އިޓަލީގެ އެހެން ކްލަބަކުންވެސް ރޮނާލްޑޯ ދައްކާލައިފި
އިޓަލީގެ ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންގޮސްފައި ވަނިކޮށް، އެގައުމުގެ ސަމްޑޯރިއާއިންވެސް “ރޮނާލްޑޯ” ނަމަކަށް ކިޔާ ކުޅުންތެރިއެއްގެ ސޮއި ހޯދިކަން އިއުލާން ކޮށްފިއެވެ.
އިޓަލީ ލީގުގައި ކުޅޭ ސަމްޑޯރިއާއިން ހޯދާފައިވަނީ އިންގްލެންޑަށް އުފަން ރޮނާލްޑޯ ވިއެއިރާގެ ސޮއެވެ. ފަސް އަހަރުގެ މުއްދަތަކަށް އުމުރުން 20 އަހަރުގެ ވިއެއިރާ އެ ކްލަބަށް ބަދަލުވި އަގު ހާމަކޮށްފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން ވިއެއިރާއަށް 7 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ސަމްޑޯރިއާއިން ވަނީ ހަރަދު ކޮށްފައެވެ.
ވިއެއިރާ އެޓީމާ ގުޅުނުކަން ސަމްޑޯއިރާއިން އިއްޔެގެ ވަގުތެއްގައި އިއުލާން ކުރީ ޓްވިޓާ މެދުވެރިކޮށެވެ. އެޓީމުން އާއްމު ކުރި ފޮޓޯ ހަދާފައިވަނީ ޔުވެންޓަސް އިން ރޮނާލްޑޯ ގެންދިއުމަށްފަހު އާއްމު ކުރި ފޮޓޯއާ ދާދި އެއްގޮތަށެވެ. އެ ފޮޓޯގައި ބްރޭކިން ނިއުސްއެއް ގޮތަށް ލިޔެފައިވަނީ ސަމްޑޯރިއާއިން ރޮނާލްޑޯގެ ސޮއި ހޯދިކަމަށެވެ.
ވިއެއިރާ ސަމްޑޯރިއާއަށް ބަދަލުވީ އިންގްލެންޑްގެ ލީޑްސް ޔުނައިޓެޑުންނެވެ. ސަމްޑޯރިއާއާއެކު ވިއެއިރާ ފުރަތަމަ ފެންނާނެ މެޗެއް ގޮތުގައި ބެލެވެނީ ލީގުގައި އެޓީމު ފިއޮރެންޓީނާއާއި ދެކޮޅަށް މިމަހުގެ 19 ވަނަ ދުވަހު ކުޅޭ މެޗެވެ. އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅޭ ވިއެއިރާ އަކީ ޔޫރަޕްގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިއެކެވެ. ނަމަވެސް ލީޑްސް ޔުނައިޓެޑަށް 63 މެޗު ކުޅުނު އިރު އޭނާއަށް ޖެހުނީ އެންމެ ލަނޑެކެވެ.
ސަމްޑޯރިއާއިން ވަނީ އެޓީމުގެ މެދުތެރެއަށް ކުޅޭ އުރުގުއޭގެ މިޑްފީލްޑަރ ލޫކަސް ޓޮރެއިރާ އާސެނަލްއަށް ވިއްކާލާފައެވެ. ޓޮރެއިރާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ އުރުގުއޭ ޓީމަށް އަދި މިދިޔަ ސީޒަނުގައި ސަމްޑޯރިއާގެ މެދުތެރެ ބެލެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ބޮޑަށް ބެލެވޭ ގޮތުގައި ވިއެއިރާގެ ސޮއި ސަމްޑޯރިއާއިން ހޯދީ ޓޮރެއިރާ ނެތްތައް ފޫބެއްދުމަށެވެ.
ވިއެއިރާ އޭނާގެ އާއިލާއާކު ފުރަތަމަ ދިރިއުޅުނީ ޕޯޗުގަލްގައެވެ. އޭނާ 2011 ވަނަ އަހަރު އިންގްލެންޑަށް ބަދަލުވީ އާއިލާއަށް ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތެއް ހޯދުމަށެވެ. އިންގްލެންޑަށް ބަދަލުވުމުގެ ކުރިން ވިއެއިރާ އުޅުނީ ޕޯޗުގަލްގެ ބެންފީކާގެ އެކަޑަމީގައެވެ. އިންގްލެންޑަށް ބަދަލުވުމަށްފަހު ނިއުކާސަލް ޔުނައިޓެޑަށް ނިސްބަތްވާ ލޯކަލް ޓީމަކާއެކު ފުޓްބޯޅަ ކުޅެން ފެށިއެވެ. އެއަށްފަހު ވިއެއިރާ ވަނީ މެންޗެސްޓަރ ސިޓީ އަދި ހަލް ސިޓީގެ ޓްރިއަލްގައި ބައިވެރިވެ ނާކާމިޔާބު ވެފައެވެ. ނަމަވެސް ލީޑްސް ޔުނައިޓެޑްގެ އެކަޑަމީއާ ގުޅުމަށްފަހު ދެއްކި މޮޅު ކުޅުމުން އެޓީމުން އޭނާއަށް ޖާގަ ލިބުނެވެ.
Advertisement
Leave a Reply