ފްރާންސް ލީގް 1 ގައި ވިދާލާނެ ޒުވާން ފަސް ކުޅުންތެރިން

Advertisement

ފްރާންސް ލީގް 1 ގައި ވިދާލާނެ ޒުވާން ފަސް ކުޅުންތެރިން

ފަހުމިނެޓް

ފްރާންސް “ލީގް 1” އަކީ ޔޫރަޕުގެ ބޮޑެތި ލީގު ތަކުގެ ތެރެއިން އެންމެ ފަސޭހަ ލީގު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ލީގެވެ. ނަމަވެސް މި ލީގަކީ ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުޅުންތެރެއިންގެ ކުރިބޯށިވެސްމެއެވެ. ޒިދާންއާއި، އޮންރީގެ އިތުރުން ޑްރޮގްބާ އަދި އެމްބައްޕޭ ފަދަ ކުޅުންތެރެއިންނަކީ ފްރާންސް ލީގް 1 އިން ވިދާލި ކުޅުންތެރިންނެވެ.

ފާއިތުވި 2 ސީޒަނުގައި މި ލީގުން އެންމެ ވިދާލީ، ފްރާންސައް މިއަހަރުގެ ވޯލްޑް ކަޕް ހޯދައި ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި އެމްބައްޕޭއެވެ. ދެން މި ބަލާލަނީ މި ސީޒަނުގައި އެކުޅުންތެރިއެއްގެ ވިދުން އެންމެ ގަދަވާނެކަމަށް ބެލެވޭ ޒުވާން ފަސް ކުޅުން ތެރިންނަށެވެ.

5. މަލަންގް ސާރ (ނީސް)

މަލަންގް ސާރ

ފްރާންސްގެ 21 އަހަރުންދަށުގެ ގައުމީ ޓީމުންގެ ސެންޓަރ ބެކް، ސާރ އަކީ ނީސްގެ ބީ ޓިމުން ޕްރޮމޯޓުވި ކުޅުންތެރިއެކެވެ. 2016-2017 ވަނަ ސީޒަނުން ފެށިގެން ނީސްގެ ސީނިއަރ ޓިމުގައި ހިމެނިގެން ކުޅެންފެށި ސާރ އަކީ އެ ޓީމުގެ ފުރަތަމަ 11 އިން ވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. މިހާރު އުމުރުން 19 އަހަރުގެ މި ޑިފެންޑަރު ވަނީ އެޓިމަށް ފާއިތުވެދިޔަ ދެ ސީޒޒަނުގައި 48 ލީގު މެޗު ކުޅެދީފައެވެ.

4. ލުކަސް ތޫޒާޓް (ލިޔޯން)

ލޫކަސް ތޫޒާޓް

21 އަހަރުގެ ތޫޒާޓް އަކީ 2016 ވަނަ އަހަރު 19 އަހަރުން ދަށުގެ ޔޫރޯ ފްރާންސް އިން ކާމިޔާބު ކުރި އިރު އެޓީމުގެ ކެޕްޓަނެވެ. 2015 ވަނަ އަހަރު ލިޔޯންގެ ބީ ޓީމުން ސީއިނަރ ޓީމައް ޕްރޮމޯޓު ވުމަށް ފަހު އޭނާ ވަނީ ލީގުގައި 60 މެޗު ކުޅެ 1 ގޯލު ޖަހަފައެވެ. ނިމިގެން ދިޔަ ސީޒަނުގައި ލިގުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް މި ސީޒަނަކީ ތަފާތު ދައްކާނެ ސީޒަނަކަށްވުން ވަރަށް ގާތެވެ.

3. ހުސާމް އަވާރް (ލިޔޯން)

ހުސާމް އަވާރް

20 އަހަރުގެ މިޑްފީލްޑަރ އަވާރް އަކީ މިދިޔަ ސީޒަނުގެ “ހޮޓް ޕްރޮސްޕެކްޓް”އެކެވެ. ލިޔޯންގެ ބީ ޓީމުން ވިދާލައި، ސީނިއާ ޓީމުން ޖާގަ ހޯދުމަށްފަހު ނިމިދިޔަ ސީޒަނުގައި އެކަނިވެސް އެޓީމަށް 44 މެޗު ކުޅެދީ، 7 ގޯލު ޖަހާދީފައި ވެއެވެ. އޭނާ ލިޔޯންގައި ދެއްކި މޮޅު ކުޅުމާއެކު މިއަހަރުގެ “ގޯލްޑަން ބޯއީ” އެވޯޑަށް ވެސް ވަނީ ނޮމިނޭޓް ވެފައެވެ.

2. ބައުބަކާ ކަމާރާ (މާސޭ)

ބައުބަކާ ކަމާރާ

2017-2018 ގެ ސީޒަން ފެށުމުގެ ކުރީ ހޫނުމޫސުމުގެ ޓްރާންސްފާ ބާޒާރުގައި، އިނގިރޭސި ކުލަބްތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގެ އިތުރުން ޗެލްސީއިން ވެސް ފާރަލި ކަމާރާއަކީ 18 އަހަރުގެ އުންމީދީ ޑިފެންޑަރެކެވެ. ޕީއެސްޖީ އާއި ބްރެޒިލްގެ ތަރި، ތިއާގޯ ސިލްވާއާ އެއްފަދަ ޑިފެންޑަރަކަށް ވާނެކަމަށް ގިނަބަޔަކު ބުނަމުންދާ ކަމާރާ ވަނީ ނިމިދިޔަ ސީޒަނުގައި ސީނިޔާ ޓީމުގައި ކުޅެލަން ލިބުނު މަދު ފުރުސަތުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ ސަބަބުން މިސީޒަނުގައި އޭނާއަށް ގިނަ މެޗުތަކެއް ކުޅެން ލިބުމަކީ އެކަށީގެން ވާކަމެކެވެ.

1. ބާޓްރަންޑް ޓްރައޯރޭ (ލިޔޯން)

ބާޓްރަންޑް ޓްރައޯރޭ

ފްރެންޗް ލީގުގައި އެކުޅުންތެރިއެއްގެ ވިދުން އެންމެ ގަދަޔަށް ވިދާލާނެކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާނޭ ކުޅުންތެރިޔަކީ އުމުރުން 22 އަހަރުގެ ޓްރައޯރޭ އެވެ. އޭނާގެ ދުވެއްޔާއި ބޯޅަ ހިފައިގެން ކޮށްޓާ ނެއްޓުމުގެ ހުނަރަކީ އިތުރު ތައާރަފެއް ބޭނުންވާ ކަންކަމެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ޗެލްސީއިން މިދިޔަ ސީޒަނުގައި ލިޔޯން އަށް ބަދަލުވެ، އޭނާ ވަނީ ޓީމަށް ކުޅެދިން 41 މެޗުން 18 ގޯލު ކާމިޔާބު ކޮށްފައެވެ. ބުރްކީނާ ފާސޯގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާއެކު 2011 ވަނަ އަހަރުގެ، އެއުމުރުފުރާގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ވެސް ކާމިޔާބު ކޮށްފައިވާ ޓްރައޯރޭ ވަނީ ސީނިއާ ގައުމީ ޓީމަށް 47 މެޗު ކުޅެދީ، 8 ގޯލުވެސް ޖަހާދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *