ރަނަށް އަލުންކުރި އިންތިޒާރަށް 10 އަހަރު : ތަޖްރިބާކާރުން ބުނަނީ ކީކޭ؟

Advertisement

ރަނަށް އަލުންކުރި އިންތިޒާރަށް 10 އަހަރު : ތަޖްރިބާކާރުން ބުނަނީ ކީކޭ؟

ޢަބްދުﷲ އަޝްރަފް
2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށްޓާއެކު އަޝްފާގު (ކ) އަދި އޮއްޕޮ (ވ). ފޮޓޯ: އިމޭޖަސް.އެމްވީ

އެއީ 14 ޖޫން 2008 ވަނަ ދުވަހުގެ ރޭގެ އިރާކޮޅެވެ. މުޅި ރާއްޖެ އޮތީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއާ ރާއްޖެ ބައްދަލުކުރި ފައިނަލް މެޗަށް ހުއްޓިފައެވެ. މެޗް ކުޅެމުންދިޔަ ސްރީލަންކާގެ މުޅި ސުގަތަދާސަ ސްޓޭޑިއަމް އޮތީ ދިވެހިން ފަތަހަކޮށްފައެވެ. މިއީ އަހަރެމެންގެ ފަހަރުކަމަށް ބުނަމުން އައި އެ ހުރިހާ ދިވެހިންގެ އުއްމީދުތައްވެސް ހުރީ އިންތިހާގައެވެ. ފައިނަލްގެ ކުރިން ކުޅުނު މެޗްތަކުގައި ދިވެހި ޓީމުން ދެއްކި މޮޅު ކުޅުން އެމީހުންގެ ހުވަފެންތައް އެ ހިސާބަށް ގެންދަން މަޖްބޫރުކުރުވީއެވެ. ސަރަހައްދުގެ އެންމެ ވަރުގަދަ ބާރު އިންޑިޔާއާ ދެކޮޅަށް ކަށިން ހިތްވަރު ނެރެގެން ކުޅެމުން އައި ދިވެހި ޓީމުން މެޗް ނިމެން ދެ މިނެޓަށް ވެފައި އޮއްވާއިންޑިޔާ ކޮޅަށް ވައްދާލި ތާރީހީ ލަނޑާއެކު މުޅި ސްޓޭޑިއަމް “މޯލްޑިވްސް މޯލްޑިވްސް” ގެ އަޑުން ގުގުމާލިއެވެ. އަދި، ރެފްރީގެ އެންމެ ފަހު ކަށިގަނޑާއެކު ސަތާރަ އަހަރުވަންދެން ރަނަށް ދިވެހިން ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައެވެ.

އެ ހަނދާންތަކަށް މިހާރު ދިހަ އަހަރުވީއެވެ. އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ހަތަރު މުބާރާތުގައި ރާއްޖެ ވާދަކުރިއިރު ފައިނަލާ ހަމަޔަށްވެސް ދެވުނީ އެންމެ ފަހަރަކު އެވެ. 2008 ގެ ކާމިޔާބީ ތަކުރާރުކޮށްފާނެ ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިއްބާ ޖެހިގެން އައިއަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ފައިނަލްގައި މޮޅަށް ކުޅުނު ނަމަވެސް ޕެނަލްޓީ ޖަހައިގެން ރާއްޖެ ވީ ބައްޔެވެ. އޭގެ ފަހުން  2011 ވަނަ އަހަރު އިންޑިޔާގައި ބޭޢްވި މުބާރާތާއި، 2013 ވަނަ އަހަރު ނޭޕާލްގައި ބޭއްވި މުބާރާތާއި އަދި އެންމެ ފަހުން އަނެއްކާވެސް 2015 ވަނަ އަހަރު އިންޑިޔާގައި ބޭއްވި މުބާރާތުން ރާއްޖެ ކެޓީ ސެމީ ފައިނަލާ ހަމައިންނެވެ. ސުވާލަކީ ދިވެހިންނަށް ލިބުނު ރަންތަށި ދިފާއު ނުކުރެވިގެން މިއުޅޭ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ.؟ އެ ތަށި ދިފާއުކުރަން ހަތަރު ފަހަރެއްގެ މަތިން މަސައްކަތްކޮށްގެންވެސް ކާމިޔާބުނުވީ ކީއްވެ ހެއްޔެވެ؟

ސާފް ޗެމްޕިއަން ތަށްޓާއެކު ދިވެހިން އުފާ ފާޅުކުރަނީ. ފޮޓޯ: ޓޫ ޑެޑް ފިޝް/ފްލިކާ

“އަސްލު ބައިނަލްއަގްވާމީ ފެންވަރެއްގަ ތައްޓެއް ހޯދުން އެއީ އުނދަގޫ ކަމެއް. މިސާލަކަށް ވޯލްޑްކަޕަށް ބެލިޔަސް މި ފެންނަނީ ތަށި ހޯދާ ޓީމަށް ތަށި ދިފާއުކުރަން ކުރަންޖެހޭ މަސައްކަތް އޮންނަނީ ރިލެކްސް ކުރެވިފަ. ހަގީގަތަކީ އެއީ. އެއްވެސް ބަޔަކަށް ތަށި ދިފާއުނުކުރެވިގެން އުޅޭ ސަބަބަކީ އެއީ.” ތަށި ދިފާއު ނުކުރެވުމުގެ މައްސަލައިގައި ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބެ) ގެ ވާހަކަ “ފަހުމިނެޓް” އާ ހިއްސާކުރަމުން ކިޔައިދޭން ފެށިއެވެ.

“އަނެއްހެން ބުނާނަމަ މާލޭގަ މައިގަނޑު ބޯޅަ މިކުޅެވެނީ ސެންޓްރަލައިޒްކުރެވިގެން. ސެންޓްރަލައިޒްކުރެވިގެން ބޯޅަ ކުޅޭއިރު މާލެއަކު ނެތް ކުޅުންތެރިންނަށް އަހަރުތެރޭގަ ޓްރެއިންކުރާނެ ފެސިލިޓީއެއް. އެންމެ އެކަށީގެންވާ އެޑްމިނިސްޓްރޭޝަނެއް ނެޝަނަލް އެސޯސިއޭޝަންގަވެސް ނެތް އަދި ހުދު ކްލަބްތަކުގަވެސް ނެތް. އަސްލުގަ ނެޝަނަލް އެސޯސިއޭޝަންވެސް ސްޓޭބަލް ނުވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ކްލަބްތައް ސްޓޭބަލް ނުވުން. މިހިރީ އަސްލު ވަރަށް ބައިވަރު ކަންތައް އޭ ޓު ޒެޑަށް ނުކޮށް ތިއްބާ ތަށި ލިބުނީމާ ތަށި ދިފާއުކުރަން ދެން އެ އަޅަންޖެހޭ ސްޓެޕަށް ދާން ކުރަންޖެހޭ މަސައްކަތް ރާއްޖެއަށް ނުކުރެވި މިއޮތީ.” 2017 ވަނަ އަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގައި އޮތް ބައިނަލްއަގްވާމީ ކްލަބް މުބާރާތެއްގެ ތަށި ޓީސީއަށް ހޯދައިދިން ކޯޗް ބުންޏެވެ.

ދިވެހިންގެ ކިބައިގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަމަކީ ބަހުސްކުރަން ޖާގައެއްވެސް އޮތް މައުޟޫއެއް ނޫނެވެ. އެކަމަކު ދިވެހި ފުޓްބޯޅައަށް ދިވެހިން ބެހެއްޓި ޝައުގުވެރިކަން މިވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދަށްވެއްޖެއޭ ބުނުމުން އެކަމާ ދެބަސްވާނެ މީހުން މަދުވާނެއެވެ. ފުޓްބޯޅަ އާއިލާގެ ތެރޭގައި އުޅޭ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ގައުމީޓީމަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.

ގައުމީ ޓީމް 2008 ވަނަ އަހަރުގެ ސާޕް ޗެމްޕިއަންޝިޕް ތަށްޓާއެކު. ފޮޓޯ: މޯލްޑިވްސޮކާ

“މީގަ އެންމެ ބޮޑު އެއް ކަމަކީ އަސްލު ގަލޮޅު ދަނޑުގަ އޮތް ޕެޝަން ގެއްލުން. އެއީ އެންމެ ބޮޑު އެއް ކަންތައް. ކުޅުންތެރިންނަށް ދަނޑަށް ނިކުމެ އެ ކުޅޭ އިރުގަ އެތާގަ މީހަކު ނެތުން ކުޅިބަލާނެ. ކްލަބް ލެވަލްގަވެސް އެކަން ނެތުމަކީ ކުޅުންތެރިޔާގެ ގައިން އެ ޕެޝަން ގެއްލޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. 2008 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ގައުމީ ޓީމުގެ އެސިސްޓޭންޓް ކޯޗް މުޙައްމަދު ޝިޔާޒް (މޯހަން) ގެ ހިޔާލަކީ މިއީއެވެ.

“ކޮންމެ ގޮތެއްވިޔަސް ކުޅިބަލަން ދަނޑުގަ މީހަކު އިންނަ ކަމަށް ވެއްޖެއްޔާ ދަނޑަށް ވަދެ ސަޕޯޓްކޮށްލާނެ މީހަކު އިންނަކަމަށް ވެއްޖެއްޔާ އޭނަޔަށް ކުޅޭ ކުޅުން ނުވަތަ އެ ބަޔަކަށް ކުޅޭ ކުޅުން އެއް ގޮތަކަށްވެސް މިހާރަކު ނުއެއް ފެނޭ. އެ ކުޅުމެއް ނުކުޅެވޭ މިހާރު ދަނޑުގަ ސަޕޯޓްކުރަން މީހަކު ނީންނާތީވެ. އެންމެ ކުޑަމިނުން ކުރީ ޒަމާނުގަ ބުނާގޮތަށް ނަމަ ހޮޕްހޮޕް ކިޔާފަ އެ ކްލަބެއްގެ ނަން ކިޔާލާނެ މީހަކުވެސް މިހާރަކު ދަނޑުގަ ނީންދެ. އެއީ ހަގީގަތުގަ އެންމެ ބޮޑު ގޮންޖެހުމަކަށް މިހާރު މި ދިމާވާ ކަމަކީ އެކަން ނެތިއެއް ކުއްލިއަކަށް ގޮސް ވަރަށް އުނދަގޫވާނެ އެ މެންޓާލިޓީ ބަދަލުކޮށްލުން. ނޫނީ އެ ޕެޝަން ކުއްލިއަކަށް އަނެއްކާ ގެނައުން.” ގައުމީ ފެންވަރުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް އޭނާގެ ތަޖްރިބާ ހިއްސާކުރަމުން “ފަހުމިނެޓް” އަށް ކިޔައިދިނެވެ.

ތަށި ދިފާއު ނުކުރެވޭ މައްސަލައިގައި ރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ކޯޗް ޢަލީ ސުޒޭންގެ ވާހަކަތައް މުޅިން ތަފާތެވެ. ތައްޓެއް ހޯދަން މި މަދުވާ އެއްޗަކީ ރަގަޅު ޓީމެއް ރަގަޅު ވަގުތު ރަގަޅު ޓައިމިންގ އެ ހުރިހާ އެއްޗެއް. މިސާލަކަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދިއިރުގަ ކްލަބް ޓްރެއިނިންގ ގަ ތިބެފަ ދިޔަތާ ގާތްގަނޑަކަށް ވިހި ވަނަ ދުވަހު މުބާރާތް ފަށައިފި. އެހެންވީމަ ވާހަކައަކީ ކްލަބްގަ ރަގަޅަށް ލީގުގަ ކުޅެފަ ގޮސްފަ މުބާރާތް ފަށައިފި ޓީމު ސެޓްވެލާހާ ދުވަސްކޮށްލާފަ. އެހެންވީމަ އެ ފޯމްގަ ގޮސް އެމީހުން މުބާރާތް ނިންމާލީ ވަރަށް ކާމިޔާބުކަމާއެކު. މިހާރު މިވާގޮތަކީ އެތައް ދުވަހެއް ލީގު މެޗެއް ނުކުޅެ ޗެލެންޖިންގ މެޗެއް ނުކުޅެ ގޮސް ތައްޔާރުވާން ދެ މަސް ކީއްކުރަން ތިން މަސް ލިޔަސް އަސްލު އުނދަގޫވާނެ.

“ތައްޔާރުވުމަކީ ބޮޑު ސިންގާ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގާފަ އެއެއް ނޫންކަންނޭގެ ތައްޔާރުވުމަކީ. ތައްޔާރުވުމަކީ މިސާލަކަށް ލީގެއްގަ ކުޅުންތެރިން ކުޅެމުންދާއިރުގަ ގައުމީ ކޯޗް ބޭނުންވާ ވަރަށް އެ މީހުންގެ ފިޓްނަސްވެސް ނުހުރެދާނެ. އެކަމަކު އެ ހުރިހާ އެއްޗެއް ސެޓްކޮށްލަން ވިއްސަކަށް ދުވަހަށްވުރެ ގިނަ ވީމަ ގިނަ ވާނެ. އެ މީހުންނަށް އުނދަގޫވެސް ވާނެ. 2008 ގަ އެ ފެނުނީ އެ ހުރިހާ ކަމެއް ވަރަށް ރަގަޅަށް ދިޔަ ތަން.” 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުންވެސް ކުރިން ހަރަކާތްތެރިވި ކޯޗް ސުޒޭން ބުންޏެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕަށް ތާއްޔާރުވާން ދިވެހި ޓީމު މިދިޔަ ހޯމަ ދުވަހު ގަތަރަށް ފުރައިފައިވާއިރު 2008 ގެ ހީރޯއަކަށްވި ޢަލީ އަޝްފާޤް (ދަގަނޑޭ) ޓީމުން ބާކީ ކުރުމުން ސަޕޯޓަރުންނާއި ގިނަ ދިވެހި ކޯޗުންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ. ރާއްޖޭގެ އެންމެ ތަށި ދިފާއުނުކުރެވުމުގެ އަސްލެއްގެ ގޮތުގައި ފުންނާބު އުސް ދިވެހި ކޯޗުން ދެއްކި ސަބަބުތައް ހުރީ ގާތްގަނޑަކަށް ހަމަ އެގޮތަށެވެ. ދިވެހި ފުޓްބޯޅައިގެ ފޯރިއެއް މިހާރަކު ނެތެވެ. ގައުމީ ޓީމު ކުޅުނަސް މިހާރު ގަލޮޅު ދަނޑަށް ވަންނަނީ ނިސްބަތުން މަދު ބަޔެކެވެ. ޓްރެއިނިންގ ކޭމްޕަށް ގަތަރަށް ފުރިއިރު ރަގަޅު ފްރެންޑްލީ އެއް ކަށަވަރުވެފައި ނެތުމުން މުބާރާތަށް އޮތް ޕްލޭނާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ލީގް މެދުކަނޑާލި ފަހުން މިހާރުވެސް ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެހެންވީއިރު މިފަހަރުވެސް ތަށި ހޯދޭނެ ފުރުސަތު ނެތްކަމަށް އަހަރެމެން ނިންމަންވީ ހެއްޔެވެ؟

ކޮންމެ ގޮތަކަށް ކަންކަން ހުއްޓަސް ޓީމާ ދޭތެރޭ ތަޖްރިބާކާރު ކޯޗުންގެ އޮތް އުއްމީދު ކުޑައެއް ނޫނެވެ. “އަސްލު ބުނަންޏާ ދިވެހިންގެ އެންމެ ބޮޑު އެކައްޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ ސްޕީޑާއި ސްކިލް. އެހެންވީމަ އެ ދޭތީގެ ބޭނުން ހިފައިގެން ރަގަޅު ރޭވުމެއްގެ ދަށުން މިއޮތް ދުވަސްކޮޅު ތެރޭ މަސައްކަތްކޮށްފިނަމަ ހާއްސަކޮށް މި ގްރޫޕް ބެހިފަ އިންގޮތަށް ބަލާއިރު މި ފަހަރުގެ ތައްޓަކީ މިއީ ދުރު އެއްޗެއް ނޫން. ޓީމުގައި ކޮލިޓީ އެބަހުރި.” ގިނަ ޒުވާންކުޅުންތެރިންތަކެއް އެންމެ މަތީ ފެންވަރަށް ގެނެސްދިނުމުގައި އެހީތެރިވަމުން އަންނަ ކޯޗް ނިޒާމްބެ އޭނާގެ އުއްމީދުތައް ކިޔައިދިނެވެ. އެކަމަކު މުބާރާތަށް އެހެން ޓީމުތަކުން ވަރަށް ރަގަޅަށް ތައްޔާރުވަމުން އައުމަކީ ރާއްޖެއަށް އޮތް ގޮންޖެހުމަކަށް ވާނެ ކަމަށް ނިޒާމްބެ ގަބޫލުކުރެއެވެ. “އަސްލު މިއީ ވަރަށް ބައިވަރު މަސައްކަތް. މި މުބާރާތަށް އެހެން ޓީމްތަކުން މިސާލަކަށް ނޭޕާލް، ލަންކާ، އިންޑިޔާ ވަރަށް ދުރާލާ ޓީމު ނަގައިގެން އެ މީހުން ކޭމްޕްކޮށް ވަރަށް ރަގަޅަށް ތައްޔާރުވަމުން އެބައާދޭ.” ނިޒާމްބެ ފާހަގަކުރިއެވެ.

މޯހަންވެސް ފާހަގަކުރި ގޮތުގައި މިފަހަރުގެ ޓީމު 2008 ގައި އޮތް ޓީމަށްވުރެ ހުނަރުގެ ގޮތުން ތަފާތެވެ. “ކޮމްޕެއަރ ކުރުން އެއީ އެހާ ފަސޭހަ ކަމެއް ނޫން. އެކަމަކު ޔަގީންކަމާއެކު ދަންނަވަން އެނގޭ އެއް ވާހަކައެއް އެބައޮތް. އޭރަށްވުރެ މިހާރުގެ ކުދިންގެ ހުނަރު މާބޮޑަށްވެސް ރަގަޅު. އެކަމަކު ހުނަރަކީ އެއް ނޫން ހުރިހާ އެއްޗަކީ.” މޯހަން ބުންޏެވެ.

ކޮންމެ ހާލަތެއްގައި ކަންކަން އޮތަސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ގިނަ ދިވެހި ސަޕޯޓަރުން ތަށި ނޫން އެހެން އެއްޗެއް ބޭނުން ނުވާނެ ކަމެވެ. ތަށި ނުލިބޭ ވޯލްޑްކަޕެއް ބްރެޒިލްއަށް ނާކާމިޔާބު މުބާރާތަކަށްވާ ފަދައިން ކިތަންމެ މޮޅަށް ކުޅުނަސް ރަން މެޑަލް ނުލިބޭ ސާފް ޗެމްޕިއަންޝިޕެއް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ދިވެހިން ބަލައިގަތުމަކީ ދުރުކަމެކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *