް ކުޅޭ މެޗުގައި ސޮން ފެނުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު މެލޭޝިޔާއާއި ދެކޮޅަށް ކުޅޭ މެޗާއި މިމަހުގެ 20 ވަނަ ދުވަހު ކްރިގިސްތާނާއި ކުޅޭ މެޗުގައި ސޮން ޓީމުން ފެންނާނެ ކަމަށް ބެލެވެއެވެ.

އޭޝިއަން ގޭމްސް ފުޓްބޯޅަ މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ ސޮން ދެއަހަރު ދުވަހަށް ފުޓްބޯޅައިން ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސޮން ދެ އަހަރަށް ގެއްލިދާނެކަމުގެ ބިރު އޮތުމާއެކު އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނިއޯ މިހާރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓޮޓެންހަމްއަށް 100 މެޗު ސޮން ކުޅެދީފައިވާއިރު އޭނާ ވަނީ 30 ގޯލު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އޭނާއަކީ ޕްރިމިއަރ ލީގުގެ ތާރީހުގައި އޭޝިއާއަށް ނިސްބަތްވާ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ޓޮޓެންހަމްގެ އިތުރުން ގައުމީ ޓީމުގައި ސޮންއަކީ މުހިއްމު ކުޅުންތެރިއެކެވެ. 2010 އިން ފެށިގެން ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 70 މެޗުގައި އޭނާ ވަނީ 23 ގޯލު އެގައުމަށް ޖަހައިދީފައެވެ.

ކޮންމެއަކަސް އޭޝިއަން ގޭމްސްގައި ގައުމު ގޮވައިގެން ސޮން ކުރާ ދަތުރަކީ އުނދަގޫ ދަތުރެކެވެ. ތައްޓާއެކު ސޮން އެނބުރި ގައުމަށް ގޮސްފިނަމަ އެއީ ކޮރެއާގެ އިތުރުން ޓޮޓެންހަމަށްވެސް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *