ގޯލްޑަން ފުޓްސަލް ޗެލެންޖް: ސެމީފައިނަލުގެ ހަނގުރާމަ މިރޭ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގެ ދެމެޗު މިރޭ ކުޅޭނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތ. ތިމަރަފުށްޓާއި ލ. ގަމެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބ. އޭދަފުށްޓާއި މާލެ މާފަންނެވެ.
މިރޭ ކުޅޭ ސެމީފައިނަލް ފުރަތަމަ މެޗު 8:00 ޖަހާއިރު އިރު ފަށާއިރު ދެވަނަ ސެމީ ފަށާނީ 9:00 ގައެވެ. ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމަކީވެސް ފުޓްބޯޅައިގެ ވަރުގަދަ ނަންތަކެކެވެ. ތިމަރަފުށްޓަކީ އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކުރި ޓީމެވެ. މީގެ އިތުރުން އެޓީމުން ވަނީ މި މުބާރާތްވެސް 2016 ވަނަ އަހަރު ހޯދާފައެވެ. ފުޓްސަލްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ތިމަރަފުށްޓަކީ މިފަހަރުގެ މުބާރާތުގެވެސް ފޭވަރިޓެކެވެ. އެރަށުގެ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އެއްވަނަ ޑިވިޝަނުގައި ކުޅެއެވެ. ތިމަރަފުށި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު ވަނީ އަތޮޅު އަދި ޒޯން ޗެމްޕިއަންވެސް ހޯދާފައެވެ. ގަދަ 16 ގެ މެޗުގައި އެޓީމުން ވަނީ އދ. ދަނގެތި ކޮޅަށް ހަތް ލަނޑު ޖަހާފައެވެ. ކުއާޓާގައި އެޓީމު ވާދަކުރީ މިދިޔަ އަހަރުެގެ ފައިނަލުން ބަލިވި ސ. ފޭދޫ އާއެވެ. ފޭދޫ ކޮޅަށްވެސް އެޓީމު ވަނީ ފަސް ލަނޑު ޖަހާފައެވެ.
ތިމަރަފުށްޓާއި ދެކޮޅަށް ނުކުންނަ ލ. ގަމަކީ ފުޓްސަލްގައި ވަރުގަދަ ނަމެކެވެ. ފުޓްސަލްގައި ރާއްޖޭ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެޓީމުގައި ހިމެނޭއިރު މިރޭގެ މެޗަކީ މި ދެޓީމުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެންދާނެ މެޗެކެވެ. ގަން ޓީމު މުބާރާތް ފެށީ ޒޯން މުބާރާތުގެ މެޗުތަކުންނެވެ. ގދ. ތިނަދޫ އާއި ގއ. ދާންދޫ ހިމެނުނު ޒޯންގެ ޗެމްޕިއަންކަން އެޓީމު ހޯދިއެވެ. ޒޯން ޗެމްޕިއަންކަމަށްފަހު ގަދަ 16 ގައި އެޓީމު ނުކުތީ ފ. ނިލަންދޫއާ ދެކޮޅަށެވެ. އެމެޗުގައި ނިލަންދޫ ކޮޅަށް އެޓީމު ވަނީ ފަސް ލަނޑު ޖަހާފައެވެ. ކުއާޓާގައި އެޓީމާ ދެކޮޅަށް ނުކުތީ މުބާރާތުގައި އެންެމެ މޮޅު ކުޅުމެއް ދައްކަމުން އައި ރ. އަލިފުށްޓާއި ދެކޮޅަށެވެ. އަލިފުށި 2-1 އިން ބަލިކުރިއިރު އެމެޗުގައި ގަން ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފައެވެ. ހާއްސަކޮށް އެޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ހުސައިން ޝަރީފް (އޮންލީ) ފާހަގަ ކޮށްލެވުނެވެ. އޮންލީ އަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ އެއް ނަމެވެ.
ސެމީގެ ދެވަނަ މެޗުގައި މިރޭ ނުކުންނަ އޭދަފުށި ޓީމަކީ ފުޓްބޯޅައިގެ ރަށެކެވެ. ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް އެރަށުން ނެރެފައިވާއިރު 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެރަށުން ވަނީ ކާމިޔާބު ކޮށްފައެވެ. މިދިޔަ ދެ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) އާއި މިހާރު ގައުމީ ޓީމުގައިވެސް ވިދަމުން އަންނަ ހަމްޒާ މުހައްމަދު (ހަމްޕު) އަކީ އެރަށުގެ އުފެއްދުންތަކެވެ. މީގެ އިތުރުން އެއްވަނަ ޑިވިޝަނުގެ ކޮންމެ ޓީމެއްގައި ކަހަލަ ގޮތަކަށް އެރަށް ނިސްބަތްވާ ކުޅުންތެރިން ތިބެއެވެ.
މި މުބާރާތުގައި އަލަށްވާދަކުރާ އޭދަފުށި ސެމީ ފައިނަލަށް ދަތުރުކުރިއިރު އަތޮޅު ޗެމްޕިއަންކަމާއި ޒޯންގެ ދެވަނަ ވަނީ ހޯދާފައެވެ. ގަދަ 16 ގައި އެޓީމު މ. ދިއްގަރާއި ވާދަކޮށް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ކުއާޓާގައި ހދ. ނާވައިދޫއާ ވާދަކުރި މެޗުން އެޓީމު މޮޅުވީ 7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އޭދަފުށްޓާއި ދެކޮޅަށް ނުކުންނަ މާފަންނު ޓީމަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމެވެ. އެޓީމު މުބާރާތް ފެށީވެސް ކުއާޓާ ފައިނަލުންނެވެ. އަތޮޅު ބުރުގައި އަދި ޒޯންގައިވެސް އެޓީމު ނޫން ރަށަކުން ބައިވެރި ނުވިއިރު ގަދަ 16 އަށް އެޓީމު ދިޔައީ އޮޓަމެޓިކުންނެވެ. ގަދަ 16 ގައި ހއ. ވަށަފަރު 2-1 އިން ބަލިކުރިއިރު ކުއާޓާގައި ކ. މާފުށްޓާ ވާދަކޮށް އެޓީމު މޮޅުވީ 1-0 އިންނެވެ. ކުޑަ ފަރަގަކުން މޮޅުވެ ސެމީއަށް ދިޔަ ނަމަވެސް އެޓީމުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިރޭގެ މެޗުގައި އެޓީމާއި ގުޅޭނެއެވެ. އެންމެ ފަހުން އެޓީމު ކުޅުނު ދެމެޗުގައިވެސް އެޓީމު ކުޅުނީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. މާފަންނު ޓީމުގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ.
Advertisement


Leave a Reply