އާޖެންޓީނާ ބަލިކުރުމުން އިންޑިޔާގެ އުއްމީދުތައް ހަތްވަނަ އުޑަށް

Advertisement

އާޖެންޓީނާ ބަލިކުރުމުން އިންޑިޔާގެ އުއްމީދުތައް ހަތްވަނަ އުޑަށް

ޢަބްދުﷲ އަޝްރަފް
އިންޑިޔާ އާއި އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމު ރޭ ކުޅުނު މެޗުގެތެރެއިން. ފޮޓޯ: އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަން

މިހާރު ސްޕެއިންގައި ކުރިއަށްދާ 20 އަހަރުން ދަށުގެ ކޮޓިފް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާގެ މައްޗަށް އިންޑިއާއިން ކުރި ހޯދައިފިއެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރ ޕަބްލޯ އައިމާ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައިހުރި އެ ގައުމުގެ ވިހި އަހަރުން ދަށުގެ ޓީމު އިންޑިޔާގެ ވިހި އަހަރުން ދަށުގެ ގައުމީ ޓީމުން ބަލިކުރީ 2-1 އިންނެވެ. މިއީ އިންޑިޔާގެ މުޅި ތާރީޚްގައިވެސް  ފުޓްބޯޅައިން އެ ގައުމު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އާޖެންޓީނާއަކީ މީގެ ކުރިން ވިހި އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަ ފަހަރު ހޯދައިފައިވާ ގައުމެކެވެ.

ރޭ ކުޅުނު މެޗްގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ އިންޑިޔާއިންނެވެ. މެޗް ފަށައިގެން 4 ވަނަ މިނެޓްގައި އިންޑިޔާއިން ލީޑް ނަގައިފައިވަނިކޮށް އެ ޓީމުގެ ކުޅުންތެރިއަކަށް މެޗްގެ 50 ވަނަ މިނެޓްގައި ރަތް ކާޑެއް ދެއްކުމާއި ގުޅިގެން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އާޖެންޓީނާއަށް އޭގެ ފައިދާ ނެގޭ ގޮތެއް ނުވިއެވެ. މެޗްގެ ދެ ވަނަ ގޯލް އިންޑިޔާއިން ޖެހީ 68 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމެއްގެ ބޭނުންހިފައެވެ. އާޖެންޓީނާއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން އިންޑިޔާ ކޮޅަށް ވައްދާލީ މެޗްގެ 72 ވަނަ މިނެޓްގައެވެ. މި މެޗްގައި ފުރަތަމަ ހާފް މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އާޖެންޓީނާއިން އިންޑިޔާގެ ގޯލަށް އަމާޒުކޮށްފައިވެއެވެ.

އިންޑިޔާ، ރޭގެމެޗުން މޮޅުވުމަށް ފަހު. ފޮޓޯ: އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަން

އާޖެންޓީނާގެ މައްޗަށް އިންޑިޔާއިން މި ހޯދި ތާރީހީ މޮޅާއެކު އިންޑިޔާގެ ފުޓްބޯޅައާ ގުޅޭ އިސް ފަރާތްތަކުންނާއި ފުޓްބޯޅަ ސަޕޯޓަރުން ތަފާތު ޝުއޫރުތައް ފާޅުކުރަމުންދިޔައެވެ. އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ އާދަޔާ ޚިލާފް އުފާވެރިކަމެއް ގެނެސްދިން ކަމެއް ކަމަށާއި، އެ ބޮޑު ކާމިޔާބު ހޯދި ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އަދި، މިހާރު އިންޑިޔާގެ ފުޓްބޯލައަށް ލިމިޓެއް ނެތް ކަމަށާއި، އެންމެ މައްޗަށްވެސް ވާސިލްވާންވީ ކަމަށެވެ.

އިންޑިޔާގެ ޔުނިއަން ސްޕޯޓްސް މިނިސްޓަރ ރަޔާ ވަރްދަން ސިންގ ވިދާޅުވެފައިވަނީ މުޅި ގައުމު ނިދައިފައިވަނިކޮށް އަހަރެމެންގެ ހިތްވަރުގަދަ ޓީމް އާޖެންޓީނާ ބަލިކޮށްފިކޮށް ތާރީހް ލިޔެފި ކަމަށާއ، އިންޑިޔާގެ ފުޓްބޯޅައިގެ މުސްތަގްބަލް އޮތީ ވަރަށް ރަގަޅު ހިސާބެއްގައި ކަމަށެވެ.

ކޮޓިފް ކަޕް ވިހި އަހަރުން ދަށުގެ މުބާރާތަކީ ދައުވަތު ދީގެން ބައިވެރިވާ ޓީމްތަކެއްގެ މެދުގައި ކުޅެވޭ މުބާރާތެކެވެ.  މި މުބާރާތުގައި އާޖެންޓީނާއާ ވާދަކުރުމުގެ ކުރިން އިންޑިޔާއިން ވަނީ ވެނެޒުއޭލާއާ އެކު ކުޅުނު މެޗް އެއްވަރުކޮށްފައެވެ. ވެނެޒުއޭލާއަކީ އެންމެ ފަހުން ބޭއްވުނު ވިހި އަހަތުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރަނަރއަޕް ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *