ބޮޑު ތިލަދުންމަތިން އެރި ތަރި އަބަދުވެސް ހަމަ ބިމުގައި

Advertisement

ބޮޑު ތިލަދުންމަތިން އެރި ތަރި އަބަދުވެސް ހަމަ ބިމުގައި

ޢަބްދުﷲ އަޝްރަފް
އޭޝިއަން ކަޕް ކޮލިފައިންގައި މިއަހަރުގެ މާރޗް މަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު އިއްބެ އުފާފާޅު ކުރަނީ. އިއްބެގެ މޮޅު ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުން

މީގެ ފަސް އަހަރު ކުރިން އިބްރާހިމް ވަޙީދު ޙަސަން (އިއްބެ) ފުޓްބޯޅަ ކުޅެން މާލެ އައީ އޭނާގެ ރައްޓެއްސެއްގެ އެދުމުގެ މަތިންނެވެ. 2013 ވަނަ އަހަރުގެ ޖޫން މަހު ނިއުރޭޑިއަންޓުން ބޭއްވި ޓްރަޔަލްއެއްގައި ބައިވެރިވެ އެ ޓީމުން ޖާގަ ހޯދިއިރު އޭނާގެ އުމުރުންވީ އެންމެ ސަތާރަ އަހަރެވެ. މާލޭގައި ހުންނަން އޭރު ދަތިތަކެއް ހުރުމާއެކު އޭގެ އެއް އަހަރު ފަހުން އުފަން ރަށް ހދ. ނޮޅިވަރަންފަރަށް ބަދަލުވާން އިއްބެއަށް ޖެހުނެވެ. އެކަމަކު ނިއު އާއެކު ހޭދަކުރި އެއް އަހަހު ދުވަހުގެ ތެރޭގައި ފުޓްބޯޅައަށް އޭނާގެ ހިތުގައި އުފެދުނު އާދަޔާ ހިލާފް ޝައުގުވެރިކަމުން އޭނާ އެނބުރި މާލެ އަންނަން މަޖްބޫރުކުރުވިއެވެ.

އެފްއޭއެމް ޔޫތް ޗެމްޕިއަންޝިޕް ގައި އިއްބެ ނިއުރޭޑިއަންޓަށް ކުޅެނީ. ނިއުއިން ޗާންސް ނުލިބުމުން އިއްބެގެ ބޭނުން ހިފީ ނިޒާމްބެ

2015 ވަނަ އަހަރު އަލުން ފުޓްބޯޅަ ކުޅެން މާލެ އައިނަމަވެސް މިފަހަރު އިއްބެ ގެ ޗޮއިސް އަކަށް ހެދީ ޓީސީ އެވެ. އޭރުވެސް ޓީސީގެ ކޯޗަކީ މިހާރުވެސް އެ ޓީމުގެ ކޯޗަކަށް ހުރި މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ޓީސީ އިން އެ އަހަރުގެ ކުރީކޮޅު ބޭއްވި ޓްރަޔަލްގައި އިއްބެ ދެއްކި ކުޅުމާއެކު ކޯޗް ނިޒާމްބެ ދިން ފުރުސަތުގެ ބޭނުން އޭނާ ހިފީ ފަރުވާތެރިކަމާއެކުއެވެ. ނިއުރޭޑިއަންޓްގައިވެސް އެއް އަހަރުދުވަސް ބެންޗުގައި އިން އިއްބެއަށް ޓީސީގައި އެކަން ތަކުރާރުކުރަން ޖެހުމަކުން އޭނާ މާޔޫސެއް ނުވިއެވެ. މިފަހަރު ތަފާތަކަށްވީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އިއްބެއަށް ގިނަ ފުރުސަތުތަކެއް ލިބެން ފެށުމެވެ. އެއިން ކޮންމެ ފުރުސަތަކާއެކު އިއްބެ އައީ ކޯޗުގެ އިތުބާރު ކަށަވަރުކުރަމުންނެވެ. އެއާއެކު ޖެހިގެން އައި އަހަރު ގިނަ މެޗުތަކެއްގައި އޭނާ ޓީސީގެ ފުރަތަމަ އެގާރައިން ފެންނަންފެށިއެވެ. އިއްބެގެ މަސައްކަތުގެ ރޭޓާއި ކޯޗް ބުނާގޮތަށް ކުޅެން އޭނާ ކުރާ މަސައްކަތް ނިޒާމްބެއަށް މާ ބޮޑަށްވެސް ކަމުދިޔައީވެ. ނަތީޖާއަކަށްވީ ކޯޗުގެ ސެލެކްޝަންގައި އެންމެ ފަސޭހަ ޗޮއިސް އަކަށް އިއްބެ ވުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިއްބެ އަކީ މިހާރު ޓީސީ ގެ ހިތެވެ.

މިއަހަރުގެ ދިވެވި ޕްރިމިއަރ ލީގުގައި ޓީސީއާ ފ. ނިލަންދޫ ބައްދަލުކުރި މެޗުިގެ ތެރެއިން އިއްބެ (ވ). އިއްބެ ވިދާލީ ކޯޗު ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީގައި

“އިއްބެއަކީ ހަގީގަތުގަ، އައިއިރުވެސް ހަމަ ވަރަށް ޑިސިޕްލިން ވަރަށް ހާޑް ވާކިންގ ވަރަށް ކުޅެން ބޭނުންވެގެން ކުޅެން މަސައްކަތްކުރާ ކުޅުންތެރިއެއް. ދެން ވަރަށް އުފާވި އިއްބެ އިމްޕްރޫވް ވަމުން އައިލެއް އަވަސްކަމުން” އިއްބެއާ ގުޅޭ ގޮތުން ވާހަކަދައްކަމުން “ފަހުމިނެޓް” އަށް ދިން ހާއްސަ އިންޓަވިއު އެއްގައި ޓީސީ ގެ ކޯޗް ނިޒާމްބެ ބުންޏެވެ.

“ފުރަތަމަ އައިއިރު ހަމަ ވަރަށް އާދައިގެކޮށް އުޅުނީ. އެކަމަކު ފުރަތަމަ ސީޒަން ނިމުނުއިރު އިއްބެ ހުރީ ސުޕަރ ސަބެއްގެ ގޮތުގަ. ދެވަނަ ސީޒަން ފެށުނުއިރު އިއްބެ ހުރީ ޓީމުގެ އެގާރައިގަ މަޑުމަޑުން ކުޅެން ފަށާފަ. ދެވަނަ ސީޒަން ނިމުނުއިރު އޭނައަކީ ޓީމުގެ ފުރަތަމަ އެގާރައިގަ ޔަގީންކޮށް އޭނަގެ ޕޮޒިޝަން ހިފެހެއްޓި ކުޅުންތެރިއެއް” އިއްބެ ގެ ކުރިއެރުން އެންމެ ގާތުން ތަޖުރިބާ ކުރި ކޯޗު ކިޔައިދިނެވެ.

ލަނޑު ޖެހުމަށްފަހު އިއްބެ. މިހާރު އޭނާއަކީ ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެއް. ފޮޓޯ: މިހާރު

އިއްބެ އަކީ ގިނަ މަގާމްތަކަކަށް ހެޔޮވަރު ކުޅުންތެރިއެއްކަން މިހާތަނަށް އޭނާ ދެއްކި ކުޅުމުން ވަނީ ސާބިތުކޮށްދީފައެވެ. އެންމެ ކުޑައިރުއްސުރެވެސް ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި ރަށު މީހުންވެސް ފާހަގަކުރި އިއްބެ މިހާރު ކުޅެމުން އަންނަނީ ކުރިން އޭނާ އެންމެ ކުޅެން ބޭނުންވި މަގާމަކަށް ނޫނެވެ.

“އަސްލު ސެންޓަރ ފޯވާޑަކަށް ކުޅެން (މާލެ) އައީ. ކޯޗުވެސް ފުރަތަމަ ބޭނުންކުރީ ހަމަ ކުރިއަށާ ދެން ވިންގުންވެސް ބޭނުންކުރި. ފަހުން ދެން މިދިޔަ 2017 ހިސާބުގަ އަސްލު މެދުތެރެއިން މީހުން މަދުވެގެން ކޯޗް ދެން ޕްރެކްޓިސްތަކުގަ ބޭނުންކޮށްގެން ވަރަށް ކިޔައިދީގެން ޓްރައިކޮށްގެން އެ މަގާމަށް ފިޓްކުރީ. މިދިޔަ އަހަރުން ފެށިގެން އެޓޭކިން މިޑްފީލްޑަރަކަށް ކުޅެންފެށީ. ހޯލްޑިންގ އަށްވެސް ކުޅެން ބައެއް ފަހަރު.” އިއްބެ އެންމެ ގަޔާވި މަގާމް ހިތުން ރުހުމުން ދޫކޮށްލި ގޮތް “ފަހުމިނެޓް” އާ ހިއްސާކުރަމުން ބުންޏެވެ.

އެކަމަކު ރަށު ފެންވަރުގައިވެސް ފުޓްބޯޅައިން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ އިއްބެއަށް މިހާރު އެކަން މައްސަލައަކަށް ނުވެއެވެ.

“މިހާރު މާ ހިތްހަމަޖެހޭ. ކުޅެންޖެހޭ ޕޮޒިޝަނަށް ކަންނޭގެ އަސްލު މިހާރު މި ކުޅެވެނީ. ހުރިހާ ކްރެޑިޓެއް ދެވެނީ ހަމަ ނިޒާމްބެއަށް” ނިޒާމްބެއަށް ތައުރީފް އޮއްސަމުން އިއްބެ “ފަހުމިނެޓް” އަށް ކިޔައިދިނެވެ.

އިއްބެގެ އުމުރުންވީ އަދި އެންމެ ބާވީސް އަހަރެވެ. އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެން ފެށިތާ އަދި މާގިނަ އަހަރު ތަކެއް ނުވެއެވެ. އެކަމަކު އޭނާ އެ ލެވަލްގައި މިހާތަނަށް ހޯދި ކާމިޔާބީތައް މަދެއް ނޫނެވެ.

“އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ތަށި ލިބުން” 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަންގަލަދޭޝްގައި އޮތް މުބާރާތުގެ ތަށި ޓީސީއިން ހޯދިއިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިއްބެ ބުންޏެވެ.

މިދިޔަ އަހަރު ކުރީކޮޅު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަލާމް ކަޕްގެ ޓްރޮފީއާއެކު އިއްބެ (ކ). އެ މުބާރާތުގައި އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކާފައި

އިއްބެ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދަމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް އެއަހަރުގެ ކުރީކޮޅު ރަށުން ބޭރުގައި ކުޅުނު މެޗަށް އޭރުގެ ކޯޗް ރިކީ ހާބާޓް އިއްބެއަށް ފުރުސަތު ދިންފަހުން އަދި އޭނާއަކަށް އެ ފުރުސަތެއް ނުގެއްލެއެވެ. މި ހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓްގެ އިރުޝާދުގެ ދަށުން މިހާތަނަށް ގައުމީ ޓީމު ކުޅުނު ދެ މެޗްގައިވެސް ފުރަތަމަ އެގާރައިގައި އިއްބެ ހިމަނައިފައިވެއެވެ. ގައުމީ ޓީމަށް ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގައި އިއްބެ އަންނަނީ ތަފާތު ދައްކަމުންނެވެ. ބޫޓާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި އިއްބެގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު ގައުމީ ޓީމަށް އިއްބެ ޖަހައިދިން ފުރަތަމަ ގޯލުވެސް ފެނުނީ އެމެޗުގައެވެ.

އިއްބެ ގެ ހަލުވި ކުރިއެރުމާއި، ހޯދަމުން އަންނަ ކާމިޔާބީގެ ސިއްރު އެންމެ ރަގަޅަށް ދަންނާނެ އެކަކީވެސް ފުޓްބޯޅައިގައި އިއްބެ މީހަކަށް ހަދައިދިން ކޯޗް ނިޒާމްބެ އެވެ.

“އިއްބެގެ އިންނަ ވަރަށް ރަގަޅުކަމެއް އެއީ އެއްވެސް އިރަކު އޭނަ މާ މޮޅުވެގެން އެގޮތަކަށް ނޫޅޭނެ. އޭނަ އިމްޕްރޫވްކުރަން ޖާގަ އިންކަމަށް ބަލައިގެން އަބަދުވެސް މަސައްކަތްކުރާ ކުޅުންތެރިއެއް އެއީ” ޒުވާން ގިނަ ކުޅުންތެރިންތަކެއް ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރަށް ގެނެސްދިނުމުގައި އެހީތެރިވެދެމުން އަންނަ ކޯޗް ބުންޏެވެ.

“ވަރަށް ބޮޑު އުއްމީދެއް އެބައޮތް އިއްބެއަކީ ހަމަ ރާއްޖޭގެ މިފަހުގެ ތާރީހެއްގަ އުފެދޭނެ ހަމަ އެންމެ ރަގަޅު މިޑްފީލްޑަރަށް ވާނެކަމުގެ. އަދި އަނެއްކޮޅުން ޔަންގް ޕްލޭޔަރަކާ ބަލާފަ ދެންތިބޭ ޔަންގް ޕްލޭޔަރުން ގޮވައިގެން ލީޑްކޮށްގެން އެ ލީޑަޝިޕް ނަގައިގެން ކުރާ މަސައްކަތްވެސް އެއީ ހަމަ ކައިރި މުސްތަގްބަލެއްގަ ރާއްޖޭގެ ކްލަބެއްގެ ކެޕްޓަންކަމާ ހަމަޔަށް ދެވިދާނެކަން ދައްކައިދޭ ކަމެއް” ޓީސީއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗް ބުންޏެވެ.

ގައުމީ ޓީމު ރަށުން ބޭރުގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިއްބެ. ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ފަލަސްތީނާ ދެކޮޅަށް

އިއްބެއާ މެދު ނިޒާމްބެ ގެ އުއްމީދުތައް ކިތަންމެ އުހުގައި ހުއްޓަސް އިއްބެ ހުރީ ނިޒާމްބެ ކުރިންވެސް ބުނިހެން ހަމަ ބިމުގައެވެ. މިއަހަރުވެސް ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިއްބެއަށް ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އައުމަކީ އަދި ޑްރީމެއްވެސް ނޫނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި މިވަގުތު ހުރީ އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށެވެ. “މިހާރު އޮތް ހަމަ އެކަނި ޑްރީމް އަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދުން” ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗްގައިވެސް ފުރަތަމަ އެގާރައިގައި ކުޅެފައިވާ ޒުވާން މިޑްފީލްޑަރ ބުންޏެވެ. އިއްބެ އެކޭ އެއްގޮތަށް އެއީ އަހަރެމެން ހުރިހާ ދިވެހިންގެވެސް އުއްމީދެވެ.

 

 

 

 

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *