ރަށުން ބޭރުގައި ޗެލްސީ އަދި ޓޮޓެންހަމްވެސް މޮޅުވެއްޖެ
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާޒްވެސް ފެށުން ރަނގަޅު ކޮށްފިއެވެ. ދެޓީމުވެސް ރަށުން ބޭރުގައި ކުޅުނުއިރު ޓޮޓެންހަމް 2-1 އިން މޮޅުވީ ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށެވެ. ރޭ ހަތެއް ޖެހިއިރު ފެށި މެޗުގައި ޗެލްސީ ވަނީ ހަޑަސްފީލްޑް ޓައުން ކޮޅަށް ތިން ލަނޑު ޖަހާފައެވެ.
ރާއްޖެ ގަޑިން އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމް ޓީމުގެ ފުރަތަމަ އެގާރައިގައި ވޯލްޑް ކަޕްގެ ރަންބޫޓު ހޯދި ހެރީކޭން ވަނީ ހިމަނާފައެވެ. ކޭންއަށް ޕްރިމިއަރ ލީގު ތާރީހުގައިވެސް އޮގަސްޓް މަހު ގޯލެއް ޖެހިފައެއް ނުވެއެވެ. މިހާތަނަށް އޮގަސްޓް މަހު ކޭން ކުޅެފައިވާ 13 މެޗުގައި 44 ޝޮޓް އޭނާ ވަނީ ހަދާފައެވެ. މިދިޔަ ތިން ސީޒަނުގެ ތެރެއިން ދެ ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ކޭންއަށް ރޭގެ މެޗުގައިވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރު ވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ޓޮޓެންހަމްގެ ފަހަތަށް ކުޅޭ ޑޭވިންސަން ސަންޗޭޒްގެ އެހީތެރިކަމާއެކު މެޗުގެ އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖެން ވާޓެގޮން އެވެ. ޓޮޓެންހަމުން ލަނޑު ޖެހިތާ ތިން މިނެޓުފަހުން ނިއުކާސަލްގެ ޖޮސެލޫ ވަނީ ލަނޑު ޖަހާ ނަތީޖާ 1-1 އަށް ބަދަލުކޮށްލާފައެވެ. މެޗުގައި ދެވަނަ ފަހަރަށް ޓޮޓެންހަމްއިން ކުރި ހޯދީ މެޗުގެ 18 ވަނަ މިނެޓުގައި ޑެލޭ އަލީ ޖަހައިދިން ގޯލުންނެވެ. އަލީގެ ލަނޑަށް ފަހުވެސް ދެވަނަ ހާފުގައި ޓޮޓެންހަމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ.
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ބޮޑު މޮޅެއް ހޯދީ އާ ކޯޗުގެ މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީއެވެ. ހަޑަސްފީލްޑް ކޮޅަށް ޗެލްސީން ތިން ލަނޑު ޖެހިއިރު މި ލަނޑުތައް ޖަހައިދިނީ އެންގޮލޯ ކޯންޓޭ އާއި ޖޯޖީނިއޯ އަދި ޕެޑްރޯ ރޮޑްރިގޭޒް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކޯންޓޭ ގޯލް ޖެހީ ވިލިއަން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ޗެލްސީން މޮޅަށް ކުޅުނު މެޗުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އިޓަލީގެ ނަޕޯލީން އާ ސީޒަނަށް ޗެލްސީއާ ގުޅުނު މިޑްފީލްޑަރ ޖޯޖީނިއޯ އެވެ. މި ޕެނަލްޓީ ލިބުނީ ޗެލްސީގެ ފަހަތަށް ކުޅޭ މާކޮސް އެލޮންސޯ އަށް ހަޑަސްފީލް ޑިފެންޑަރ ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗުގެ ދެވަނަ ހާފުގައިވެސް ޗެލްސީއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ޗެލްސީން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ހަޑަސްފީލްޑަށް ލިބުނު ފުރުސަތެއްގައި އެޓީމުގެ މުނިއޭ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޗެލްސީއަށް މެޗުގެ ތިންވަނަ ލަނޑު މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. ޕެޑްރޯ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޓީމުގެ ތަރި އެޑެން ހެޒާން ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަށް ޕްރޮމޯޓްވި އެއްވެސް ޓީމަކަށް މޮޅެއް ލިބިފައެއް ނުވެއެވެ. އާ ސީޒަނަށް އަލަށް ޕްރޮމޯޓްވި ކާޑިފް ސިޓީ ރަށުން ބޭރުގައި ބަލިވީ ބޯންމައުތާއި ވާދަކޮށް 2-0 އިންނެވެ. އަހަރުތަކަކަށްފަހު ލީގަށް ކޮލިފައިވި ފުލަމް އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއަތުން ބަލިވީވެސް ހަމަ 2-0 އިންނެވެ. ޕޯޗުގަލްއަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވުލްވްސް އިން އަމިއްލަ ދަނޑުގައި އެވަޓަންއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި އެވަޓަންގެ ޑިފެންޑަރ ފިލް ޖަގިއެލްކާއަށް ވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރަތްކާޑު ދައްކާފައެވެ. މިދިޔަ ސީޒަނުގައިވެސް ލީގުގައި ކުޅުނު ވެޓްފޯޑާއި ބްރައިޓަން ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބު ކުރީ ވެޓްފޯޑެވެ.
ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. މިއަދު ހަވީރު 5:30 ގައި ދެމެޗެއް ކުޅޭނެއެވެ. އެއީ އާ ސީޒަނަށް ބޮޑު ހަރަދެއް ކުރި ލިވަޕޫލާއި ވެސްޓްހަމްގެ މެޗާއި ސައުތުހަމްޓަން އާއި ބާންލީ ވާދަކުރާ މެޗެވެ. ލީގުގައި މިހަފްތާ އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އާސެނަލާއި މެންޗެސްޓަރ ސިޓީގެ ކުރިމަތިލުން ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރުއެވެ.
Advertisement
Leave a Reply