ދުނިޔޭގެ އެއް ނަމްބަރު ބެޓްސްމަނަކަށް ވިރާތު ކޯލީ

Advertisement

ދުނިޔޭގެ އެއް ނަމްބަރު ބެޓްސްމަނަކަށް ވިރާތު ކޯލީ

އަޙްމަދު ޔަޝައު

އިންގްލެންޑްގެ ބާމިންހަމްގައި ހުންނަ އެޑްޖްބާސްޓަން ކްރިކެޓް ދަނޑުގައި މިއަދު ނިމިގެން ދިޔަ އިންގްލެންޑާއި އިންޑިއާ ބައްދަލުކުރި ޓެސްޓް ކްރިކެޓް މެޗަށްފަހު އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައި.ސީ.ސީ) އިން ނެރުނު ކްރިކެޓް ޓެސްޓު ބެޓްސްމަން ރޭންކިންގެ އެއްވަނަ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ އަރައިފިއެވެ.

އިންގްލެންޑު އަތުން އިންޑިއާ 31 ލަނޑުގެ ތަފާތުން ބަލިވި މެޗުގެ ފުރަތަމަ އިނިންގްސް ގައި ކޯލީ ވަނީ ނުބައިނުވެ 149 ލަނޑު ހަދާފައެވެ. އަދި ދެވަނަ އިނިންގްސްގައި އޭނާ ވަނީ 51 ލަނޑު ހަދާފައެވެ. މެޗަށްފަހު ކޯލީ ބުނެފައިވަނީ، މެޗުން ބަލިވުމުން އޭނާ ހެދި ސެންޗަރީ އަކީ އެއްވެސް އެއްޗެއް ނޫންކަމަށެވެ. މިއަދުގެ މެޗުގައި ކޯލީ ހެދި ސެންޗަރީއަކީ އޭނާގެ ކެރިއަރުގައި ކުޅުނު 67 ޓެސްޓު މެޗުގައި ހެދި 22 ވަނަ ސެންޗަރީއެވެ.

Advertisement

ޓެސްޓު ބެޓްސްމަންގެ ރޭންކިން އެއްވަނައަށް ކޯލީ އެރިއިރު ވޭތުވެދިޔަ 32 މަސްދުވަހު އެމަގާމުގައި އޮތީ އޮސްޓްރޭލިއާގެ ކެޕްޓަން ސްޓީވް ސްމިތްއެވެ. ނަމަވެސް އޭނާ ވަނީ މިއަހަރު ކުރީކޮޅު އޮސްޓްރޭލިއާގެ ކްރިކެޓް ޓީމް ސައުތު އެފްރިކާއަށް ކުރި ދަތުރުގައި ބޯލް ޓެމްޕެރިންގ މައްސަލައެއްގެ ސަބަބުން 12 މަސްދުވަހުގެ މުއްދަތަކަށް އިންޓަރނޭޝަނަލް މެޗުތަކުން ސަސްޕެންޑުކޮށްފައެވެ.

ކޯލީ ރޭންކިންގެ އެއްވަނައަށް އެރީ މިއަދުގެ މެޗުގައި ހެދި ސެންޗަރީއިން ލިބުނު ޕޮއިންޓު އެއްކޮށް ޖުމްލަ 934 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ސްމިތަށް ލިބިފައިވަނީ 929 ޕޮއިންޓެވެ.

މިއީ 2011 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރ މި މަޤާމް ހޯދިފަހުން އިންޑިއާގެ ކުޅުންތެރިޔަކު މި މަޤާމް ހޯދި ފުރަތަމަ ފަހަރެވެ. ޓެންޑުލްކަރ އާއި ކޯލީގެ އިތުރުން އައި.ސީ.ސީ ރޭންކިންގެ އެއްވަނަ ހޯދާފައިވާ އިންޑިއާގެ ކުޅުންތެރިންނަކީ ރާހުލް ޑްރަވިޑް، ގޯތަމް ގޭމްބިރް، ސުނިލް ގަވަސްކަރު، ވިރެންދުރަ ސޭވާގް އަދި ޑިލިޕް ވެންގްސަރްކާރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *