ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ހުޅުވުން ލަސްވެއްޖެ

ސަލާމަތީ ކަންކަމާހުރެ، އިނގިރޭސި ކުލަބް ޓޮޓެންހަމް ހޮޓްސްޕާއިން އެޓީމުގެ އާ ސްޓޭޑިއަމް ހުޅުވުން ފަސްކޮށްލައިފިއެވެ.
ޓޮޓެންހަމް އިން އާ ސްޓޭޑިއަމްގައި އެމީހުންގެ ފުރަތަމަ މެޗު ކުޅުމަށް ކުރިން ތާވަލު ކޮށްފައި އޮތީ ސެޕްޓެމްބަރ 15 ގައި ލިވަރޕޫލް އާ ދެކޮޅަށް ލީގުގައި ނުކުންނަ މެޗަށެވެ. ނަމަވެސް އެމެޗު މިހާރު ވަނީ ވެމްބްލީގައި ކުޅޭގޮތަށް ހަމަޖެހިފައެވެ. އެއަށް ފަހު 6 އޮކްޓޫބަރުގައި ކާޑިފް ސިޓީއާއެކު ކުޅެން އޮތް މެޗުވެސް މިހާރު ކުޅެވިގެން ދާނީ ވެމްބްލީ ސްޓޭޑިއަމްގައެވެ.
އެންމެ އަވަހަށްވެސް ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި މެޗެއް ކުޅެވިގެން ދާނެކަމަށް ލަފާކުރަނީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެވިގެންދާ މެޗެވެ. ނަމަވެސް އެމެޗު ކުޅޭނެ ސްޓޭޑިއަމް އެއް އަދި މުޅިއަކުން ފައިނަލެއް ނުކުރެއެވެ.
ޓޮޓެންހަމްގެ އާ ދަނޑުގައި އޮޚްޓޫބަރު 14 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެންއެފްއެލް (ނެޝެނަލް ފުޓްބޯލް ލީގު) މެޗެއްވެސް މިކަމާ ގުޅިގެން މިހާރު ވަނީ ވެމްބްލީ ސްޓޭޑިއަމް އަށް ބަދަލު ކޮށްފައެވެ.
އެމީހުންގެ ކުރީގެ ދަނޑު، ވައިޓް ހާޓް ލޭން ހުރި ބިމުގައި އަޅާފައިވާ އާ ދަނޑަކީ 62،062 މީހުންގެ ޖާގައިގެ ދަނޑެކެވެ. މިއީ ކުރީގެ ދަނޑުގެ ޖާގައަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްއަށް ސޭފްޓީ ލައިސެންސް ލިބުން ލަސްވުމާގުޅިގެން ދަނޑު ހުޅުވުން ލަސްވެފައި ވާތީ، އެޓީމުގެ ޗެއާމަން ޑެނިއެލް ލެވީ ވަނީ، ޓޮޓެންހަމްގެ ސީޒަން ޓިކެޓް ހޯލްޑަރުންނާއި އެޓީމުގެ ހުރިހާ ސަޕޯޓަރުންގެ ކިބައިންވެސް މާފަށް އެދިފައެވެ.
Advertisement


Leave a Reply