އާ ލީގުގެ ފެށުން: ލަމްޕާޑަށް ކާމިޔާބު، ޖެރާޑަށް ނުތަނަވަސްކަން

އިނގިރޭސި ވިލާތުގެ ކުރީގެ ދެ ތަރިން ކަމަށްވާ، ޗެލްސީގެ ކުރީގެ މިޑްފީލްޑަރ ފްރޭންކް ލަމްޕާޑާއި ލިވަޕޫލްގެ ލެޖެންޑް ސްޓީވަން ޖެރާޑު ކޯޗެއްގެ ގޮތުގައި ވާދަވެރި ލީގު މެޗެއްގައި ފުރަތަމަ ފަހަރަށް ފެނިލައިފިއެވެ.
ލަމްޕާޑުގެ ޑާބީ ކައުންޓީއިން މެޗުގެ ފަހުވަގުތު މޮޅެއް ހޯދިއިރު، ޖެރާޑުގެ ރޭންޖާސްއަށް މެޗު ނިންމާލަންޖެހުނީ ޕޮއިންޓަކާއެކު އެވެ.
އިނގިރޭސި ޗެމްޕިއަންޝިޕުގައި ޑާބީއިން މިމަހުގެ ތިންވަނަ ދުވަހު ކުޅުނު މެޗުގައި އެޓީމު މޮޅުވީ 2-1 އިން ރެޑިން ބަލިކޮށްގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ރެޑިންގެ ބޯޑްވަރސަން އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ޑާބީއަށް އެއްވަރުކޮށްދިނީ ޗެލްސީ އިން ލޯނަކަށް މިސީޒަނުގައި ގުޅުނު ޒުވާން ފޯވަޑް، މޭސަން މައުންޓެވެ. މެޗުން މޮޅުވި ލަނޑު އެޓީމުގެ ޓޮމް ލޯރެންސް ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނިޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ 4 ވަނަ މިނިޓުގައެވެ.
މެޗަށްފަހު ލަމްޕާޑް ބުނީ މިއީ ތަފާތު އިހުސާސްތަކެއް ކަމަށެވެ.
“އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ކޮންމެ ހަފްތާއަކު މިކަމެއް ނުވާނެކަން. ހަގީގަތުގައި އަހަރެމެން މިމެޗުން މޮޅުވާކަށް ހައްގެއް ނޫން، ވަރަށް ބައިވަރު ކަންކަން ރަނގަޅުކުރަން އެބަޖެހޭ. އެކަމަކު މި މޮޅަކީ ވަރަށް ހާއްސަ މޮޅެއް. މެޗަށްފަހު އަހަރެމެންގެ އުފާފާޅުކުރުންތަކުންވެސް އެނގޭނެ އަހަރެމެންނަށް މި މޮޅު ކިހާ މުހިއްމުކަން.” މެނޭޖަރެއްގެ މަގާމުގައި ހުރެ ފުރަތަމަ މެޗުން މޮޅުވުމަށްފަހު ލަމްޕާޑް ބުންޏެވެ.

މެޗު އެއްވަރުވުމުން ޖެރާޑް އެޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެނީ.
ސްކޮޓިޝް ޕްރިމިއަރޝިޕުގައި ޖެރާޑުގެ ރޭންޖާސް އިން ކުޅުނު ފުރަތަމަ މެޗުގައި އަބަރޑީން އާބައްދަލުކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ 12 ވަނަ މިނިޓުގައި ރޭންޖާސްގެ ފޯވަޑް މޮރީލޮސް އަށް ދެއްކި ރަތްކާޑާއެކު އެޓީމު ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. ލިބުނު ޕެނަލްޓީއަކުން ރޭންޖާސްގެ ކުޕްޓަން ޓަވާނިއާ އެޓީމަށް ލީޑު ނަގާދީފައި ވަނިކޮށް، އެޓީމުގެ އާ މެނޭޖަރު މާޔޫސްކޮށްލީ، ބަދަލުކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް އެންމެ 19 އަހަރުގެ ބްރޫސް އެންޑަރސަން އެވެ. އެންޑަރސަން މިލަނޑު ޖެހީ 90 މިނިޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ 3 ވަނަ މިނިޓުގައެވެ.
މެޗަށްފަހު ރޭންޖާސްގެ ކުޅުންތެރިޔާއަށް ދެއްކި ރަތް ކާޑާ ބެހޭގޮތުން ސުވާލުކުރުމުން ޖެރާޑް ބުނީ، އެއީ ރަތް ކާޑު ދައްކަންޖެހޭވަރުގެ ހާލަތެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
“އަހަރެންގެ ނަޒަރުގައި އަބަރޑީންގެ 11 ކުޅުންތެރިންނަށްވުރެ އަހަރެންގެ 10 ކުޅުންތެރިން މާ ރަނގަޅަށް ކުޅުނު. ޓީމެއްގެ ގޮތުގައި އަހަރެމެން ރަނގަޅު ކުޅުމެއް ދެއްކިން.” ޖެރާޑް ބުންޏެވެ.
މިމެޗުން އެއްވަރުވި ނަމަވެސް ޖެރާޑުގެ މެނޭޖަރުކަމުގެދަށުން ރޭންޖާސް އަދި ބަލިވެފައެއް ނުވެއެވެ. ލީގު ފުރަތަމަ މެޗުގެ ކުރިން ރޭންޖާސް ވަނީ ޔޫރޮޕާ ލީގު ކޮލިފައިންގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރުން މޮޅުވެ، ތިންވަނަ ބުރަށް ދަތުރުކޮށްފައެވެ.
Advertisement


Leave a Reply