ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުއާޓާގެ ފަހު ޖާގަތައް އޭދަފުށި ނައިވާދޫ އަދި މާފަންނަށް

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުއާޓާގެ ފަހު ޖާގަތައް އޭދަފުށި ނައިވާދޫ އަދި މާފަންނަށް

ޢަލީ ޝަހީމް
އޭދަފުށްޓާއި ދިއްގަރު ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހްމަދު އަޝްރަފް. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބ. އޭދަފުށްޓާއި ހދ. ނައިވާދޫ އަދި މާފަންނު ޓީމު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އޭދަފުށި ކުއާޓާގެ ޖާގައެއް ހޯދީ ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި މ. ދިއްގަރު ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި އޭދަފުށީގެ ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހްމަދު އަޝްރަފް އެވެ. މެޗުގައި ދިއްގަރުގެ ފުރަތަމަ ލަނޑު އަލީ މާޖިދު ޖެހިއިރު ދެވަނަ ލަނޑު ޖެހީ އާދަމް ހަލީލް އެވެ.

ޕެނަލްޓީގައި ދިއްގަރު ޓީމުން ޖެހި ދެ ޕެނަލްޓީވެސް ބޭކާރުވިއިރު އޭދަފުށިން ވަނީ އެޓީމުން ޖެހި ދެ ޕެނަލްޓީވެސް ވައްދާލާފައެވެ. ޕެނަލްޓީއަށް އޭދަފުށީ ޓީމުން ވަނީ ތަޖުރިބާކާރު ކީޕަރު އަބްދުﷲ ޒިޔަޒަން އަރުވާފައެވެ. ދިއްގަރުގެ ފުރަތަމަ ޕެނަލްޓީ ބޭރަށް ޖެހިއިރު ދެވަނަ ޕެނަލްޓީ ޒިޔަޒަން މަތަކުރީ ހުށިޔާރު ކަމާއެކުއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ހދ. ނައިވާދޫ ވަނީ އއ. ބޮޑުފުޅަދޫ ބަލިކޮށްފައެވެ. އަތޮޅު އަދި ޒޯން ޗެމްޕިއަންކަންވެސް ހޯދި ނައިވާދޫ މި މެޗު ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ބޮޑުފުޅަދޫގެ ފުރަތަމަ ލަނޑަކީ ނައިވާދޫގެ މުހައްމަދު އަސްލަމް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެޓީމުގެ ދެވަނަ ލަނޑު ޖެހީ އިބްރާހީމް ރަފްހާން އެވެ. ނައިވާދޫ ދޫ ޓީމުގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ވަހީދާއި އާދަމް ވަހީދު އަދި މުހައްމަދު އަސްލަމް އެވެ. މި މެދުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވަދޫގެ ފުރަތަމަ ލަނޑު ޖެހީ އިސްމާއީލް ވަހީދެވެ.

ގަދަ 16 ގެ ފަހު މެޗުގައި މާފަންނު ޓީމުން ވަނީ ފަހަތުން އަރައި ހއ. ވަށަފަރު ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވަށަފަރެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު މަހްތޫމް އެވެ. މެޗުން އެޓީމު މޮޅުވާން ދަނިކޮށް ގާތްގާތުގައި މާފަންނު ޓީމުގެ މުހައްމަދު ޔަފާއު ޖެހި ދެ ލަނޑާއެކު އެޓީމަށް ކުއާޓާގެ ޖާގައެއް ޔަގީންވިއެވެ. މެޗުން މޮޅުވި ލަނޑު ލިބުނު ޕެނަލްޓީއަކުން ޔަފާއު ޖެހީ މެޗުގެ ފަހު ސިކުންތުގައެވެ. ޔަފާއުގެ ދެ ލަނޑާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބުނީ އޭނާއަށެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެއެވެ.

 

ކުއާޓާ ފައިނަލް މެޗުތައް

ތިމަރަފުށި – ސ. ފޭދޫ

އަލިފުށި – ގަން

އޭދަފުށި – ނައިވާދޫ

މާފަންނު – މާފުށި

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *