މިފަހަރު މިއޮތީ ރަށު ދެޓީމު ވާދަކުރާ މެޗުތަކުގެ ވާހަކަ

ދިވެހި ލީގަށްވުރެ އަތޮޅުތެރޭގެ މުބާރާތް (މިސާލަކަށް މިނިވަން ޗެމްޕިއަންޝިޕް) ފޯރިގަދައެއްނޫންހެއްޔެވެ؟ ގަލޮޅުދަނޑަށް މިހާރު ގިނަ ސަޕޯޓަރުން ވަންނަނީ މާލެއަށް ނިސްބަތްވާ ޓީމުތައް ކުޅޭއިރު ހެއްޔެވެ؟ ނޫނީ އަތޮޅުތަކުގެ ޓީމުތައް ކުޅޭއިރު ހެއްޔެވެ؟ މިސުވާލުގެތަކުގެ ޖަވާބު އެންމެންވެސް ދޭނީ އެއްގޮތަކަށެވެ. ދިވެހި ފުޓްބޯޅަ ކުރިއަށް ގެންދިއުމަށް ބޭރުގެ ޤައުމުތަކޭ އެއްގޮތަށް އެކިސިޓީތަކަށް ނުވަތަ ރަށްތަކަށް ނިސްބަތްވާ ޓިމުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭކަހަލަ ގޮތަކަށް ރޭވިއްޖެނަމަ ފުޓުބޯޅައިގެ ފޯރި ރާއްޖޭގައި ގަދަވެގެންދާނެކަން ޔަޤީނެވެ. އެހެންނަމަވެސް އެހިސާބަށް ދާން އަދި ލައްކަދުވަސް ނަގާނެހެން ހީވެއެވެ. މިހެން މިބުނަން ޖެހެނީ ފުޓްބޯޅައިގެ ފެންވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަހަމަވެގެން ނޫނީ އެގޮތަށް ރޭވިޔަސް މާ ވާދަވެރި ފުޓްބޯޅައެއް އަދި ފެންނާނެހެން ހީނުވާތީއެވެ.
ދައްކަން މިއުޅެނީ އެވާހަކައެއްނޫނެވެ. ދައްކަން މިއުޅެނީ އެއްރަށަކަށް ނުވަތަ އެއްސިޓީއަކަށް ނިސްބަތްވާ ދެޓީމުކުޅުމާއި ތަފާތު ދެ ތަނަކަށް ނިސްބަތް ވާ ދެޓީމު ކުޅުމާއި ހުރި ތަފާތުގެ ވާހަކައެވެ. ދުނިޔޭގެ މަޝްހޫރު ލީގުތަކާއި މަޝްހޫރު ނޫންލީގުތަކުގަވެސް އެއްރަށަކަށް ނުވަތަ އެއްސިޓީއަކަށް ނިޞްބަތްވާ ދެޓީމުކުޅޭނަމަ މެޗްގެ ފޯރި އިތުރަށް ގަދަވާ ވާހަކައެވެ. އެމެޗްތަށް މަޝްހޫރުވެފައިވަނީ ޑާބީ މެޗްތަކުގެ ގޮތުގައެވެ. ޑާބީ މެޗްތަކަކީ އަބަދުވެސް ފޯރިގަދަމެޗްތަކެކެވެ. ޑާބީމެޗަކުން ބަލިވުމަކީ ކުޅުންތެރިންނަށް އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑް ހިތާމައެކެވެ. ވަރަށް ބޮޑު ލަދެކެވެ. މޮޅުވެއްޖެނަމަ އޭގެ އިދިކޮޅެވެ. ރަށުގެ މުޅި އާބާދި ދެބަޔަކަށް ބެހި އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލާއިރު މެޗެއްނިމިގެންދާނީ ގިނަފަހަރަށް ސަޕޯޓަރުންގެ މެދުގައި ތަޅާފޮޅުމާވެސް އެކުގައެވެ. ރާއްޖޭގެ ޤައުމީ މުބާރާތްތަކުން ނުފެނުނު ކަމުގައިވިޔަސް މިފަދަ މެޗްތައް އަތޮޅުތަކުގައި ކުރިއަށްދާ މުބާރާތްތަކުން ނުފެނެއެކޭ ނުބުނެވޭނެއެވެ. ގިނަ އަވަށްތައް އޮންނަ ރަށްރަށުގައި އެ އަވަށްތަކުގެ މެދުގައި އޮންނަ ކުޅިވަރުގެ ވާދަވެރިކަމަކީ ހަމަ މިފަދަ ވާދަވެރިކަމެކެވެ. ރަށުގެ އަނެއް އަވަށުގެ ޓީމު އަތުން ބަލިވުމަކީ އެހެން ރަށެއްގެ ޓީމެއް އަތުން ބަލިވުމަށްވުރެ މާ ހިއްދަތި ކަމަކަށް ވެއެވެ. ތަފާތަކީ ޤައުމީ ފެންވަރުގައި މިފަދަ ޓީމުތައް ޑާބީ މެޗްތައް ކުޅޭތަން ނުފެނުމެވެ. ޔޫރަޕް ލީގުތަކުގެ ގިނަ ޑަރބީ މެޗްތަކަކީ އެމެޗްތަކުގެ ފަހަތުގައި މުއްސަދި އަދި ދިގު ޒަމާންވީ ތާރީޚެއް އޮންނަ މެޗްތަކެކެވެ. ޔޫރަޕްގެ ގިނަ ލީގުތަކުގައި އެއްސަރަޙައްދަކަށް ނިސްބަތްވާ ގިނަޓީމުތަށް ކުޅޭތީ ލީގުގައި ކުޅެންޖެހޭ ޑާބީ މެޗްތަކަކަކީ އެމެޗްތައް ނިސްބަތްވާ ސަރަޙައްދުގައި އުޅޭ ފުޓްބޯޅަ ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރާ މެޗްތަކެކެވެ. މިހާ ހިސާބުން މިބަލާލަނީ ޔޫރަޕްގެ ބައެއް ލީގުތަކުގައި ކުޅެވޭ ބައެއް މަޝްހޫރު ޑާބީ މެޗްތަކަށެވެ.
މެންޗެސްޓަރ ޑާބީ
މިއީ މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރުންގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރާ ޑާބީ އެކެވެ. މެންޗެސްޓަރ އަށް ނިސްބަތް ވާ މިދެޓީމުގެ ވާދަވެރިކަން ކުރިއާ ޚިލާފަށް މިހާރު ވަރަށް ބޮޑެވެ. 2008 ގައި ޔޫއޭއީގެ މަހުޖަނު ޝައިޚު މަންސޫރު ސިޓީ ބައްލަވައިގަތުމަށްފަހު ދުނިޔޭގެއެކި ހިސާބުން މޮޅެތި ކުޅުންތެރިން ބޮޑު އަގުދެއްވާފައި ސިޓީއަށް ގެންނެވުމާއެކު މެންޗެސްޓަރޑާބީ ވެގެން ގޮސްފައިވަނީ ފުޓްބޯޅަ ސަޕޯޓަރުން މިހާރު އެންމެ އިންތިޒާރުކުރާ ޑާބީ އަށެވެ. ކުރިއާއި ޚިލާފަށް ސިޓީއަކީ މިހާރު އިނގިރޭސި ވިލާތުގައިވެސް އަދި މުޅި ޔޫރަޕްގައިވެސް ގަދަބާރަކެވެ.

މެންޗެސްޓަރ ޑާބީގައިގެ ތެރެއިން
އަދި އިނގިރޭސި ލީގުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ‘ވޯރދީ އޮޕޯނަންޓެކެވެ’. ސައިޚް މަންސޫރު ސިޓީ އޯވަރހޯލްކުރެއްވިފަހުން ކުޅެވުނު 9 ސީޒަން ގެތެރެއިން އެޓިމުން ވަނީ އިނގިރޭސި ލީގު 3 ފަހަރު ހޯދާފައެވެ. ޔުނައިޓެޑަށް ވެސް ލީގު ގެންދެވިފައިވަނީ 3 ފަހަރުއެވެ. އެހެންނަމަވެސް އޭގެކުރިން ޔުނައިޓެޑުން 17 ފަހަރު ލީގު ހޯދާފައިވާއިރު ސިޓީއަށް ހޯދިފައިވަނީ އެންމެ 2 ފަހަރުއެވެ. ލީގުގަޔާއި އެހެން މުބާރާތްތަކުގައި މިދެޓީމު މިހާތަނަށް 176ފަހަރު ވާދަކޮށްގެން 51 މެޗުން ސިޓީ މޮޅުވިއިރު ޔުނައިޓެޑްވަނީ 73މެޗުން މޮޅުވެފައެވެ. މިމެޗުތަކުގައި ޔުނައިޓެޑުން 256 ގޯލު ޖަހާފައިވާއިރު ސިޓީއަށް ޖެހިފައިވަނީ 240 ގޯލެވެ. މިޑާބީގެ މިހާރުގެ ޓޮޕްސްކޯރަރަކީ 11 ލަނޑު ޖަހާފައިވާ ވޭން ރޫނީއެވެ. 19/2018 ސީޒަންގައި މެންޗެސްޓަރ ޑާބީ އޮންނާނީ ފުރަތަމަމެޗް މިއަހަރު ނޮވެމްބަރު 10 ގައި އިތިހާދު ސްޓޭޑިއަމްގައެވެ. އަދި ދެވަނަ މެޗް މިއަންނައަހަރު މާރޗް 16 ގައި އޯލްޑްޓްރެފަޑް ގައެވެ.
މެޑްރިޑް ޑާބީ
ލަލީގާގައި ކުޅޭވޭ ޑާރބީ މެޗްތަކުގެ ތެރެއިން އެންމެ ފޯރިގަދަ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޑާބީ އަކީ މެޑްރިޑް ޑާރބީއެވެ. މެޑްރިޑަށް ނިސްބަތް ވާ ދެޓީމުކަމަށްވާ ރެއަލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ދެމެދު އޮންނަ ވާދަވެރިކަން މި މެޗުން ވަރަށް ފުރިހަމައަށް ފެނިގެން ދެއެވެ. ޚާއްޞަކޮށް މިދެޓީމަކީވެސް ލަލީގާގެ ގަދަ ދެބާރުކަމަށްވުމާއެކު މިމެޗަށް އިންތިޒާރުކުރާ ފުޓްބޯޅަ ސަޕޯޓަރުން ދުނިޔޭގެ އެކިހިސާބުތަކުގައި ވަރަށްވެސް ގިނައެވެ. ބާސާ އާއި ރެއަލްމެޑްރިޑްގެ އެލްކުލެސިކޯ ނަގާފައި ލަލީގާގައި އެންމެ ގިނަބަޔަކު އިންތިޒާރުކުރަނީ މެޑްރިޑް ދެކުލަބުގެ ބައްދަލުވުމަށެވެ. ތާރީޚަށް ބަލާއިރު ރެއަލް އުޅެނީ އެތުލެޓިކޯއަށްވުރެ މާބޮޑަށްވެސްކުރީގައެވެ.

ރެއާލް މެޑްރިޑާއި އެތެލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗެއްގެ ތެރެއިން
ރެއަލްއިން ލަލީގާ 33 ފަހަރު ކާމިޔާބުކޮށްފައިވާއިރު އެތުލެޓިކޯއަށް ކާމިޔާބުކުރެވިފައިވަނީ 10 ފަހަރުއެވެ. އެހެންނަމަވެސް ފަހަކަށް އައިސް މިދެޓީމުގެ ތަފާތު ކުޑަވެ ވަރަށް ފޯރިގަދަ މެޗުތަކެއް މެޑްރިޑް ޑާބީއިން ވަނީ ފެނިގެން ގޮސްފައެވެ. ލީގާއި އެހެނިހެން މުބާރާތްތަކުގައި މިދެޓީމު މިހާތަނަށް 219 ފަހަރު ބައްދަލުކޮށްގެން 109 ފަހަރު ރެއަލް މޮޅުވިއިރު އެތުލެޓިކޯ މޮޅުވެފައިވަނީ 55 ފަހަރުއެވެ. މިދެޓީމުގެ ބައްދަލުވުންތަކުގައި ރެއަލްއިން 365 ގޯލު ޖަހާފައިވާއިރު އެތުލެޓިކޯއަށް ޖެހިފައިވަނީ 276 ގޯލެވެ. މިޑާބީގެ ޓޮޕް ސުކޯރަރަކީ 22 ގޯލުޖެހި ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. 2019/2018 ސީޒަނުގައި މިޑާބީގެ ފުރަތަމަ މެޗް އޮންނާނީ 30 ސެޕްޓެމްބަރުގައި ބަރުނަބެއުގައެވެ. ދެވަނަ މެޗު އޮންނާނީ 2019 ފެބުރުއަރީ 10 ގައި މެޓްރަޕޮލިނާޓޯ ސްޓޭޑިއަމްގައެވެ އެހެންނަމަވެސް އޭގެކުރިން މިމަހު 15 ގައި ޔުއެފާ ސްޕަކަޕްގައި މިދެޓީމު ވާދަކުރާނެއެވެ. އެއީ ވެތުވެދިޔަ ސީޒަނުގެ ޗެމްޕިއަންސްލީގާއި ޔުރޮޕާލީގުގެ ޗެންޕިއަނުންގެ ހައިސިއްޔަތުންނެވެ.
ލަންޑަން ޑާބީ
އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ނިސްބަތްވާ މަޝްހޫރު ޓީމުތަކުގެތެރޭގައި ޗެލްސީ އާއި އާސެނަލް އަދި ޓޮޓްންހަމްހޮޓްސްޕަރސް ހިމެނެއެވެ. މިޓީމުތައް ވާދަކުރާ މެޗްތައް ވެފައިވަނީ މަޝްހޫރު ޑާބީ މެޗްތަކަކަށެވެ. އެކި މުބާރާތްތަކުގައި އާސެނަލް އާއި ޗެލްސީ ވާދަކޮށްފައިވާ 195 މެޗަށް ބަލާއިރު 75 ފަހަރު އާސެނަލް މޮޅުވިއިރު ބަލިވެފައިވަނީ 62 ފަހަރުއެވެ. އާސެނަލްއިން 271 ގޯލު ޖަހާފައިވާއިރު ޗެލްސީ އިން 253 ގޯލު ޖަހާފައިވެއެވެ. މިޑާބީގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ 8 ގޯލު ޖަހާފައިވާ ތިއެރީ އޮންރީ އާއި ޑިޑިއޭޑްރޮގްބާ އެވެ.

އާސެނަލް އާއި ސްޕާރސް ބައްދަލުކުރި މެޗެއްގެ ތެރެއިން
ޗެލްސީ އާއި ޓޮޓުންހަމްހޮޓްސްޕަރސް މިހާތަނަށް 160 ފަހަރު ވާދަކޮށްފައިވާއިރު 68 ފަހަރު ޗެލްސީ މޮޅުވެފައިވާއިރު 52 ފަހަރު ސްޕަރސް މޮޅުވެފައިވެއެވެ. އާސެނަލް އާއި ޓޮޓްންހަމްގެ ޑާބީ މާޝްހޫރުވެފައިވަނީ ނޯތުލަންޑަން ޑާބީގެ ގޮތުގައެވެ މިޑާބީގެ 182 މެޗް ކުޅެފައިވާއިރު 76 ފަހަރު އާސެނަލް މޮޅުވެފައިވެއެވެ. އަދި ސްޕަރސް 57 ފަހަރު ސްޕަރސް މޮޅުވެފައި ވެއެވެ. އާސެނަލއިން 277 ގޯލު ޖަހާފައިވާއިރު ސްޕަރސްއިން 239 ގޯލު ޖަހާފައިވެއެވެ. މިޑާބީގެ ޓޮޕްސްކޯރަރަކީ 8 ގޯލުޖެހި އެމެނުއެލް އަޑެބަޔޯ އެވެ. އަޑެބަޔޯ ވަނީ މިދެޓީމަށްވެސް ކުޅެފައެވެ. ނަމަވެސް މިހާތަނަށް 7 ގޯލު ޖަހާފައިވާ ސްޕަރސްގެ ކޭންއަށް މިސީޒަންގައިވެސް 8 ގޯލު ފަހަނައަޅާ ދެވިދާނެއެވެ. މިތިންޓީމުގެ ތެރެއިން އާސެނަލްއިން 13 ފަހަރު ޗެލްސީއިން 6 ފަހަރު އަދި ސްޕަރސް އިން 2ފަހަރު އިނގިރޭސި ލީގު ހޯދާފައި ވެއެވެ.
މިލާންޑާބީ
މިއީ އިޓަލީގެ ސެރިއާގެ އެންމެ މަޝްހޫރު ޑާބީއެވެ. އަދި މީގެ ދިހަވަރަކަށް އަހަރުކުރިއަށް ޖެހިލާނަމަ މިއީ މެޑްރިޑްޑާބީ ނުވަތަ މެންޗެސްޓަރ ޑާބީ އެކޭ އެއްގޮތަށް މުޅިދުނިޔެއަށް މަޝްހޫރު ޑާބީއެކެވެ. މިލާނުގެ ދެ ކުލަބުކަމުގައިވާ އޭސީ މިލާނާއި އިންޓަރމިލާނުގެ ވާދަވެރިކަމަކީ މިޑާބީ މަޝްހޫރުވުމުގެ އަސްލެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމް ޝެއަރކުރާ މިދެޓީމު މިހާތަނަށް 221 ފަހަރު ވާދަކޮށްފައިވާއިރު އޭސީ މިލާނު މޮޅުވެފައިވަނީ 76 ފަހަރެވެ. އަދި އިންޓަރ 78 ފަހަރެވެ.

ޗެމްޕިއަންސް ލީގު ކުއާޓާފައިނަލް 2005 ގައި އިންޓަރ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗެއްގެ ތެރެއިން
މިމެޗްތަކުގައި އޭސީމިލާނުން 276 ގޯލު ޖަހާފައިވާއިރު އިންޓަރއިން 278 ގޯލު ޖަހާފައި ވެއެވެ. ލީގު ޗެމްޕިއަންކަން ކޮންމެޓީކަމުންވެސް 18 ފަހަރު ހޯދާފައިވާއިރު މިޑާބީގެ ޓޮޕް ސްކޯރަރއަކީ 14 ގޯލު ޖަހާފައިވާ އަންދުރޭ ޝެވްޗެންކޯއެވެ. 2019/2018 ސީޒަނުގައި މިޑާބީގެ ފުރަތަމަ މެޗް އޮންނާނީ އޮކްޓޯބަރު 21 ގައެވެ. ދެވަނަ މެޗު އޮންނާނީ 2019 މާރިޗް 18 ގައެވެ.
މާސީސައިޑް ޑާބީ
1960 ގެ އަހަރުތަކުގައި ލިވަރޕޫލާއި އެވަޓަންއަކީ އިނގިރޭސި ލީގުގެ އެންމެ ވަރުގަދަ ދެޓީމެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ ލިވަޕޫލަށް ނިސްބަތްވާ މިދެޓީމު ވާދަކުރާ މެޗްތަކަކީ އޭރު ވަރަށް ފޯރިގަދަ މެޗްތަކެކެވެ. އެހެންނަމަވެސް އޭގެފަހުން މިދެޓީމުގެ ސްޓޭޓަސް ޚާއްޞަކޮށް އެވަޓަންގެ ސްޓޭޓަސް ލީގުގައި ދަށްވެފައިވުމާއެކު މިޑާބީއަކީ މެންޗެސްޓަރ އަދި ލަންޑަން ޑާބީފަދަ ފޯރިގަދަ ޑާބީއެއްނޫނެވެ.

