ސީޒަން ހުޅުވާ މެޗުގެ ކުރިން ސާރީގެ ތައުރީފް ގާޑިއޯލާއަށް
އިނގިރޭސި ސީޒަން ހުޅުވާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސް ގައި އާ ސީޒަނަށް ޗެލްސީއާ ގުޅުނު ކޯޗު މައުރީޒިއޯ ސާރީ މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ތައުރީފް ކޮށްފިއެވެ.
މިރޭ އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ މެޗުގެ ކުރިން ސާރީ ބުނީ ގާޑިއޯލާއަކީ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށާއި، ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ ކަމަށެވެ.
“ޕެޕް (ގާޑިއޯލާ) އަކީ ރަށްޓެއްސެއް. އެހެންވެ އަހަރެން އޭނާއަށް ވަރަށް އިހުތިރާމް ކުރަން. ކޯޗެއްގެ ގޮތުގައި އަހަރެން ގާޑިއޯލާއަށް އިހުތިރާމް ކުރަނީ ކޮށްފަ ހުރި މަސައްކަތަށް. ގާޑިއޯލާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު” ގާޑިއޯލާއަށް ތައުރީފް ކުރަމުން ސާރީ ބުންޏެވެ.
އިތުރަށް ސާރީ ބުނީ، އިންގްލެންޑަށް ދިއުމަށް ގާޑިއޯލާ އޭނާއަށް ދައުވަތު ދިންކަމަށެވެ. ޕްރިމިއާ ލީގަކީ އެންމެ މޮޅު ލީގަށްވެފައި ފެންވަރު މަތިވުމުން އިންގްލެންޑުގައި ތަޖުރިބާ ކޮށްލަން ބޭނުންވި ކަމަށް ސާރީ ބުންޏެވެ.
“ފަރަގު ކުޑަކުރަން އަހަރެމެނަށް މަސައްކަތް ކުރެވޭނެ. އެއީ އުނދަގޫކަމެއް، ސަބަބަކީ ސިޓީ ކުޅުންތެރިން އެގޮތަށް ކުޅޭތާ މިހާރު ދެ އަހަރުވީ. އަހަރެމެން މަސައްކަތް ފެށިތާ މިވީ ދެ ހަފްތާ ބައި. އެކަމު އަހަރެމެން މަސައްކަތް ކުރާނީ އަމާޒެއް އޮވެގެން” އާ ސީޒަނަށް ކުރާ އުއްމީދާ ގުޅޭގޮތުން ސާރީ ބުންޏެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީގެ ސެސް ފެބްރިގާސް ހުރީ އަނިޔާގައެވެ. ނަމަވެސް މި ހަފްތާތެރޭ ޓީމުގެ ކޮންޓްރެކްޓް އާކުރި ޕެޑްރޯ ރޮޑްރިގޭޒް އާއި ރޮސް ބާކްލޭގެ އިތުރުން ނަޕޯލީން އެޓީމާ ގުޅުނު ޖޯޖީނިއޯ ކުޅުމުގެ ފުރުސަތު ބޮޑެވެ.
ޗެލްސީ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެޑެން ހަޒާޑާއި ތިބައޫ ކޯޓުއާ އަދި ވިލިއަން ޓީމު ދޫކޮށްލާފާނެކަމުގެ ބިރު އޮތުމެވެ.
މި ކުޅުންތެރިންނާ ގުޅޭގޮތުން ސާރީ ބުނީ ވިލިއަން ޓީމުގައި މަޑުކުރުމުގެ އުއްމީދު އެބައޮތް ކަމަށާއި، ހެޒާޑާއި ކޯޓުއާވެސް ޓީމުގައި ބައިތިއްބަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
“މިވަގުތަށް ކޯޓުއާއަކީ ޗެލްސީގެ ގޯލް ކީޕަރު. ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް ނޭނގެ ބުނާކަމަށް. އެކަން ބޮޑަށް ބަރޯސާވަނީ ކްލަބަށާއި ކޯޓުއާއަށް. އެކަމު އަހަރެން އުއްމީދު ކުރަނީ އަހަރެމެންގެ ގޯލް ކީޕަރަށް ވާނީ ކޯޓުއާ ކަމަށް”
މިރޭގެ މެޗުގައި ސިޓީގެ މުހިއްމު ބައެއް ކުޅުންތެރިންވެސް ނުފެންނާނެއެވެ. އޭގެތެރޭގައި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ބެލްޖިއަމްގެ ކެވިން ޑިބްރޫން އާއި ރަހީމް ސްޓާލިންގް ހިމެނެއެވެ. މިރޭގެ މެޗުގައި ސިޓީގެ މެދެތެރޭގައި ކުޅޭނެ ކަމަށް ބެލެވެނީ ޒުވާން ކުޅުންތެރިޔާ ފިލް ފޮޑެން އެވެ. ފޮޑެންގެ އިތުރުން ދާދިފަހުން އެޓީމަށް ބަދަލުވި ރިޔާދް މާރޭޒްވެސް މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމަށް ބެލެވެއެވެ.
މެންޗެސްޓަރ ސިޓީއާ ޗެލްސީ ވާދަކުރާ ކޮމިއުނިޓީ ޝީލްޑް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:00 ގައެވެ.
Advertisement
Leave a Reply