އަގުއޭރޯއަކީ ހާއްސަ ކުޅުންތެރިއެއް: ގާޑިއޯލާ
އާ ސީޒަން ހުޅުވުމަށް ރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭގެ މެޗުގައި ދެލަނޑު ޖެހި ސާޖިއޯ އަގުއޭރޯއަށް ތައުރީފް ކޮށްފިއެވެ. ރޭގެ މެޗުން ސިޓީ މޮޅުވީ ޗެލްސީއާ ވާދަކޮށް 2-0 އިންނެވެ. ރޭ އަގުއޭރޯ ޖެހި ފުރަތަމަ ލަނޑަކީ ސިޓީގައި އޭނާ ޖެހި 200 ވަނަ ގޯލެވެ. އޭނާ އަކީ ސިޓީގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.
ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނީ އަގުއޭރޯ ރޭގަ ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.
“ސާޖިއޯ އަކީ ހާއްސަ ކުޅުންތެރިއެއް. މިހާރު އޭނާގެ ކަކޫވެސް ރަނގަޅުވެ އާ ސީޒަނާ ގުޅިފައިވަނީ ވަރަށް ރަނގަޅު ހާލަތެއްގައި. ވަރަށް ރަނގަޅު މޫޑެއްގައި އޭނާ ހުރީ. އެންމެ މުހިއްމު ކަމަކީ ގޯލް ޖެހުމާއި ފުރުސަތު ތަނަވަސް ކުރުމުގައިވެސް އަގުއޭރޯގެ މުހިއްމުކަން ބޮޑުވުން” ސިޓީން ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗަކީ ހޫނު ގަދަ ދުވަހެއްގައި ކުޅުނު މެޗަކަށް ވެފައި ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރިކަމަށް ގާޑިއޯލާ ބުންޏެވެ. އެކަމުވެސް ސިޓީގެ ކުޅުންތެރިން ކުރި މަސައްކަތަށް އޭނާ ވަނީ ތައުރީފް ކޮށްފައެވެ.
“ހޫނުމިން ހުރީ 30 ޑިގްރީއަށްވުރެ މަތީގައި. އެކަމު އަހަރެން ވަރަށް ރަނގަޅަށް މިކަން ކުރި. އަހަރެން ކުޅުންތެރިންނަށްޓަކައި ވަރަށް އުފާވޭ. ތައްޓަކާއެކު ސީޒަން ފެށުމަކީ ވަރަށް ބޮޑު އުފަލެއް. މި އެޓިޓިއުޑާ އެކީގަ އަހަރެމެން ކުޅެން ޖެހޭ. އޭރުން ސީޒަން ނިމޭއިރު އަހަރެމެންގެ ފެންވަރު އެނގޭނެ” މިދިޔަ ސީޒަންގައި ފަސޭހަކަމާއެކު ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީގެ ކޯޗު ބުންޏެވެ.
ޕްރިމިއަރ ލީގުގައި އެންމެ ފުރަތަމަ ސިޓީ ކުޅޭ މެޗުގައި ނުކުންނާނީ އާސެނަލް އާއެވެ. މިމެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ގައެވެ.
Advertisement
Leave a Reply