މާސީ ސައިޑް ޑާބީ މެޗެއްގެ ތެރެއިން
އެހެންނަމަވެސް މިއީ އިނގިރޭސި ލީގުގައި ފާހަގަކޮށްލެވޭ ޑާބީއެކެވެ. މިދެޓީމު މިހާތަނަށް 231 ފަހަރު ވާދަކޮށްފައިވާއިރު 92 ފަހަރު ލިވަޕޫލު މޮޅުވެފައި ވެއެވެ. އަދި 66 ފަހަރު އެވަޓަން ކާމިޔާބު ހޯދާފައިވެއެވެ. ލިވަޕޫލުން 324 ގޯލު ޖަހާފައިވާއިރު އެވަޓަން އިން ޖަހާފައިވަނީ 260 ގޯލެވެ. މިޑާބީގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ 25 ގޯލު ޖެހި ލިވަޕޫލް ލެޖެންޑް އިއާންރަޝް އެވެ.
މީގެ އިތުރުން މުޅިދުނިޔެއަށް މަޝްހޫރު ނޫންނަމަވެސް އެޤައުމެއްގެ ސަޕޯޓަރުން ފާހަގަ ކުރާ ޚާއްޞަ ޑާބީތައް އެކި ލީގުތަކުގައި ކުޅެވެއެވެ. މި މެޗްތަކަކީއެމެޗްތަކުން މޮޅުވެއްޖެނަމަ އެރަށެއްގެ ނުވަތަ އެސިޓީއެއްގެ ސަޕޯޓަރުންނަށް ލީގު ކާމިޔާބުވުމުން ލިބޭ އުފަލަށްވުރެ ބޮޑު އުފަލެއް އިޙުސާސްވާ މެޗްތަކެކެވެ. އެހާވެސް އެމެޗްތަކުގެ ވާދަވެރިކަން ބޮޑެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ޑާބީތަކުގެ ތެރޭގައި އޯލްޑްފާމް ޑާބީގެ ގޮތުގައި މަޝްހޫރިވެފައިވާ ސްކޮޓްލަންޑްގެ ސެލްޓިކް އަދި ރޭންޖާރސް ގެ ޑާބީ، ރަޝިޔާގެ ލޮކޮމޯޓިވް އަދި ސްޕާޓަކްގެ ޑާބީ، ގުރީސްގެ އޮލިމްޕިއާކޯސް އާއި ޕެނެތިނައިކޯސްގެ ޑާބީ ބެލްޖިއަމްގެ ރެޑްސްޓަރބަލްގުރޭޑް އަދި ޕާޓީޒަން ބަލްގުރޭޑްގެ ޑާބީ ތުރުކީ ގެ ފެނަބާޗޭ އަދި ގަލަސަޓަރާއީގެ ޑާބީ، އިޓަލީގެ ރޯމާއާއި ލާޒިއޯގެ ޑާބީ، ސްޕޭންގެ ސެވިއްޔާ އަދި ރެއަލްބެޓިސްގެ ޑާބީ ޖަރުމަނުގެ ޝާލްކާ އަދި ބޮރޫޝިޔާޑޯޓްމަންޑްގެ ޑާބީ ޕޯޗްގަލްގެ ބެންފީކާ އަދި ސްޕޯޓިން ލިޒްބަންގެ ޑާބީ ހިމެނެއެވެ. މީގެއިތުރުން ދެކުނު އެމެރިކާގެ ފުޓްބޯޅައިގައިވެސް މަޝްހޫރު ޑާބީ މެޗްތައް ކުޅެވެއެވެ. އަދި ބައެއްފަހަރު ޖިއޮގްރަފީއަށް ބަލާއިރު ޑާބީއެކޭ ނުބުނެވުނަސް ބައެއް މަޝްހޫރުވާދަވެރިކަމަށް ޑާބީގެ ލަޤަބުދީފައި އެބަހުއްޓެވެ. މިގޮތުން ނޯތުވެސްޓް ޑާބީގެ ގޮތުގައި ލިވަޕޫލާއި މެންޗެސްޓަރ ޔުނައިޓެޑްގެ ކުރިމަތިލުން މަޝްހޫރުވެފައިވާއިރު ބާސާއާއި ރެއަލްގެ އަލްކުލެސިކޯ ވެސް އެއީ ޑާބީއެއްގެ ގޮތުގައި އެއްބަޔަކު ބަލައެވެ.
Advertisement


Leave a Reply