މިރާއްޖެއަށް ލިބުނު ދޭތިން އެކައްޗަކީ ދަގަނޑޭގެ ވާތުފައި: މަރްޒޫގް
މި ރާއްޖެއަށް ލިބުނީ ދެ އެއްޗެއް ކަމަށާއި އޭގެ ތެރެއިން އެކައްޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު މަރްޒޫޤް ވިދާޅުވެއްޖެއެވެ. މަރްޒޫގް މިހެން ވިދާޅުވެފައިވަނީ “ޗެނަލް 13” އިން ދަގަނޑޭއާ ގުޅޭ ގޮތުން އެ ޗެނަލުން ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި ފޭސްބުކްގައި އާންމުކުރެއްވި ސްޓޭޓަސް އެއްގައެވެ.
“ރާއްޖެއަށް ލިބުނީ ނަލަ ހުދު ދޮންވެލި ބީޗަކާއި، ދަގަނޑޭގެ ވާތުފައި. މި ދޭތި ހަޑިކުރަން ނޫޅޭ” ސާފް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ދަގަނޑޭ ބާކީކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް “ޗެނަލް 13” އިން އެކަމާ ގުޅުވައިގެން ގެނެސްދިން ރިޕޯޓަށް ފާޑުވިދާޅުވަމުން މަރްޒޫގް ލިޔުއްވައިފައިވެއެވެ.
“ޢަލީ އަޝްފާޤް ޓީމަށް ނުނެގުމަކީ ކޯޗްގެ ކަމެއް. އެކަމަށް އިޙްތިރާމްކުރަން. އެކަމަކު ޗެނަލް 13 އިން ދަގަނޑޭގެ ނަން ހަޑިކުރުމުގެ ނިޔަތުގައި ގެނައި ރިޕޯޓް ކުށްވެރިކުރަން” ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކެޓްރީ ކަމުގެ މަގާމްވެސް ކުރިން އަދާކުރައްވައިފައިވާ މަރްޒޫޤް ވިދާޅުވިއެވެ.
ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރިން ކްލަބް ވެލެންސިޔާއަށާއި، އައިއެފްސީ ގެ އިތުރުން ޔޫތް ގައުމީ ޓީމްތަކަށްވެސް ކުޅެފައިވާ މަރްޒޫޤްއަކީ އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލްކަން 2009 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ ބޭފުޅެކެވެ. މަރްޒޫޤް ގެ ސެކެޓްރީ ޖެނެރަލްކަމުގެ ދަށުން ރާއްޖޭގެ އެތްލީޓުންނަށް ރާއްޖެއިން ބޭރުން ތަމްރީނުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. އަދި، އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތެއްގައި އެތްލެޓިކްސް އިން ރާއްޖެ ހޯދި ފުރަތަމަ ރަން މެޑަލް 2015 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދިއެވެ. މަރްޒޫޤްއަކީ ޓސީގެ ކޯޗް މުޙައްމަދު ނިޒާމް (ނިޒާމްބޭ) ގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓް އެކުލަވާލި 30 ކުޅުންތެރިންގެ ސްކޮޑް ގައި ދަގަނޑޭ ނުހިމެނުމުން ކޯޗަށް އަމާޒުވި ފާޑުކިޔުންތައް ދިފާއުކުރާކަން ދޭހަވާފަދަ މޭރުމަކުން “ޗެނަލް 13” އިން ގެނެސްދިން ރިޕޯޓުގައި ދަގަނޑޭއަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އިތުރުން ވަރުގަދަ ޝަހްސިއްޔަތެއްކަމަށާއި، އެހެން ނަމަވެސް އޭނާއަކީ ކުޅުންތެރިންނަށް ހުރި ރަނގަޅު މިސާލެކޭ ބުނުމަކީ އެންމެ ރަގަޅު ވާހަކައެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި، ދަގަނޑޭގެ ފަރާތުން ފަރިތަކުރުންތަކުގައި ފެންނަކަމަށް ނަން ހާމަކުރަން ބޭނުންނުވާ ކުޅުންތެރިއަކު ބުނެފައިވާ ބައެއް ނުރަނގަޅު ކަންކަން ފާހަގަކޮށް އެފަދަ ކުޅުންތެރިއަކު އެންމެ ރަގަޅު ޝަހްސިއްޔަތެއްގެ ގޮތުގައި ބެލުން އެއީ ރަގަޅު ގޮތެއްތޯ ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން މިހާރުގެ ކޯޗް ޕީޓަރ ސެގާޓް އަފްޤާނިސްތާނުގެ ގައުމީޓީމަށް އިރުޝާދު ދިންއިރު ދިންއިރު އެ ޓީމުގައި ހިމެނުނު ނުފޫޒުގަދަ ކުޅުންތެރިއަކު ޓީމުން ބާކީކޮށްގެން ކޯޗަށް ކުރިމަތިވި މައްސަލަތަކެއްގެ ވާހަކަވެސް މި ރިޕޯޓްގައި ގެނެސްދީފައިވެއެވެ.
ގައުމީ ޓީމުގެ މިހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓް ޓީމާ ހަވާލުވިފަހުން ގައުމީ ޓީމް ކުޅުނު ފުރަތަމަ ވާދަވެރި މެޗަށް ނެގި ސްކޮޑުން ވެސް ދަގަނޑޭ ވަނީ ބާކީކޮށްފައެވެ. އޭޝިއަންކަޕްގެ ކޮލިފައިންގައި ބޫޓާން އާ ދެކޮޅަށް މިދިޔަ މާޗްމަހު ކުޅުނު މެޗަށް ނެގި ސްކޮޑްގައި ކޯޗް ފުރަތަމަ ދަގަނޑޭ ހިމެނި ނަމަވެސް ފަހުން ކޯޗް ދަގަނޑޭ ބާކީކުރީ މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުންނެވެ.
Advertisement
Leave a Reply