ޖީސަސް މިފަހަރުވެސް އިސްކުރީ މަންމަ

Advertisement

ޖީސަސް މިފަހަރުވެސް އިސްކުރީ މަންމަ

ޢަލީ ޝަހީމް
ޖީސަސް އޭނާގެ މަންމައާއެކު. ލަނޑު ޖެހުމަށްފަހު އަބަދުވެސް ފޯނުން މަންމައަށް ގުޅާ މަންޒަރު ޖީސަސް ދައްކާ

މެންޗެސްޓަރ ސިޓީގެ ފޯވާޑް ގަބްރިއަލް ޖީސަސް 2023 ވަނަ އަހަރާ ހަމައަށް ސިޓީގައި މަޑުކުރަން ނިންމައި، އާ ކޮންޓްރެކްޓް ގައި ސޮއި ކުރުމަށްފަހު އޭނާ ފުރަތަމަވެސް ފޯނުން ގުޅީ މަންމަ ވެރާ ލޫސިއާއަށެވެ.

މަންމަ އާއި ވީޑިއޯ ކޯލް ކުރުމަށްފަހު ޖީސަސް ފުރަތަމަވެސް އޭނާގެ މަންމަގެ ހާލު އަހައެވެ. އެއަށްފަހު ސިޓީގައި ދިގު މުއްދަތަކަށް މަޑުކުރާ ހަބަރު އޭނާގެ މަންމައަށް އަރުވައެވެ. މި ހަބަރު ލިބުމުން އުފާވާކަމަށާއި، މި ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވާނެކަމަށް ޖީސަސްގެ މަންމަ އޭނާގެ ދަރިފުޅަށް ދިން މެސެޖުގައި ބުނެއެވެ. އެވަގުތު ޖީސަސް އާއެކު އެތަނުގައި ތިބި ސިޓީގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ އިސް ފަރާތްތައްވެސް ވީޑިއޯ ކޯލްގައި ބައިވެރިވިއެވެ. ޖީސަސްއާމެދު އުފާވޭތޯ އެތަނުގައި ތިބި ބައެއް ކުޅުންތެރިން އެހުމުން އަބަދުވެސް ޖީސަސްއާމެދު އުފާވާކަމަށް އޭނާގެ މަންމަ ބުނެއެވެ. ވީޑިއޯ ކޯލް ނިންމާލަމުން ކޯޗު ޕެޕް ގާޑިއޯލާއަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ޖީސަސްގެ މަންމަ ވަނީ ހެޔޮއެދިފައެވެ.

ޖީސަސް ފާހަގަ ކުރެވެނީ އެހެން ކުޅުންތެރިންނާ ހިލާފަށް އޭނާގެ މަންމައާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކުޅުންތެރިއެއް ގޮތަށެވެ. ކޮންމެ މެޗެއްގެ ކުރިން ޖީސަސް އޭނާގެ މަންމައަށް ގުޅާއިރު ލަނޑު ޖެހުމަށްފަހު ދައްކާ ހަރަކާތުންވެސް ސިފަކޮށްދެނީ ޖީސަސް އޭނަގެ މަންމަ އަށް ގުޅާ މަންޒަރެވެ. ޖީސަސް ބުނެފައިވަނީ އޭނާގެ ހުރިހާވެސް މީހަކީ މަންމަ ކަމަށާއި، ލަނޑު ޖެހުމަށްފަހު އަބަދުވެސް އަތް ނެގުމަށްފަހު ފޯން ކޯލެއް ކުރާ ގޮތަށް ހަރަކާތް ބަހައްޓަނީ މަންމަ އަށް އޭނާގެ ކޯލް ފޯރުކޮށްދިނުމަށްކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހު ބްރެޒިލްގެ ޕަލްމެއިރާސް 27 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުމަށްފަހު ޖީސަސް ވަނީ އެ ސީޒަނުގައި ކުޅުނު 11 މެޗުގައި ހަތް ގޯލު ޖަހާފައެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ސިޓީން ޕްރިމިއަރ ލީގާއި އީއެފްއެލް ކަޕް ކާމިޔާބު ކުރިއިރު 17 ގޯލް އެ ކްލަބަށް ކާމިޔާބު ކޮށްދީފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައިވެސް ޖީސަސް ވަނީ ބްރެޒިލް ކުޅުނު ހުރިހާ މެޗެއްގައިވެސް ފުރަތަމަ އެގާރައިގައި ހިމެނިފައެވެ. ސިޓީއާ ގުޅުމަށްފަހު ޖީސަސް މީގެ ކުރިން ބުނެފައިވަނީ އެ ކްލަބާ ގުޅުމަކީ އޭނާގެ ހަޔާތުގައި ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

ޖީސަސްއާ ގުޅޭގޮތުން މެންޗެސްޓަރ ސިޓީގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޒިކީ ބެގިރިސްޓިއަން ބުނެފައިވަނީ ޖީސަސް އަކީ ދުނިޔޭގެ މިވަގުތު ހުރި އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *