ޓީމު ވަރުގަދަ ނުކޮށްފިނަމަ އުނދަގޫ ސީޒަނަކަށް ވެދާނެ – މޮރީނިއޯ
ޓްރާންސްފާރ މާކެޓު އަންނަ ބުރާސްފަތި ދުވަހު ބަންދުވުމުގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑް ސްކޮޑް އިތުރަށް ވަރުގަދަ ނުކޮށްފިނަމަ ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަކީ އުނދަގޫ ސީޒަނަކަށް ވެދާނެކަމަށް އެޓީމުގެ މެނޭޖާރ ހޯސޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ މިހެން ބުނެފައިވަނީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެޓީމު ކުޅުނު އެންމެ ފަހު މެޗުގައި ޖަރުމަނުގެ ބެޔާން މިއުނިކް އަތުން 0-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު މެންޗެސްޓާރ ޔުނައިޓެޑް ޓީވީ އަށް ދިން އިންޓަރވިއު އެއްގައެވެ.
ރޭގެ މެޗަށް ޔުނައިޓެޑް ނެގި ސްކޮޑުން ފްރާންސްގެ ތަރި އެންތަނީ މާޝިއާލް ވަނީ ބާކީކޮށްފައެވެ. ބެލެވޭ ގޮތުގައި މާޝިއާލް އާއި މޮރީނިއޯ އާދެމެދު ޖެހިފައިވާ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެނީއެވެ. މާޝިއާލް އަށް ދަރިއެއް ލިބުމުގެ މުނާސަބާގައި އޭނާ ޓްރެއިނިންގ ކޭމްޕް ދޫކޮށް ޤައުމަށް ދިޔަ މައްސަލައިގައި މޮރީނިއޯ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ.
ރޭގެ މެޗުގައި، ބެޔާން މިއުނިކްގެ ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަވީ މާޓިނޭޒްއެވެ. ރޭ ކުޅެވުނު މެޗު އެއްކޮށް ކަހަލަގޮތަކަށް ޑޮމިނޭޓްކުރީ ބެޔާން އިންނެވެ. މުޅި މެޗުގައި ޔުނައިޓެޑަށް ބެޔާންގެ ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ.
“އަހަރެން ބޭނުންވާ ކަންތައް ކްލަބުގެ ސީ.އީއޯ އަށް އެނގޭނެ، ޓްރާންސްފާރ މާކެޓު ބަންދުވާން އަދި ކުޑަ ދުވަސްކޮޅެއް އެބައޮތް. އަހަރެން މިހިރީ ވާގޮތް ބަލަން.” މޮރީނިއޯ ބުންޏެވެ.
މީގެ އިތުރަށް މޮރީނިއޯ ބުނެފައިވަނީ، ޔުނައިޓެޑް އާ ވާދަކުރާ އެހެން ޓީމުތައް ވަރަށް ވަރުގަދަ ކޮށްފިކަމަށާއި، އަދި އެޓީމުތަކަކީ މިހާރުވެސް ވަރުގަދަ ޓީމުތައް ކަމުގައެވެ. ހާއްޞަކޮށް ލިވަޕޫލުން ބޮޑު ޚަރަދުކޮށް ކުޅުންތެރިން ގަނެ ޓީމު ވަރުގަދަކުރި ވާހަކަ ފާހަގަކުރިއެވެ.
ޔުނައިޓެޑުން ވަނީ މިހާތަނަށް ތިން ކުޅުންތެރިން އެޓީމަށް ސޮއިކުރުވާފައެވެ. އޭގެތެރޭގައި، 47 މިލިއަން ޕައުންޑްގެ އަގަކަށް ސޮއިކުރުވި ބްރެޒިލްގެ މިޑްފީލްޑަރ ފްރެޑް އާއި، ޕޯޗުގަލްގެ ޑިފެންޑަރ ޑިއޯގޯ ޑަލޮޓް ގެ އިތުރުން ތިންވަނަ ކީޕަރަކަށް ލީ ގްރާންޓްގެ ސޮއި ހޯދާފައިވެއެވެ.
ޔުނައިޓެޑުން އަންނަނީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޑިފެންޑާރ ޓޮބީ އަލްޑަވެއިރެލްޑް އާއި ނިމިގެން ދިޔަ ވޯލްޑްކަޕްގައި އިންގްލެންޑް އަށް މޮޅު ކުޅުމެއް ދެއްކި ލެސްޓާރ ސިޓީގެ ހެރީ މެގުއާރ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ޔުނައިޓެޑްގެ ކުރީގެ ޗީފް އެކްޒެކެޓިވް ޕީޓާރ ކެންޔަން ބުނެފައިވަނީ މޮރީނިއޯ އާއި ކްލަބުގެ އެކްޒެކެޓިވް ވައިސް ޗެއާރމަން އެޑް ވުޑްވާޑް އާއި ދެމެދު ގޯސްވެފައިވާ ގުޅުން ވަނީ ރަނގަޅު ކުރަންޖެހިފައެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ޕްރިމިއަރ ލީގު ފަށާ މެޗުގައި ޔުނައިޓެޑް ނިކުންނާނި ލެސްޓާރ ސިޓީ އާ ދެކޮޅަށެވެ.
Advertisement
Leave a Reply