ކޮންޓޭ ހުރިނަމަ ޗެލްސީ ދޫކޮށްލީމުސް: ވިލިއަން

މިދިޔަ ދެސީޒަނުގައި ޗެލްސީގެ ކޯޗަކަށް ހުރި އެންޓޯނިއޯ ކޮންޓޭ މަގާމުގައި ހުރިނަމަ މި ސީޒަނުގައި ޗެލްސީގައި ހުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް އެޓީމުގެ ވިލިއަން ބުނެފިއެވެ. އިނގިރޭސި ޓްރާންސްފަރ ބާޒާރު މިހާރު ބަންދުވެފައިވާއިރު އާ ސީޒަނަށް ވިލިއަން ޗެލްސީ ދޫކޮށްލާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ.
ވިލިއަން ވަނީ ޓީމުގެ މިހާރު ކޯޗު މައުރީޒިއޯ ސާރީއަށް ތައުރީފް ކޮށްފައެވެ. ސާރީގެ ކޯޗުގެ ކަމުގެދަށުން ކުޅުނު ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ވަނީ 3-0 އިން ހަޑަސްފީލްޑް ބަލިކޮށްފައެވެ. މިމެޗުގެ ފުރަތަމަ އެގާރައިގައި ވިލިއަން ކުޅުނުއިރު ފުރަތަމަ ލަނޑު ޖަހަން ތަނަވަސް ކޮށްދިނީވެސް އޭނާއެވެ.
“މެނޭޖަރު (ސާރީ) އަހަރެމެން ކައިރީ ބުނަނީ ކުޅެން. ދަނޑުމަތީގައި އަހަރެމެން އަމިއްލަ ގޮތުގައި މަސައްކަތްކުރަން. އަހަރެމެން ޓީމުގެ ކުރީގައި އެބަތިބި ހެޒާޑާއި ޕެޑްރޯމެން ކަހަލަ ހުނަރުވެރި ކުޅުންތެރިން. އެ ކުޅުންތެރިން ބޭނުންވޭ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކަން” ކޮންޓޭ ކުޅުމުގެ ވައްޓަފާޅިއަށް ފާޑުކިއުމުގެ ގޮތުން ވިލިއަން ބުންޏެވެ.
ވިލިއަން ގެންދިއުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތައް ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުންވެސް ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު އޭނާވަނީ ޗެލްސީ ދޫކޮށްނުލާނެ ކަމަށްބުނެ ކްލަބުގައި މަޑުކުރަން ނިންމާފައެވެ. ކޮންޓޭ ހުރިނަމަ ޗެލްސީގައި މަޑުކުރާނަންތޯ އެހުމުން އޭނާ ބުނީ ކޮންޓޭއާއެކު ޗެލްސީގައި ހުރުމުގެ އެއްވެސް ފުރުސަތެއް ނެތްކަމަށެވެ.
“ނެތް ފުރުސަތެއް. ނެތް. އަހަރެން މި ކްލަބްގަ މިހުރީ ޗެލްސީއަށް ކުޅެން ބޭނުންވާތީ. ޗެލްސީ ދޫކޮށްލާނެ ހަމައެކަނި ގޮތަކީ ކްލަބުން އަހަރެން ދޫކޮށްލާން ބޭނުންވާނަމަ” ޗެލްސީގައި މަޑުކުރި ސަބަބު ހާމަކުރަމުން އުމުރުން 30 އަހަރުގެ ވިލިއަން ބުންޏެވެ.
ޕްރިމިއަރ ލީގުގައި ޗެލްސީ ދެންކުޅޭ މެޗުގައި ނުކުންނާނީ އާސެނަލްއާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުއެވެ. މިމެޗާ ގުޅޭގޮތުން ވިލިއަން ބުނީ ޗެލްސީ މިހާރު ކުޅެނީ މުޅިން އެހެން ފުޓްބޯޅައެއް ކަމަށާއި، އޭގެ ސަބަބުން އާސެނަލަށް މައްސަލަތައް ކުރިމަތި ކުރުވޭނެކަމަށެވެ.
“ޑާބީ މެޗަކަށް ވާތީ އެމެޗު ވަރަށް ހާއްސަވާނެ. އެއީ އަބަދުވެސް އުނދަގޫ މެޗެއް. މި ހަފްތާތެރޭ އަހަރެމެން ޖެހޭނެ އެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާން” އާ ކޯޗު ސާރީގެ ގޭމް ޕްލޭންގައި މުހިއްމު ދައުރެއް އަދާކުރާ ވިލިއަން ބުންޏެވެ.
މިދިޔަ ސީޒަނުގައިވެސް ވިލިއަންވަނީ ޗެލްސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު 55 މެޗުގައި އޭނާ ވަނީ 13 ގޯލު ޖަހާ 12 ލަނޑު ޖަހަން މަގުފަހި ކޮށްދީފައެވެ. ނަމަވެސް ކޮންޓޭއާ ޗެލްސީގެ މެނޭޖްމަންޓާ ޖެހުނު މައްސަލަތަކުގައި މުޅި ޓީމުގެ ކުޅުމަށް އަސަރުކޮށް މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގު އެޓީމު ނިންމާލީ ޓޭބަލްގެ ފަސް ވަނައިގައެވެ.
Advertisement


Leave a Reply