ސިޓީއަށް އުއްމީދީ ފެށުމެއް، އެމެރީއަށް ހިތި ތަޖުރިބާއެއް

އިންގްލިޝް ޕްރިމިއަރ ލީގުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން އާސެނަލްގެ މައްޗަށް ކުރިހޯދައި ލީގުގެ ފެށުން ރަނގަޅު ކުރިއިރު، އާސެނަލްގެ ކޯޗުކަމާ މުޅިން އަލަށް ހަވާލުވި އުނެއި އެމެރީއަށް ހިތި ތަޖުރިބާއެއް ކުރަންޖެހިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އާސެނަލްގެ މައްޗަށް ސިޓީއިން މިމެޗުގައި ކުރިހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. މިއީ، 22 އަހަރު ވަންދެން އާސެނަލްގެ ކޯޗުކަމާ ހަވާލުވެގެން އުޅުނު އާސެން ވެންގާ ޓީމު ދޫކޮށްލުމަށްފަހު އެހެން ކޯޗެއްގެ ދަށުން އާސެނަލް ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ކުރިން ސްޕެއިންގެ ސެވިއްޔާ އަށާއި ފްރާންސްގެ ޕީ.އެސް.ޖީ އަށް ކޯޗުކޮށްދީފައިވާ އުނެއި އެމެރީގެ ކޯޗުކަމުގެ ދަށުން އާސެނަލް ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

އާސެނަލްގެ އާކޯޗު އުނެއި އެމެރީ
މިރޭގެ މެޗުގައި ސިޓީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އިންގްލެންޑްގެ ރަހީމް ސްޓާރލިންގ އާއި ޕޯޗުގަލްގެ ބަނާޑޯ ސިލްވާއެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ސްޓާރލިންގ މި ލަނޑު ކާމިޔާބުރީ އާސެނަލްގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހުގައެވެ. ފުރަތަމަ ހާފުގައި ސިޓީއިން ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްލާފައެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ ފަރާތުން ރަނގަޅު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ގިނަ ހަމަލާތަކެއް އުފައްދައި ސިޓީގެ ގޯލަށް ނުރައްކާކުރިއެވެ. ނަމަވެސް، މީގެއިން އެއްވެސް ހަމަލާއެއް ގޯލުގެ ދާގަނޑަށް އަމާޒުކޮށްލެވޭ ގޮތްނުވިއެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ބަނާޑޯ ސިލްވާ ކާމިޔާބުކުރި ލަނޑާއެކު ސިޓީއިން ލީޑު ފުޅާކުރިއެވެ. މިރޭގެ މެޗުގައި އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ސާޖިއޯ އަގުއެރޯ އަށެވެ. މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕާރ ޕީޓާރ ޗެކް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
މިރޭގެ މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ، ސިޓީއިން އޭނާއަށް ބޮޑު ސްކޮޑެއް ދީފައިވާ ކަމަށާއި، އޭނާއަށް ބަހަނާ ދައްކާނޭ ޖާގައެއް ނެތްކަމަށާއި، މިރޭގެ މެޗަކީ މޮޅުވުން ހައްޤު މެޗެއްކަމާއި، ކުރިއަށް އޮތްތާނގައި ސިޓީ މިއަށްވުރެއްވެސް ވަރުގަދަ ވާނެކަމަށެވެ.

މިރޭގެ މެޗުގައި ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ބަނާޑޯ ސިލްވާ
އާސެނަލްގެ އާކޯޗު އުނެއި އެމެރީ ބުނެފައިވަނީ، ފުރަތަމަ ހާފުގައި އޭނާގެ ޓީމަށް ނުކުޅެވުނުކަމަށާއި، ދެވަނަހާފުގައި ލަނޑު ޖަހާނެ ފުރުޞަތު ތަނަވަސް ކުރިކަމަށާއި، ކުރިއަށްހުރި މެޗުތަކުގައި ރަނގަޅުވާނެ ކަމަށެވެ.
ލީގުގައި ދެން ސިޓީ ނިކުންނާނީ ހަޑަސްފީލްޑް އާދެކޮޅަށެވެ. އާސެނަލް ނިކުންނާނި ޗެލްސީއާ ދެކޮޅަށެވެ.
Advertisement


Leave a Reply