ފްރެންޗް ލީގު: ފުރަތަމަވެސް ދުއްވައިގަތީ ވީއޭއާރް އާ ދިމާލަށް

Advertisement

ފްރެންޗް ލީގު: ފުރަތަމަވެސް ދުއްވައިގަތީ ވީއޭއާރް އާ ދިމާލަށް

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ޕަޔެޓް އުފާފާޅު ކުރަނީ.

ފްރެންޗް ލީގު ވަން ރޭ ފެށުނު އިރު ފުރަތަމަ މެޗުގައިވެސް ފެނުނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ ނިންމުމެކެވެ. ލީގުގެ ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި އޮލިމްޕިކް މާސޭ ނުކުތީ ޓުލޫސްއާ ދެކޮޅަށެވެ. މި މެޗު 4-1 އިން މާސޭ ކާމިޔާބު ކުރިއިރު މެޗުގެ ފުރަތަމަ ލަނޑު އެޓީމުގެ ޑިމިޓްރީ ޕަޔެޓް ކާމިޔާބު ކުރީ ވީއޭއާރުގެ އެހީގައި އެޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ.

މާސޭއަށް ޕެނަލްޓީ ލިބުނީ ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އެޓީމުގެ ވަލެރެ ޖާމައިން ބޮލުން ޖެހި ބޯޅައެއް ޓުލޫސްގެ ޑިފެންޑަރުގެ އަތުގައި ޖެހުމުންނެވެ. ރެފްރީ އެންމެ ފުރަތަމަ ނިންމީ އަތުގައި ޖެހިފައި ބޯޅަށް ބޭރަށް ދިއުމުން އެއީ ކޯނަރެއް ކަމަށެވެ. ނަމަވެސް ވީޑިއޯ ބެލުމަށްފަހު މާސޭއަށް ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ. މި ލަނޑަކީ ފްރެންޗް ލީގުގައި އަލަށް ތައާރަފް ކުރި ވީއޭއާރުގެ ފުރަތަމަ ނިންމުމެވެ.

ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީއާ އެސިސްޓެންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ރެފްރީ ނިންމާ ނިންމުމަކާމެދު ސުވާލު އުފެދިއްޖެނަމަ ވީޑިއޯ ބެލުމަށްފަހު ނިންމުން ބަދަލު ކުރުމުގެ ބާރު ރެފްރީއަށް ލިބެއެވެ. މިދިޔަ ސީޒަނުގައި އިޓަލީ ލީގުގައި ވީއޭއާރު ބޭނުން ކުރިއިރު މިފަހަރު ފްރެންޗް ލީގުގެ އިތުރުން ސްޕެނިޝް ލީގުގައިވެސް ވީއޭއާރު ބޭނުންކުރާނެއެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އަދި މިހާތަނަށް ވީއޭއާރު ބޭނުން ނުކުރިނަމަވެސް ބައެއް މުބާރާތްތަކުގައި މިދިޔަ ސީޒަނުގައި ވީއޭއާރު ބޭނުންކޮށްފައިވެއެވެ.

ވީއޭއާރު އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕްގައެވެ. އޭގެފަހުން 2017 ވަނަ އަހަރު ބޭއްވި ފީފާ ކޮންފަޑަރޭޝަންސް ކަޕާއި މިދިޔަ މަހު ނިމުނު ވޯލްޑް ކަޕްގައިވެސް އެ ސިސްޓަމް ބޭނުން ކޮށްފައިވެއެވެ.

ރޭގެ މެޗުގައި މާސޭއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ޕަޔެޓް ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑު ޖެހީ މެޗުގެ 89 ވަނަ މިނެޓާއި އިތުރު ވަގުތުގައި ޖާމައިން އަދި ފްލޮރިއަން ތައުވިން އެވެ. ކުރިން އިންގްލެންޑްގެ ވެސްޓް ހަމްއަށް އުމުރުން 31 އަހަރުގެ ޕަޔެޓަށް ވަނީ އަނިޔާގެ ސަބަބުން މިފަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމުން ފުރުސަތު ގެއްލިފައެވެ. ރޭގެ މެޗަކީ އަނިޔާއަށްފަހު ޕަޔެޓް ކުޅުނު ވާދަވެރި ފުރަތަމަ މެޗެވެ.

ފްރާންސް ލީގުގައި ވާދަވެރި މެޗުތަކެއް މިރޭވެސް ކުޅޭނެއެވެ. ނަމަވެސް ގިނަ ބަޔަކު ޝައުގުވެރިވާ ޕީއެސްޖީގެ ފުރަތަމަ މެޗުގައި ކެއިން އާ ދެކޮޅަށް އެޓީމު ކުޅޭމެޗު ފަށާނީ މާދަމާރޭ 12:00 ގައެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *