ކާރުދުއްވަން އިނދެ ފޯނު ބޭނުންކުރުމުން ޞަލާޙް ހޫނުފެނަށް

Advertisement

ކާރުދުއްވަން އިނދެ ފޯނު ބޭނުންކުރުމުން ޞަލާޙް ހޫނުފެނަށް

ޢަބްދުﷲ އަޝްރަފް
ސަލާހް އޭނާގެ ސަޕޯޓަރަކާއެކު.

ލިވަރޕޫލްގެ ފޯވާޑް މުޙައްމަދު ޞަލާޙް ކާރުދުއްވަން އިނދެ ފޯނު ބޭނުންކުރަމުން ދަނިކޮށް ނަގައިފައިވާ ވީޑިޔޯ ފުޓޭޖްތަކެއް އާއްމުވުމުން އެ މައްސަލަ އެ ކުލަބުން ފުލުހުންނަށް ހުށަހަޅައިފިއެވެ. އިނގިރޭސި ވިލާތުގެ މާސޭސައިޑް ފުލުހުން ކުރި ޓްވީޓެއްގައި އެ ވީޑިޔޯ ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓަށް ހުށަހަޅައިފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މައްސަލައާ ގުޅޭގޮތުން ލިވަޕޫލްގެ ތަރުޖަމާނަކު ބުނެފައިވަނީ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ ކުޅުންތެރިޔާއާ ވާހަކަދެއްކުމަށްފަހުގައި ކަމަށެވެ. އަދި، މި މައްސަލައާ ގުޅިގެން ކުޅުންތެރިޔާއާ ދޭތެރޭ އަމަލުކުރާނެ ގޮތެއް ނިންމާނީ ކްލަބްގެ “އެތެރޭގައި” ކަމަށްވެސް ތަރުޖަމާނު ބުނެފައިވެއެވެ. “މި މައްސަލައާ ގުޅިގެން ކްލަބުންވެސް އަދި ކުޅުންތެރިޔާގެ ފަރާތުންވެސް އިތުރަށް އެއްވެސް ވާހަކައެއް ދެން ނުދައްކާނެ.” އޭނާ ބުނެފައިވެއެވެ.

ޓްވިޓާގައި ދައުރުވަމުން އަންނަ ވީޑިއޯގައި މިދިޔަ ސީޒަންގައި ލިވަރޕޫލަށް 44 ގޯލް ޖަހައިދިން ކުޅުންތެރިޔާ ޓްރެފިކްގައި ޖެހިގެން އިން ވަގުތު ޑްރައިވިންގ ސީޓްގައި އިނދެގެން ފޯނުން ސްކްރޯލް ކުރަމުން ދިޔަ މަންޒަރު ރީތިކޮށް ދައްކައިދެއެވެ. އެވަގުތު ކުޑަކުދިންވެސް ހިމެނޭހެން ގިނަ އަދަދެއްގެ ސަޕޯޓަރުން ޞަލާޙް ދުއްވަމުންއައި ކާރުގެ ވަށައިގެން ތިއްބެވެ. އެ މީހުން އުއްމީދުކޮށްގެން ތިބީ އެ ވަގުތު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލައި ޞަލާޙް އެމީހުންނަށް ސޮޔެއް ނަމަވެސް ދޭނެ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ޞަލާޙް ދިޔައީ އޭނާގެ އަތުގައި އޮތް ފޯނަށް ސަމާލުކަންދެމުންނެވެ. އެއަށްފަހު އަނެއްކާވެސް ކުޑަ ތަންކޮޅަކަށް ޞަލާޙް ކާރު ދުއްވާލި ތަން ފެނެއެވެ. އޭރުވެސް ޞަލާޙް ދިޔައީ އޭނާގެ އަތުގައި އޮތް ފޯނާ ކުޅެމުންޏެވެ. މި މަންޒަރު ނަގައިފައިވާ ކަމަށް ބެލެވެނީ މިދިޔަ އާދީއްތަ ދުވަހު ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗް ނިމުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ކާރުގެ އިންޖީނު ހިންގައިފައި ހުއްޓާ ދުއްވަން އިންނަ މީހަކު ފޯނުގައި އަތްލުމަކީ އިނގިރޭސިވިލާތުގައި ގާނޫނީ ކުށެކެވެ. އޭގެ އަދަބެއްގެ ގޮތުގައި ލައިސަންސް ހިފެހެއްޓުން ނުވަތަ އެއް ހާސް ޕައުންޑުން ޖޫރިމަނާ ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *