ޕްރިމިއަރ ލީގުގައި ވިދާލާނެ ޒުވާން ފަސް ކުޅުންތެރިން

Advertisement

ޕްރިމިއަރ ލީގުގައި ވިދާލާނެ ޒުވާން ފަސް ކުޅުންތެރިން

ފަހުމިނެޓް
ޗެލްސީއިން 2015 ވަނަ އަހަރުގެ އެފްއޭ ޔޫތުކަޕް ތަށީ އުފުލާލަނީ.

ޕްރިމިއަރ ލީގަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ކުޅޭ އެއް ލީގެވެ. ދިވެހިންގެ ތެރޭގައި ވެސް އެންމެ މަގުބޫލު އެއް ލީގަކީ އިންގްލިޝް ޕްރިމިއަރ ލީގެވެ. ލީގުގެ ފޯރިއާއި އިނގިރޭސި މީޑީއާގެ ސަބަބުން ގިނަ ޒުވާން ކުޅުންތެރިންނަށް އަބަދުވެސް އެޓީމެއްގެ ފުރަތަމަ އެގާރައިން ޖާގަހޯދަން ގިނަގުނަ މަސައްކަރްތަކެއް ކުރަންޖެހެއެވެ. ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކާފައި، ޔޫރަޕުގެ އެހެން ލީގެއްގައި އެކުޅުން ތަކުރާރުކުރުމުގައި ނާކާމިޔާބުވެފައި ވަނީވެސް މަދު ކުޅުންތެރިއެކެވެ.

ދެން ބަލާލާނީ މިފެށޭ 2018-2019 ސީޒަނުގައި ވިދާލާނެ ޒުވާން ފަސް ކުޅުންތެރިންނަށެވެ.

Advertisement

5. ނިޔާ ކިރްބީ (ކްރިސްޓަލް ޕެލަސް)

ނިޔާ ކިރްބީ.

18 އަހަރުގެ ކިރްބީ އަކީ ޓޮޓެންހަމް ހޮޓްސްޕާގެ އެކަޑަމީއިން އުފެދިގެން އައި ހުނަރުވެރި މިޑްފީލްޑަރެކެވެ. އޭނާ ކްރިސްޓަލް ޕެލަސް އަށް ބަދަލުވީ، ޔޫރަޕުގެ އެހެން ބޮޑެތި ކުލަބްތަކުން ކިރްބީގެ ސޮއި ހޯދަން ކިޔު ހަދާލާފައި ވަނިކޮށެވެ. ކިރްބީއަކީ މިދިޔަ އަހަރު އިނގިރޭސީން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ.

ޕެލަސްގެ ސީނިއާ ޓީމަށް އަދި ވާދަވެރި މެޗެއް ނުކުޅުނު ނަމަވެސް، ޕެލަސްގެ ޔޫތު ޓީމުގައި އޭނާވަނީ މިސީޒަނުގައި ސީނިއާ ޓީމުން ޖާގަހޯދާވަރުގެ އުންމީދީ ކުޅުމެއް ދައްކާފައެވެ.

4. މައިކަލް އޮބަފެމީ (ސައުތްހެމްޕްޓަން)

މައިކަލް އޮބަފެމީ.

18 އަހަރުގެ ސެންޓަ ފޯވަޑް އޮބަފެމީއަކީ އިސްކޮޅުން ކުރު ކުޅުންތެރިއެއް ނަމަވެސް އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަކީ އޭނާގެ ދުވެއްޔެވެ. މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގުގައި އެންމެ މެޗެއް ކުޅުނުނަމަވެސް، 18 އަހރުން ދަށާއި 23 އަހަރުން ގަށުގެ ޕްރިމިއަރ ލީގުގައި އޭނާ ވަނީ ގިނަ މެޗުތަކެއް ކުޅެ، ގިނަ ގޯލުތަކެއްވެސް ކާމިޔާބު ކޮށްފައެވެ.

ޗެލްސީ، އާސެނަލް އަދި ވޮޓްފޯޑުގެ އެކަޑަމީގައިވެސް ކުޅެފައިވާ އޮބަފެމީ އަކީ އަޔަލޭންޑްގެ 19 އަހަރުން ދަށުގެ ގައުމީޓީމުގެވެސް ކުޅުންތެރިއެކެވެ.

3. އެޑީ ނިކޭޓިއާ (އާސެނަލް)

ނިކޭޓިއާ ލީގްކަޕްގައި ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަނީ.

ޗެލްސީގެ އެކަޑަމީއިން އާސެނަލް އާ ގުޅުނު ނިކޭޓިއާ ވަނީ މިދިޔަ ސީޒަނުގައި ލިބުނު މަދު ފުރުސަތުތަކުގައި ދުނިއެއަށް އޭނާގެ ހުނަރު ދައްކާލާފައެވެ. ޕްރިމިއަރ ލީގާއި ޔޫރޮޕާ ލީގުގެ އިތުރުން ލީގްކަޕުގައިވެސް އޭނާވަނީ ކުޅެފައެވެ.

އާސެނަލްގެ ޔޫތު ޓީމުތަކަށް ޖުމްލަ 30 އަށްވުރެ ގިނަ ގޯލު ޖަހާދީފައިވާ މި ހުނަރުވެރި ފޯވަޑް ވަނީ، އާސެނަލް އިން އާސީޒަނަށް ތައްޔާރުވާން ކުޅުން ރަހުމަތްތެރިކަމުގެ މެޗުތަކާއި މުބާރާތްތަކުގައި، ސީނިއާ ޓީމުން ޖާގަ ލިބޭވަރުގެ މޮޅު ކުޅުމެއް ދައްކާފައިކަން ހުދު އާސެނަލްގެ އާ ކޯޗުވެސް ގަބޫލުކުރާނެއެވެ.

2. ރުބެން ނީވްސް (ވުލްވަހެމްޕްޓަން ވޮންޑަރާސް)

ރުބެން ނީވްސް، ވުލްވްސް އަށް ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަނީ.

21 އަހަރުގެ ނީވްސް ވުލްވަހެމްޕްޓަން އާގުޅުނީ ފާއިތުވެދިޔަ ސީޒަނުގައި، އެ ކުލަބާއި އިންގްލިޝް ފުޓްބޯލް ލީގުގެ ރެކޯޑް ފީއެއް ކަމަށްވާ 15.8 މިލިއަން ޕައުންޑަށެވެ. އީއެފްއެލް ޗެމްޕައަންޝިޕުގެ ޗެމްޕިއަންކަން ހޯދާ، ޕްރިމިއަރ ލީގަށް ވުލްވްސް ޕްރޮމޯޓްވުމުގައި ޕޯޗުގަލްގެހުރިހާ އުމުރުފުރައެއްގެ ގައުމީޓީމަށް ކުޅެފައިވާ ނީވްސް ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ މިއަހަރުގެ ވޯލްޑް ކަޕަށް ދިޔަ ޕޯޗުގަލްގެ ޓީމުގެ ޕްރިލިމިވަރީ ސްކޮޑުން ޖާގަ ދީފައެވެ. މުބާރާތަށްދާ ފައިނަލް ސްކޮޑުން ޖާގަ ނުލިބުނުކަމުގައި ވިއަސް، މިފެށޭ އާސީޒަނަކީ، މި ޒުވާން މިޑްފީލްޑަރަށް ވަރަށް މުހިންމު ސީޒަނަކަށް ވެގެންދާނެއެވެ.

1. ރަޔަން ސެސެންޔޮން (ފުލަމް)

ރަޔަން މިދިޔަ ސީޒަނުގެ އެޕްއޭ ކަޕް މެޗެއްގައި.

މިއީ ވޭތުވެދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕް ޕްލޭ-އޮފުން މޮޅުވެގެން ޕްރިމިަރ ލީގަށް ކޮލިފައިވި ފުލަމްއަށް ކުޅޭ އެއްމާބަނޑު ދެބެންގެ ތެރެއިން އެކަކެވެ. އުމުރުން އެންމެ 18 އަހަރުގައި، ސްޓީވަން ސެސެންޔޮން އާ ހިލާފަށް ރަޔަން ވަނީ ފުލަމް އަށް ލީގުގައި އެކަނިވެސް 71 މެޗު ކުޅެދީ، 20 ގޯލު ޖަހާދީފައެވެ.

ޗެމްޕިއަންޝިޕް ޕްލޭ-އޮފް ކާމިޔާބުކުރުމުގެ އިތުރުން އިތުބާރު ލެފްޓް-ބެކް ރަޔަން ވަނީ މިދިޔަ އަހަރު އިނގިރޭސި 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެއުމުރުފުރާގެ ޔޫރޯ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *