ގޯލްޑަން ފުޓްސަލް ޗެލެންޖް: ވާދަވެރިން ކުއާޓާރ ފައިނަލަށް ތައްޔާރު
ސޮނީސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާރ ފައިނަލުގެ މެޗުތައް މިރޭ މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ދާނެއެވެ.
އެގޮތުން ކުއާޓާރ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ 20:00 ވާދަކުރާނީ ސ.ފޭދޫ އާއި ތ.ތިރަމަފުށްޓެވެ. 2016 ވަނަ އަހަރުގެ ޗެމްޕިއަން ތިމަރަފުށި ކުއާޓާރ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި އދ.ދަނގެތި ފަސޭހަކަމާއެކު 0-7 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަނެއްކޮޅުން ވާދަކުރާ ފޭދޫއަކީ މިދިޔަ އަހަރު ފައިނަލުގައި އެއްކޮޅުން ކުޅުނު ޓީމެވެ. ދެޓީމުވެސް މިރޭގެ މެޗަށް ނިކުންނައިރު އޮތީ ވަރަށް ރަނގަޅަށް ފޯމެއްގައެވެ.
ކުއާރޓާގެ ދެވަނަމެޗުގައި މިރޭ 21:00 ގައި ވާދަކުރާނީ ލ.ގަމާއި ރ.އަލިފުށްޓެވެ. ލ.ގަމަކީ ދާދިފަހުން ހުޅުމާލޭގައި ބޭއްވި ފުޓްސަލް މުބާރާތުގެ ދެވަނަދިޔަ ޓީމެވެ. ގަން ކުއާޓާރއިން ޖާގަހޯދީ 0-5 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ފ.ނިލަންދޫ ބަލިކޮށްގެންނެވެ. އަލިފުށި ޖާގަހޯދީ 1-4 ގެ ނަތީޖާއަކުން ގއ.ދާންދޫ ބަލިކޮށްގެންނެވެ. ރ.އަލިފުށްޓަކީ މިމުބާރާތުގައި މިހާތަނަށް ފެނިގެންގޮސްފައިވާ އެންމެ އޯގަނައިޒް ޓީމެވެ. މިރޭގެ މެޗުތަކުގެ ތެރެއިން އެންމެ ވާދަވެރިވާނެ މެޗަކީ މިއީ ކަމަށް ގިނަ ސަޕޯޓަރުން ގަބޫލުކުރެއެވެ.
މިރޭގެ ތިންވަނަ މެޗުގައި ވާދަކުރާނީ ބ.އޭދަފުށްޓާއި ހދ.ނާވައިދޫއެވެ. އޭދަފުށި ކުއާޓާރއިން ޖާގަހޯދީ ދެވަނަ ބުރުގައި މ.ދިއްގަރާ ބައްދަލުކުރި ވާދަވެރި މެޗު 2-2 އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ. ނާވައިދޫ ކުއާޓާރއިން ޖާގަހޯދީ އއ.ބޮޑުފުޅަދޫ އާއި ވާދަކުރިމެޗު ފަހަތުން އަރާ 2-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ކުއާރޓާ ފަހުމެޗުގައި މިރޭ ބައްދަލުކުރާނީ މާފަންނާއި ކ.މާފުށްޓެވެ. މާފަންނަކީ މި މުބާރާތުގައި މާލެ ތަމްޞީލުކުރާ ހަމައެކަނި ޓީމެވެ. މާފުށްޓަކީ މިމުބާރާތުގައި %100 މޮޅުވުމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ ޓީމެކެވެ.
ކޮންމެއަކަސް، މިރޭގެ މެޗުތަކަކީ ވަރަށްވެސް ފޯރިގަދަވާނެ ބަލާހިތްވާނެ މެޗުތަކަކަށް ވާނެކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.
Advertisement
Leave a Reply