ކެމަރޫންގެ ކޯޗަކަށް ސީޑޯފް، އެސިސްޓެންޓަކަށް ކްލައިވަޓް
ކެމަރޫން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކްލެރަންސް ސީޑޯފް އަދި އެސިސްޓެންޓަކަށް ޕެޓްރިކް ކްލައިވަޓް ހަމަޖައްސައިފިއެވެ. މިދެކުޅުންތެރިންނަކީވެސް ނެދަރލޭންޑްސްގެ ގައުމީ ޓީމަށް އެކީކުޅެފަތިބި ދެކުޅުންތެރިންނެވެ.
ސީޑޯފް މަގާމާ ހަވާލުވެފައި މިވަނީ ކުރިން އެމަގާމުގައި ހުރި ބެލްޖިއަމްގެ ހޫގޯ ބްރޫސް މަގާމުން ވަކިކުރިތާ 9 މަސް ފަހުންނެވެ. ބްރޫސް މަގާމުން ވަކިކުރީ އޭނާގެ ބެލުމުގެދަށުން ކެމަރޫންއިން މިދިޔަ އަހަރުގެ އެފްރިކަން ނަޕް އޮފް ނޭޝަންސް ކާމިޔާބުކުރެވުނު ނަމަވެސް މިއަހަރުގެ ފީފާ ވާރލްޑް ކަޕުން ޖާގަ ނުހޯދުމުންނެވެ.
ސީޑޯފް، 42، ވަނީ މީގެކުރިން އިޓަލީގެ އޭސީމިލާނަށް ކޯޗުކަން ކޮށްދީފައެވެ. އަދި އެއަށްފަހު ޗައިނާގެ ޝެންޒެން އާއި ސްޕެއިންގެ ޑިޕޯޓިވޯ ލަކޮރޯނިއާއަށް ވެސް ކޯޗްކަން ކޮށްދީފައި ވެއެވެ.
ސީޑޯފް އަކީ، ނެދަރލޭންސްގެ އަޔެކްސްއަށާއި، ސްޕެއިންގެ ރިއަލް މެޑްރިޑް އަދި އޭސީމިލާނަށް ކުޅެ، ކޮންމެ ކުލަބަކާއެކުވެސް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެއްގެ އިތުރުން، ނެދަރލޭންޑްސްގެ ގައުމީޓީމަށް 87 މެޗު ކުޅެދީފައިވާ ކުޅުންތެރިއެކެވެ.
ކްލައިވަޓް، 42، ކުޅުނު ކުލަބުތަކުގެ ތެރޭގައި އަޔެކްސް އާއި އޭސީމިލާން އަދި ބާސެލޯނާގެ އިތުރުން ނިއުކާސަލް ޔުނައިޓެޑާއި، ވެލެންސިއާ، ޕީއެސްވީ އަދި ފްރާންސްގެ ލީލް ހިމެނެއެވެ.
ނެދަރލޭންޑްސްގެ ގައުމީޓީމަށް 79 މެޗުކުޅެ 40 ގޯލުވެސް ޖަހައިދީފައިވާ ކްލައިވަޓް ވަނީ ކުރިން ނެދަރލޭންޑްސްގެ ގައުމީޓީމުގައިވެސް އެސިސްޓަންޓް ކޯޗެއްގެ މަގާމުވެސް އަދާކޮށްފައެވެ. މީގެއިތުރުންވެސް ނެދަރލޭންޑްސް އާއި އޮސްޓްރޭލިޔާގެ އެކި ކުލަބުތަކާއި އެކަޑަމީތަކުގައިވެސް ކޯޗެއްގެ މަގާމު އަދާކުރުމާއެކު އޭނާ ވަނީ ކިއުރަސާއޯ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.
ކެމަރޫންގެ އެސިސްޓަންޓް ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން ކްލައިވަޓް ވަނީ 2016 އިން 2017 އަށް ފްރާންސްގެ ޕީއެސްޖީގެ ފުޓުބޯޅަ ޑިރެކްޓަރެއްގެ މަގާމު އަދާކޮށްފައެވެ.
Advertisement
Leave a Reply