ކުޅިވަރުން ބަތޮލުންނަށްވެ އެންމެފަހުން ރިޔާސީ ގަނޑުވަރަށް

Advertisement

ކުޅިވަރުން ބަތޮލުންނަށްވެ އެންމެފަހުން ރިޔާސީ ގަނޑުވަރަށް

އައްބާސް
އިމްރާން ޚާން (ކ) އަދި ޖޯޖް ވިޔާ (ވ).

ސިޔާސީ ދާއިރާ އަކީ ގިނަބައެއްގެ ލޯތްބާއި ރުހުން ލިބިގެން ކާމިޔާބު ޙާޞިލްކުރެވޭ ދާއިރާ އެކެވެ. ބައެއް މީހުން ސިޔާސީ ދާއިރާ އަށް ވަންނަނީ ސުމަކުންނެވެ. މާބޮޑު މަޝްހޫރުވުމެއްނެތިއެވެ. މާގިނަ ދަންނަ ބަޔަކު ނެތިއެވެ. އަނެއް ބަޔަކު އެދާއިރާގައި އުޅެމުން މަޝްހޫރުކަމާއި ގިނަބައެއްގެ ރުހުމާއި ލޯބި ހޯދައެވެ. އަދި އެންމެފަހުން ސިޔާސީ ދާއިރާގެ ބޮންތިއަށް ވާސިލްވެއެވެ. އަނެއްބަޔަކު ސިޔާސީ ދާއިރާއަށް ވަންނަނީވެސް ކޮންމެވެސް އެހެން ދާއިރާއެއްގައި މަޝްހޫރުވެ ގިނަބައެއްގެ ރުހުމާއި ލޯބި ހޯދައިގެންނެވެ. މިސާލަކަށް އެމެރިކާގެ ރައިސްކަން ކުރެއްވި ރޮނަލްޑް ރޭގަން އާއި ކެލިފޯނިއާގެ ގަވަރުނަރުކަންކުރި އާނޯލްޑް ޝުވެޒްނެގަރ އާއި ފިލިޕިންސްގެ ރައީސްކަންކުރި ޖޯސެފް އެސްޓްރާޑާއަކީ ފިލްމީ މައިދާނުގައި ޙަރަކާތްތެރިވި ފަންނާނުންނެވެ. ހަމަ މިގޮތަށް ތަފާތު ކުޅިވަރުތަކުގައި މަޝްހޫރުކަންހޯދުމަށްފަހު އެމަޝްހޫރުކަން ބޭނުންކޮށްގެން ސިޔާސީ ދާއިރާގައި ހަރަކާތްރިވި އަދި މިހާރުވެސް ޙަރަކާތްތެރިވާ މީހުން މަދެއްނޫނެވެ. ގިނަކުޅިވަރުތަކަކީ އެކުޅިވަރުތައް ކުޅުމުގައި އާމްދަނީ ހޯދުމަށް ގިނަ އަހަރުތަކެއް ހޭދަ ނުކުރެވޭ ފަދަ ކުޅިވަރުތަކެވެ. މިސާލަކަށް ފުޓްބޯޅަ ކުޅެން ކިތަންމެ މޮޅަސް އެމީހެއްގެ އުމުރުން ސާޅީހަކަށް އަހަރުވާއިރަށް ކުލަބުތަކާއި ޤައުމީ ޓީމުތަކަށް އެކުޅުންތެރިއެއްގެ ބޭނުންކެނޑެއެވެ. އެހެންކަމުން އެހިސާބަށް ދާއިރަށް މަޖުބޫރުވަނީ އާމްދަނީ ލިބޭނެ އަދި ކެރިއަރެއް ބިނާކުރާނެ އެހެން ރޮނގެއް ޚިޔާރުކުރާށެވެ. އެގޮތުން ބައެއް މީހުން ކުލަބުތައް ހިންގުމަށް ނުވަތަ ކޯޗްކޮށްދިނުމަށް  އެނބުރޭއިރު އަނެއްބަޔަކު އެދާއިރާ އެއްކޮށް ދޫކޮށްލާ ވިޔަފާރިއާއި ދިމާލަށް ނުވަތަ ސިޔާސީ ދާއިރާއަށް ދީލާލައެވެ.

މިގޮތުން ބަލާލިއިރު ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވި ނުވަތަ މިހާރުވެސް ޙަރަކާތްތެރިވާ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ލައިބީރިއާގެ ޖޯޖުވިޔާ، ބުރެޒިލްގެ ލެޖެންޑް ޕެލޭއާއި، ޒިކޯ އަދި ރޮމާރިއޯ، ބެލްޖިއަމްގެ މާކްވިލްމޮޓްސް، ރަޝިޔާގެ އަންދްރޭ އަޝްރަވިންއާއި، އޮލޭ ބްލޯޚިން، އަދި ރޯމަން ޕަވްލިއުޗެންކޯ، ޔޫކުރޭންގެ އަންދްރޭ ޝެވުޗެންކޯ، ފުރާންސްގެ ލިލިއަން ތުރާމް، އިޓަލީގެ ޖިއަންނީ ރިވޭރާ، ގިނީގެ ޓީޓީ ކަމާރާ، ތުރުކީގެ ހާކާން ޝުކޫރު، އިނގިރޭސި ވިލާތުގެ ސޮލްކޭމްބްލް އަދި އައިސްލޭންޑްގެ އެލްބަޓް ގުޑްމަންޑްސޮން ފާހަގަކޮށްލެވެއެވެ. އެހެންކުޅިވަރުތަކަށް ބަލާއިރު ކުރިކެޓުން ޕާކިސްތާނުގެ އިމްރާން ޚާން، އިންޑިއާގެ ކިރުތީ އާޒާދު، ސްރީލަންކާއިން ސަނަތު ޖަޔަސޫރިޔާއާއި އަރުޖުނާ ރަނަތުންގަ، ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ރެސްލިން ތެޅުންތެރިޔާ ޖެސީ ވެންޗޫރާ އާއި ދުވުންތެރިޔާ އިނގިރޭސި ވިލާތުގެ ސެބަސްޓިއަން ކޯ އާއި ބޮކްސިން ތެޅުންތެރިޔާ ފިލިޕިންސްގެ މެނީޕެކިއާއޯ އަކީވެސް ކުޅިވަރުން މަޝްހޫރުކަން ހޯދައިގެން ސިޔާސީ ދާއިރާއަށް ވަތް މީހުންނެވެ. މިގޮތަށް ދީލާލާ ބައެއްމީހުން އެދާއިރާގައިވެސް ކާމިޔާބު ޙާޞިލްކުރާއިރު އަނެއްބަޔަކު އެދާއިރާއިން ފޭލިވެ އެހެންދިމާއަކަށް އެނބުރޭތަން އާދެއެވެ. ތިރީގައި މި ބަލާލަނީ މަތީގައި ފާހަގަކޮށްލެވުނު މީހުންތެރެއިން ސިޔާސީ ދާއިރާގެ ބޮންތިއަށް ވާޞިލުވެފައިވާ ދެތަރިންނަށެވެ. ރާއްޖޭގައިވެސް ފަސް އަހަރުތެރޭގައި އަންނަ ސިޔާސީގޮތުން އެންމެ ހަލަބޮލި ދުވަސްކޮޅު ކިޔާލަން މިއީ ރަނގަޅު ލިޔުމަކަށް ހަމަ ވެދާނެއެވެ.

އިމްރާން ޚާން – ކުރިކެޓް

ޕާކިސްތާނުގެ ކުރިކެޓް ލެޖެންޑް އިމްރާން ޚާން އަކީ ކުރިކެޓްގެ ދުނިޔޭގައި އެންމެ މަޝްހޫރު އެއްނަމެވެ. 1992ގެ ވޯލްޑްކަޕް ޕާކިސްތާނު ހޯދިއިރު ޓީމުގެ ކެޕްޓަނަކީ އޭނާއެވެ. ކެޕްޓަނެއްގެ ގޮތުގައި ނިކުމެ އެ ތަށި ހޯދުމުން ކުރިކެޓަށް މަރުދޭ ޕާކިސްތާނުގައި އިމްރާން ޚާން ވެގެންދިޔައީ ޤައުމީ ބަޠަލަކަށެވެ. ދުނިޔެދުށް އެންމެ މަޝްހޫރު ފާސްޓްބޯލަރުންގެ ތެރޭ ހިމެނޭ ޚާންއަކީ ބެޓްކުރަންވެސް މޮޅު އޯލްރައުންޑަރއެކެވެ. އޭނާވަނީ ޓެސްޓް ކުރިކެޓާ އެއްދުވަހުގެ މެޗްތަކުގައި ޖުމުލަ 7516 ލަނޑު ހަދާ އަދި 544 ވިކެޓް ނަގާފައެވެ. އެއީ 85 ޓެސްޓް މެޗާއި އެއްދުވަހުގެ 175 މެޗްކުޅެގެންނެވެ. ޕާކިސްތާނު ޓީމާއެކު ޚާން އެންމެ ފުރަތަމަނިކުތީ 1971ގައި އިނގިރޭސިންނާއި ދެކޮޅަށް ކުޅުނު ޓެސްޓްމެޗެއްގައެވެ. ޚާން ކުރިކެޓުން ރިޓަޔަރކުރީ ޕާކިސްތާނަށް މިހާތަނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ކުރިކެޓް ވޯލްޑްކަޕް ކަމުގައިވާ 1992ގެ  ވޯލްޑްކަޕަށް ފަހުގައެވެ.

ކުރިކެޓުން ލިބުނު މަޝްހޫރުކަމާއި ސަޕޯޓާއެކު ޕާކިސްތާނުގެ ސިޔާސީ ދާއިރާއަށް ޚާން ވަނީ 1996 ގައި އަމިއްލަ ސިޔާސީ ޕާޓީ އެއް އުފައްދައިގެންނެވެ. “ތަހުރީކް އޭ އިންސާފު” ގެ ނަމުގައި އުފެއްދި ޕާޓީއާއެކު ޙަރަކާތްތެރިވާންފެށި އިމްރާން ޚާން 1997 ގައި އިންތިޚާބުގައި ވާދަކުރިއެވެ. އެކަމަކު އެފަހަރު ކާމިޔާބެއް ނުވިއެވެ. އެހެންނަމަވެސް 2002 ވަނަ އަހަރު ނެޝަނަލް އެސެމްބްލީއިން އޭނާ ޖާގަ ހޯދިއެވެ. އަދި 2007 އާއި ހަމައަށް އިދިކޮޅު މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރިއެވެ. އަދި 2013 ގައި އަނެއްކާވެސް އެސެމްބްލީގެ ގޮޑިއެއް އިމްރާން ޚާން ހޯދިއެވެ. އޭރު އޭނާގެ ޕާޓީ ވެފައިވަނީ ޕާކިސްތާނުގައި ފާހަގަކޮށްލެވޭ ޕާޓީއަކަށެވެ. ޒުވާން އުމުރުގައި ޕްލޭބޯއީއެއްގެ ގޮތުގައި މަޝްހޫރުވި މިކުރިކެޓް ތަރި ވަނީ މިހާތަނަށް ތިން ކައިވެންޏެއް ކޮށްފައެވެ. އަދި އޭނާގެ 3 ދަރިން ތިބެއެވެ. ކެންސަރުބަލީގައި މަރުވެގެންދިޔަ މަންމަގެ ހަނދާނުގައި ކެންސަރަށް ފަރުވާދޭ ހޮސްޕިޓަލެއް ބިނާކޮށް ހެޔޮއަގެއްގައި އެބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ އިމްރާންޚާން ސިޔާސީ ކުރިބޯށްޓާއި ހަމައަށް ވާޞިލުވުމުގެ އުއްމީދުގައި ނާކާމިޔާބީގެ 22 އަހަރު ހޭދަކުރުމަށްފަހު  މިއަހަރުގެ ޖުލައި މަހު ޕާކިސްތާނުގައި ބޭއްވުނު އިންތިޚާބު ކާމިޔާބުކޮށް މިހާރު އެހެރީ ޕާކިސްތާނުގެ މިނިވަންދުވަސް ކަމުގައިވާ މިއޯގަސްޓްމަހުގެ 14 ގައި ބޮޑުވަޒީރުކަމުގެ ހުވާ ކުރަން ތައްޔާރަށެވެ. އެނގިދާނެތާއެވެ. ކުރިކެޓްގެ ތަޚުތު ފަޅުފިލުވި ގޮތަށް ބޮޑުވަޒީރުކަމުގެ ގޮނޑި ފަޅުފިލުވޭތޯ ބަލަން ތިބެމާ ހިނގާށެވެ.

 

ޖޯޖް ވިޔާ- ފުޓްބޯޅަ

ކުޅިވަރުގެ ތެރެއިން ސިޔާސީ ދާއިރާއަށް އައި މީހުންގެ ވާހަކަ ދައްކާއިރު ޖޯޖް ވިޔާގެ ވާހަކަ ނުދެކެވި ނުދާނެއެވެ. ލައިބީރިއާއަށް އުފަން މި ފުޓްބޯޅަ ތަރިއަކީ ޔޫރަޕްގެ ބޮޑެތި ޓީމުތަކަށް ކުޅެ ގިނަ ގޯލްތަކެއް ޖަހާފައިވާ ސްޓްރައިކަރެކެވެ. ވިޔާއަކީ މިހާތަނަށް ފުޓްބޯޅައިގެ އެންމެ މަތީ އެވޯޑްތައް ކަމަށްވާ ބެލެންޑިއޯ އާއި ފީފާގެ އަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ އެފްރިކާއަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާއެވެ. 1995 ގައި ބެލެންޑިއޯ ހޯދި ވިޔާ ޔޫރަޕްގައި ފުރަތަމަ ކުޅުނީ އާސެން ވެންގަރ ގެ އިރުޝާދުގެ ދަށުން ފުރާންސްގެ މޮނާކޯއަށެވެ. މޮނާކޯގައި 4 ސީޒަން ހޭދަކުރުމަށްފަހު ޕީއެސްޖީއަށް ބަދަލުވެ އެޓީމަށް 3 އަހަރު ކުޅުނެވެ. އެއަށްފަހު މިލާނަށް ބަދަލުވެ އިޓަލީގައި ހޭދަކުރި 5 އަހަރަކީ ވިޔާގެ ފުޓްބޯޅައިގެ ރަންޒަމާނެވެ. އޭގެފަހުން ޗެލްސީ އަށާއި މެންޗެންސްޓަރ ސިޓީއަށް ކުޅުމަށްފަހު އެނބުރި ފުރާންސަށް ގޮސް މާސޭގައި އެއް އަހަރު ކުޅުނެވެ. ވިޔާގެ ކެރިއަރު ނިންމާލީ 2003 ގައި ޔޫއޭއީ ގެ އަލްޖަޒާއިރަށް ކުޅުމަށްފަހެއެވެ. ވިޔާ ގެ 18 އަހަރުގެ ދިގު ކުލަބު ކެރިއަރުގައި ކުޅުނު  478 މެޗްގައި 193 ގޯލު ޖަހާފައި ވެއެވެ. އަދި ލައިބީރިއާގެ ޤައުމީޓީމަށް 60 މެޗުގައި 22 ގޯލު ޖަހައިދިނެވެ.

ފުޓްބޯޅަ ކެރިއަރު ނިންމާލުމަށްފަހު ވިޔާ ޤައުމީޓީމަށް ފައިސާގެ ގޮތުން އެހީވެދީ އަދި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދިނެވެ. ލައިބީރިއާގެ ދާޚީލީ ހަނގުރާމައަށްފަހު 2005 ގައި އޮތް ރިއާސީ އިންތިޚާބުގައި ވިޔާ ވާދަކުރިއެވެ. ފުރަތަމަ ބުރުން އެންމެ ކުރިހޯދައިގެން ދެވަނަބުރަށް ދިޔަނަމަވެސް ދެވަނަބުރުގައި ވިޔާ ބަލިވީއެވެ. ވިޔާގެ އެންމެ ބޮޑު ބަލިފަޔަކަށް ވީ އޭނާގެ ތަޢުލީމީ ފެންވަރެވެ. އެހެންކަމުން ވިޔާ އެމެރިކާގެ މިއާމީގެ ޔުނިވަރުސިޓީއަކުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފުރަމަ ޑިގްރީ ޙާޞިލްކޮށްގެން އެނބުރި ޤައުމަށްގޮސް ބައި އިލެކްޝަނެއްގައި ވާދަކޮށް ކޮންގުރެސްގެ ގޮނޑިއެއް ކާމިޔާބުކުރިއެވެ. 2011 ގެ ރިޔާސީ އިންތިޚާބުގައި ވިޔާ ވާދަކުރީ އިދިކޮޅު ކެނޑިޑޭޓްގެ ރަނިންމޭޓްގެ ގޮތުގައެވެ. އިންތިޚާބުގެ ފުރުތަމަބުރުގައި މަކަރުހަދާފައިވާ ކަމަށްބުނެ ވިޔާގެ ޕާޓީން އިންތިޚާބުގެ ދެވަނަބުރު ބޮއިކޮޓްކުރުމުން ވިޔާގެ އިންތިޒާރު ދިގުވާގޮތްވީއެވެ. 2014 ވަނައަހަރު ވިޔާ ލައިބީރިއާގެ ސެނެޓަށް ކުރިމަތިލައި 2011 ގައި ވިޔާ އެމީހެއްގެ އަތުން ބަލިވި ރައީސްގެ ދަރިކަލުންނާއި ވާދަކޮށް ސެނެޓްގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރިއެވެ. އަދި 2017 ވަނަ އަހަރު އޮތް ލައިބީރިއާގެ ރިއާސީ އިންތިޚާބު ކާމިޔާބުކޮށް އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމަށްފަހު ޤައުމެއްގެ ވެރިކަމާއި ޙަވާލުވި ފުރަތަމަ މީހާގެ ގޮތުގައި ވިޔާ ތާރީޚްގެ ތެރެއަށް ވަދެގެން ދިޔައީއެވެ.

މިއާއެކު ފާހަގަކޮށްލެވޭ އަނެއްކަމަކީ ވިޔާގެ ރައީސްކަން ފެށުމާއެކުހެން އޭނާގެ ދަރިކަލުން ޓިމޮތީވިޔާގެ ޔޫރަޕްފުޓްބޯޅައިގެ ކެރިއަރުފެށި ޕީއެސްޖީއާއި އެމެރިކާގެ ޤައުމީޓިމުގެ ތަރިއަކަށް އެހެރައަންނަނީ ވަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *