ފުރަތަމަ މޮޅު ޔުނައިޓެޑަށް، ތައުރީފް ޕޮގްބާއަށް
އިނގިރޭސި ޕްރިމިއަރ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ލެސްޓާ ސިޓީ އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ޕައުލް ޕޮގްބާއަށް ތައުރީފް ކޮށްފިއެވެ. ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ.
ޕްރީ ސީޒަންތެރޭގައި ބޭނުންވާ ކުޅުންތެރިން ޓީމާއި ނުގުޅުމުގެ ސަބަބުން މޮރީނިއޯ ވަނީ ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ޕޮގްބާ ހިމެނުނު އިރު އޭނާ ޓީމާ ގުޅިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މޮރީނިއޯ ބުނީ ޕޮގްބާ ޓީމަށް އެރުވީ ވާހަކަ ދެއްކުމަށްފަހު ޕޮގްބާ ކުޅެން ބޭނުންވުމުން ކަމަށެވެ.
“އަހަރެމެން ހީކުރީ 60 ވަރަކަށް މިނެޓު ކަމަށް ޕޮގްބާއަށް ކުޅެވޭނީ އެކަމު 80 މިނެޓު އޭނާ ހިފަހައްޓާލި. ކުޅުމާމެދު ގޮތެއް ނިންމީ ޕޮގްބާ. އަހަރެން އޭނަ ކައިރީ އެހުމުން މެޗަށް އެރޭނެ ކަމަށްބުނެ ވަރަށް ރަނގަޅަށް ކުޅުނު” ވޯލްޑްކަޕްގެ ކާމިޔާބީއަށްފަހު އަދިވެސް ވަރުބަލިކަމުގައި ހުރި ޕޮގްބާއާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.
މެޗަށްފަހު ޕޮގްބާ ބުނީ އޭނާއަށް ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށާއި، އެކަމަކު ކުރިއެރުން ހޯދައި އިތުރު ކާމިޔާބީތަކެއް ބޭނުންވާ ކަމަށެވެ.
“އަހަރެން ޕްރީ ސީޒަންގަ އެއްވެސް މެޗެއް ނުކުޅެން. މިދިޔަ ހޯމަ ދުވަހު އައިސް ކުޅުނީމަ ވަރަށް ބޮޑަށް ބުރަކަން އިހުސާސް ކުރެވޭ. ވޯލްޑް ކަޕަކީ މިހާރު މާޒީ. އަހަރެން ބޭނުން އިތުރަށް ކުރި އަރައި އިތުރު ޓްރޮފީތަކެއް ހޯދަން” މިދިޔަ ޓްރާންސްފަރ ބާޒާރުގައި ބާސެލޯނާއިން ގެންދަން ޝައުގުވެރިވި ޕޮގްބާ ބުންޏެވެ.
ރޭގެ މެޗު ފެށިތާ ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ ޕޮގްބާ އެވެ. ޔުނައިޓެޑަށް ޕެނަލްޓީ ލިބުނީ އެލެކްސިސް ސަންޗޭޒް ޖެހި ބޯޅައެއް ލެސްޓާ ސިޓީ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުންނެވެ. ޕެނަލްޓީން ޕޮގްބާ ވައްދާލި ލަނޑަށް ފަހު ލެސްޓާ ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ.
ޔުނައިޓެޑްގެ ދެވަނަ ގޯލް ހުއާން މަޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ލޫކް ޝޯ އެވެ. މިއީ ލޫކް ޝޯ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު 67 މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. މެޗުގައި ލެސްޓާ ސިޓީގެ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޖެމީ ވާޑީ އެވެ. ވާޑީ މި ލަނޑު ޖެހީ އެޓީމުގެ ރިކާޑޯ ޕެރެއިރާ ނަގައިދިން ހުރަހެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބޮލުންނެވެ.
ޕްރިމިއަރ ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. މިއަދު ހަވީރު 4:30 ގައި ޓޮޓެންހަމް ހޮޓްސްޕާސް ނިއުކާސަލްއާ ދެކޮޅަށް ނުކުންނައިރު މިރޭ 7 ޖަހާއިރު ރަށުން ބޭރުގައި ޗެލްސީ ނުކުންނީ ހަޑަސްފީލްޑް ޓައުނާ ދެކޮޅަށެވެ. މިރޭ 9:30 ގައި ކުޅޭ މެޗުގައި މިފަހަރުގެ ލީގަށް އަލަށް ކޮލިފައިވި ވޮލްވަހަމްޓަން ވޮންޑްރާސް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. މި ދެޓީމަކީވެސް އާސީޒަނަށް ގިނަ ކުޅުންތެރިންތަކެއް އިތުރު ކުރި ދެޓީމެވެ.
Advertisement
Leave a Reply