ތިން ކުޅުންތެރިން އުނިކުރުމަށްފަހު ގައުމީ ޓީމް ގަތަރަށް

Advertisement

ތިން ކުޅުންތެރިން އުނިކުރުމަށްފަހު ގައުމީ ޓީމް ގަތަރަށް

ފަހުމިނެޓް
މިއަދު ގައުމީ ޓީމް ގަތަރަށް ފުރުމުގެ ކުރިން. ފޮޓޯ: އެފްއޭއެމް

ފުރަތަމަ އިއުލާން ކުރި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ތިން ކުޅުންތެރިން އުނިކުރުމަށްފަހު، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގަތަރަށް ފުރައިފިއެވެ.

އަންނަ ސެޕްޓެމްބަރު 4-15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ގަތަރުގައި ކޭމްޕް ކުރުމަށް މިއަދު ފުރާފައި ވަނީ 27 ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ.

ގަތަރަށް ފުރުމުގެ ކުރިން ޓީމުން އުނިކުރި ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ އަބްދުﷲ އައްޒާމާއި ކްލަބު އީގަލްސްގެ ގޯލްކީޕަރު މިފްދާދު އަހުމަދު އަދި މާޒިޔާ ސްޕޯޓްސް ކްލަބުގެ މޫސާ ޔާމީން (ޔާންބެ)އެވެ.

ސާފް ޗެމްޕިއަންޝިޕަށް ބަންގާޅަށް ދާނީ 23 ކުޅުންތެރިންގެ ސްކޮޑަކާއެކު ކަމަށްވާއިރު، ގަތަރުގައި ބާއްވާ ފަރިތަކުރުންތަކަށްފަހު އަދިވެސްް ޓީމުން ހަތަރު ކުޅުންތެރިން ބާކީ ކުރާނެއެވެ.

ސާޕް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ގަތަރުން ސީދާ ބަންގާޅަށްދާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭގޮތުން ގަތަރުގެ ފުޓުބޯޅަ ފެޑަރޭޝަނާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި، ޓީމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކުވެރިކަމުގެ މެޗުތައް ކުޅުމަށް މަސައްކަތް ކުރާ ކަމަށްވެސް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައި ލަންކާ އަދި އިންޑިޔާއާ އެކުއެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

މިއަދު ޓީމު ފުރި އިރު، ގައުމީ ޓީމަށް ހިތްވަރު ދިނުމަށްޓަކައި ރާއްޖޭގެ ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅެ، ރިޓަޔާ ކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ވެސް ވަނީ ބައިވެރިވެފައެވެ.

ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުނީ ޓީމަށް ކޭމްޕްގެ ހުރިހާ ކަމެއް ފަހިވެގެން ދިޔުމުން ރާއްޖެއާއި ގަތަރުގެ ފެޑަރޭޝަނަށް ޝުކުރު އަދާކުރާ ކަމަށާއި، ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.

ދަގަނޑޭ ޓީމަށް ނުނެގުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޯޗަށް އަމާޒުވެފައިވާ އިރު، މިއަދުގެ ސެގަޓަށް ސުވާލުކުރުމުގެ ފުރުސަތު އޭނާ ދީފައެއް ނުވެއެވެ. ނަމަވެސް ފުރުމުގެ ކުރިން ފަހު ބަހެއްގެ ގޮތުގައި އޭނާ ބުނީ މިހާރު އޮތް ގައުމީ ޓީމު، ދިވެހި ހުރިހާ ރައްޔިތުންނަށްޓަކައި އެންމެ އެކަށީގެންވާ ކުޅުން ދައްކާނެ ކަމަށާއި، އެކުދިންނަށް އިތުބާރުކުރުމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *