އާ ސީޒަނަށް އީއެސްޕީއެންއިން ހޮވި ގަދަ ދިހައެއް

Advertisement

އާ ސީޒަނަށް އީއެސްޕީއެންއިން ހޮވި ގަދަ ދިހައެއް

އައްބާސް

ޔޫރަޕްގެ ގަދަ ލީގުތައް ފެށެން ގާތްވަމުން އަންނައިރު ޓީމުތަކުން ދަނީ އާސިޒަނަށް ތައްޔާރުވަމުންނެވެ. އާސީޒަނުގައި ކާމިޔާބު ހޯދާނޭ ޓީމުތަކާއި ކުޅުންތެރިންނާއި ބެހޭގޮތުން ދަނީ ބަހުސްކުރެވި ވާހަކަ ދެކެވެމުންނެވެ. ތިރީގައި ފާހަގަކޮށްލެވިފައިއެވަނީ އާ ސީޒަން ފެށެންތައްޔާރުވާއިރު މިވަގުތު ކުޅުންތެރިންގެ ޕަވަރ ރޭންކަށް ބަލާއިރު ޔޫރަޕްގެ ގަދަ 10އެއް ކަމަށް ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރުތަކުގެ  މަޢުލޫމާތު ފެތުރުމުގައި އެންމެ ކުރީގައި އުޅޭ އީއެސްޕީއެން އިން ކަނޑައަޅާފައިވާ 10 ކުޅުންތެރިންނެވެ. ކިޔުންތެރިންގެ ޗޮއިސް އާއި މިލިސްޓާ ދިމާވަނީ ކިހާވަރަކަށްހެއްޔެވެ؟ ޞަލާހް މިލިސްޓަށް އަރަން ޖެހޭ ހެއްޔެވެ؟ ކާންޓޭ އަށް ނޫނީ ކުޓީނިއޯއަށް ނޫނީ ކަވާނީ އަށް މިލިސްޓުން ޖާގަދޭން ޖެހޭހެއްޔެވެ؟ ނޫނީ ލިސްޓުގެ ތަރުތީބަށް ބަދަލު އަންނަންޖެހޭ ހެއްޔެވެ؟

 

10-  ޕައުލް ޕޮގްބާ

ރެކޯޑް ޓްރާންސްފަރ އެއްގައި ޔުވެންޓަރސް އިން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި މިކުޅުންތެރިޔާއަށް ވޭތުވެދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެންނާނެކަމަށް އެންމެންވެސް އުއްމީދުކުރި ކުޅުމެއް ނުދެއްކުނެވެ. އެހެން ނަމަވެސް ނިމިގެންދިޔަ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިނުމުގައި އެންމެ އިސްރޯލެއް އަދާކުރި އެކަކީ ޕޮގްބާ ކަމަށް ގިނަބަޔަކު އެއްބަސް ވެއެވެ. ސުވާލަކީ ވޯލްޑް ކަޕްގައި ޕޮގްޕާ ދެއްކި ފޯމު މިފަހަރު ޕްރިމިއަރ ލީގުގައި އޭނާއަށް ދެއްކޭނެ ހެއްޔެވެ؟ ނޫނީ މި ފަހަރުވެސް މޮރީނިއޯއާއި ޕޮގްބާ ތުންފިއްތައިގެން ތިބޭނީ ހެއްޔެވެ؟ މިހެންބުނާއިރު ޓްރާންސްފަރ ބާޒާރު ބަންދުވުމުގެ ކުރިން ޕޮގްބާ އެހެންދިމާލަކަށް ހިނގައިދާނޭކަމަށް ވާހަކަދެކެވޭކަންވެސް ހަނދާންކޮށްލަންޖެހެއެވެ.

9-  ކެވިން ޑިބްރޭނާ

ވޭތުވެދިޔަ ސީޒަން މެންޗެސްޓަރ ސިޓީއަށް ކާމިޔާބު ކޮށްދިނުމުގެ އެއް މޭސްތިރިއަކީ ޑިބްރޭނާ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހަމަ އެއާއެކު ނިމިގެން ދިޔަ ވޯލްޑް ކަޕް ގައި ބެލްޖިއަމަށް ބުރޯންޒް ހޯދައިދިނުމުގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. މިއަހަރުވެސް ލީގަށް ވާދަކުރާ އެއްޓީމަކަށް ސިޓީ ވާނެއެވެ. އަދި އެމަސައްކަތް ކާމިޔާބު ކުރުމުގައި 27 އަހަރުގެ މި މިޑްފީލްޑަރ ގެ އެހީ ވަރަށް ބޮޑަށް ގާޑިއޯލާއަށް ބޭނުންވާނެއެވެ.

8-  ނޭމާ ޖޫނިއަރ

މިއަހަރު ފެބުރުއަރީގައި ކުރިމަތިވި އަނިޔާއަށް ފަހު ކުޅުމާއި ދުރަށްދިޔަ ނޭމާ ވޯލްޑް ކަޕަށް އައި އިރުވެސް އޭނާގެ އަސްލު ފޯމަށް ނޭޅޭކަމީ ހަގީގަތެކެވެ. ދެގޯލާއި އެސިސްޓަކާއި އަދި ބޭނުމެއްނެތް އިތުރު ބައެއް ހެޑްލައިންތަކަކާއެކު ކުއާޓަރ ފައިނަލާއި ހަމައިން އެނބުރި ގައުމަށްދިޔަ ނޭމާ އެނބުރި އާސީޒަނާއި ކުރިމަތިލަނީ އެޓީމުގެ ޒުވާންކުޅުންތެރިޔާ އެމްބާޕޭގެ ހިޔަނީގައި ހެން ހީވެއެވެ. ސުވާލަކީ މިސީޒަން ނިމޭއިރު އެމްބާޕޭގެ ހިޔަނިން ނިކުމެ ނޭމާގެ އަސްލުކުޅުމާއެކު ފުޓްބޯޅައިގެ އެންމެ އުހަށް އޭނާއަށް ދެވިދާނެހެއްޔެވެ؟ ނޫނީ މެސީގެ ހިޔަނިން ނިކުންނަން ބާސާ ދޫކޮށްލިގޮތަށް އެމްބާޕޭގެ ހިޔަނިން ނިކުންނަން ޕީއެސްޖީ ދޫކޮށްލާނީ ބާވައެވެ؟

7-  ހެރީ ކޭން

ނިމިގެންދިޔަ ވޯލްޑްކަޕްގެ ރަންބޫޓް ކޭން ހަގޯލު ޖަހައިގެން ހާސިލްކުރިއިރު އިނގިރޭސިން މިފަހަރު ވަނީ ސެމީފައިނަލް ކުޅެފައެވެ. ވޭތުވެދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ލީގުގެ ހަތަރުމެޗް ނުގެއްލުނުނަމަ ޞަލާހުގެ މައްޗަށް ކޭން ކުރިހޯދުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ޓޮޓެންހަމުން މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައިވެސް އެހާ ހަރަކާތްރެރި ނޫނީ ކޭންއާއި ދެންތިބި ކުޅުންތެރިންގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށް ބެލެވެއެވެ. އަދި ވޭތުވެދިޔަ ސީޒަނަށްވުރެ އެޓީމު ދަށްވާން ބޭނުންނުވާނަމަ ހެރީ ކޭން ކޮންމެހެންވެސް ފޯމުގައި ހުންނަން އެބަޖެހެއެވެ.

6-  އެންޓޮއިން ގްރިޒްމަން

ފްރާންސްން މިފަހަރު ވޯލްޑް ކަޕް އުފުލާލިއިރު ގްރިޒްމަންގެ ފަރާތުން ހަތަރު ގޯލާއި ދެ އެސިސްޓް ފެނިގެން ދިޔައެވެ. އެމީހުންގެ އެންމެ ޓޮޕް ފޯމުގައި ނުކުޅެވި އެކަމަކުވެސް ތަށި ހޯދިއިރު އެޓީމުގެ ފޯވާޑް ލައިންގެ ހިއްސާ ވަރަށް ބޮޑެވެ. ވޯލްޑް ކަޕްގެ ކުރިން މަޝްހޫރު ބާސެލޯނާގެ ހުށަހެޅުން ދޫކޮށްލުމަށްފަހު މިދިޔަ ސީޒަނުގެ ޔޫރޮޕާލީގުގެ ތަށި އުފުލައިލި އެތްލެޓިކޯ މެޑްރިޑާއެކު ގްރިޒްމަން މިފަހަރު ނިކުންނަނީ 2014 ވަނަ އަހަރަށްފަހު ލަލީގާ ކާމިޔާބު ކުރުމުގެ އުއްމީދުގައެވެ.

5-  އެޑެން ހެޒާޑް

ނިމިގެންދިޔަ ވޯލްޑްކަޕްގެ 3ވަނަ ބެލްޖިއަމްއަށް ހޯދައިދިނުމުގައި ހެޒާޑްގެ ރޯލް ވަރަށްވެސް ބޮޑެވެ. މެސީއާއި ނޭމާފަދަ ތަރިންފަހަތަށް ޖައްސާލާފައި ބޯޅަ ކޮށްޓުމުގައިވެސް މިފަހަރު ކުރިހޯދީ ހެޒާޑެވެ. ބެލްޖިއަމްގެ ކެޕްޓަންގެ ގޮތުގައި ނިކުމެ ހެޒާޑް ވަނީ 3 ގޯލު ޖަހާ 2  ގޯލު ޖަހަން އެހީތެރިވެދީފައެވެ. އާސީޒަނަށް ޗެލްސީއާއި ވަކިވެ ރެއާލް މެޑްރިޑާއި ގުޅޭނެކަމުގެ އަޑުއަރާފައި އޮތަސް ބެލެވެނީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ދެކުނު ލަންޑަންގައި މަޑުކޮށް އާމެނޭޖަރު ސާރީގެ އިރުޝާދުގެ ދަށުން އިތުރު ކާމިޔާބުތައް ހޯދާނޭކަމުގައެވެ.

4-  ލޫކާ މޮޑްރިޗް

މިފަހަރުގެ ވޯލްޑްކަޕުގައި ކްރޮއޭޝިއާ ފައިނަލަށް ގެންގޮސްދިނުމުގައި އެންމެ އިސްރޯލެއް އަދާކުރީ ލޫކަ މޮޑްރިޗެވެ. މުބާރާތުގެއެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑް ހާސިލްކުރި މިކުޅުންތެރިޔާ މިމުބާރާތުގައި 3 ގޯލު ޖެހިއެވެ. މީގެތެރެއިންވެސް އާޖެންޓީނާ ކޮޅަށް ޖެހިގޯލު ވަރަށް ހިތްގައިމެވެ. އާސީޒަނަށް ރޮނާލްޑޯ ފަދައިން ސެރިއާ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް އަރާފައި އޮތް އިރު ރެއާލްއިން ބުނަނީ 670 މިލިއަން ޕައުންޑަށްވުރެ ބޮޑުއަގަކަށް ނޫނީ މޮޑްރިޗް ނުވިއްކާނެ ކަމުގައެވެ. އެހެންކަމުނެ ބޮޑަށް ބެލެވެނީ ރެއާލް އާއެކު އާސީޒަނުގައި މޮޑްރިޗް ފެންނާނެކަމުގައެވެ. ކޮންމެ ޓީމަކުން ފެނުނަސް ޔަގީންވާކަމަކީ އޭނާ ކުޅޭ ޓީމެއްގައި އޭނާއަށްވުރެ މޮޅު މިޑްފީލްޑަރަކު ނުހުންނާނޭކަމެވެ.

3-  ކިލިއަން އެމްބާޕޭ

ނިމިގެންދިޔަ ވޯލްޑްކަޕުން އެންމެ ބޮޑަށް ވިދާލި އެކަކީ އެމްބާޕޭ އެވެ. ފްރާންސްގެ ކާމިޔާބު ކެމްޕޭނުގައި އެމްބާޕޭ 4 ގޯލު ޖެހިއެވެ. އަދި ޕެލޭއަށްފަހު ފައިނަލް މެޗްގައި ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިއާގެ ރެކޯޑް ހާސިލްކުރިއެވެ. އެމްބާޕޭ އެނބުރި ކްލަބަށް އައިސް އޭނާ ދެން ނިކުންނާނީ 7 ނަމްބަރު ޖޯޒީގައެވެ. ނޭމާ ކްލަބުގައި ހުއްޓާ ކްލަބުގެ ސްޓަރޕްލޭޔަރ އަކީ އެމްބާޕޭ ކަމަށްވުމަކީ މިސީޒަނުގައި ވަރަށް އެކަށީގެންވާ ކަމެކެވެ.

2- ލިއޮނެލް މެސީ

ވޯލްޑްކަޕްގެ ނާކާމިޔާބަށް ފަހު 2 ވަނަ ބުރާއި ހަމައިން ރަޝިޔާއިން ފުރިކަމުގައިވިޔަސް އެޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިއަކަށް މެސީ ވާނެއެވެ. ގޯލަކާއި ދެ އެސިސްޓާއި އެކު މެސީ އަށް މުބާރާތާ އަލްވަދާއު ކިޔަންޖެހުނު ނަމަވެސް އޭނާގެ ހުނަރާއި ކުޅުމާއި މެދު ސުވާލު އުފައްދަން ނުޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ލަލީގާގައި ބާސާ ރަސްކަން ކުރަމުން އަންނައިރު އެކަމުގެ މޭސްތިރިއަކީ މެސީއެވެ. އާސީޒަނަށް ނިކުންނައިރު ކުރިއެކޭ އެއްގޮތަށް ބާސާގެ އަސްލު މީހަކީވެސް ހަމަ މެސީއެވެ. ބާސާއާއެކު މެސީ ނިކުންނަނީ އަނެއްކާވެސް ލަލީގާގެ ކާމިޔާބީ ތަކުރާރު ކުރާށެވެ.

1- ކްރިސްޓިއާނޯ ރޮނާލްޑޯ

އޭނާގެ ޓީމަށް ވޯލްޑް ކަޕްގައި ދެވަނަ ބުރު ފަހަނައަޅައި ނުދެވުނެވެ. އެކަމަކުވެސް ކުރީގެ ތިން ވޯލްޑް ކަޕްގައި އޭނާ ލަނޑުޖެހި ވަރަށްވުރެ ގިނައިން މިމުބާރާތުގައި ލަނޑުޖެހިއެވެ. 4 މެޗުން 4 ގޯލު ޖެހިއިރު ސްޕޭނާއި ދެކޮޅަށް ހެދި ހެޓްރިކަކީ މިވޯލްޑްކަޕްގެ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މުޅި ދުނިޔެ ހައިރާންކޮށްލާފައި އުމުރުން 33 އަހަރުގައި ރެއާލް ދޫކޮށް ބޮޑުއަގަކަށް ޔުވެންޓަސް އަށް ބަދަލުވިއިރު ރޮނާލްޑޯ ހުރީ ކުރީ ދެލީގެކޭ އެއްގޮތަށް ސެރިއާގައިވެސް ކާމިޔާބުހޯދަން ތައްޔާރަށްކަން ދޭހަވެއެވެ. ރޮނާލްޑޯގެ ސަބަބުން މިސީޒަނުގައި ސެރިއާގެ މެޗްތައް ބަލާމީހުން ކުރިއަށްވުރެ އެތައް ގުނައަކަށް އިތުރުވެގެންދާނޭކަމީ ޝައްކެއްއޮތްކަމެއްނޫނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *