ކުދިންނަށްޓަކައި މޮރާޓާ ޖޯޒީ ނަންބަރުވެސް ބަދަލުކޮށްފި

Advertisement

ކުދިންނަށްޓަކައި މޮރާޓާ ޖޯޒީ ނަންބަރުވެސް ބަދަލުކޮށްފި

ޢަލީ ޝަހީމް
މޮރާޓާ އޭނާގެ އަނބިމީހާ އަލިސް ކަމްޕެއްލޯ އަދި ޖުލައި 29 ވަނަ ދުވަހު ލިބުނު އެއްމާބަނޑު ދެ ފިރިހެން ކުދިންނާއެކު

މިދިޔަ ޖުލައި 29 ވަނަ ދުވަހު ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް އެއްމާބަނޑު ދެކުދިން ލިބުމުން އާ ސީޒަނަށް އޭނާގެ ޖޯޒީ ނަންބަރު ބަދަލު ކޮށްފިއެވެ. މޮރާޓާ މިދިޔަ ސީޒަނުގައި އަދި އާ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު މެޗުތަކުގައިވެސް ބޭނުންކުރަމުން ދިޔައީ ޗެލްސީގެ 9 ނަންބަރު ޖޯޒީ އެވެ.

ޖުލައި 29 ވަނަ ދުވަހު އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުމުން މޮރާޓާ މިހާރު ވަނީ އެ ދުވަހާއި ގުޅުވައިގެން ޖޯޒީ ނަންބަރު 29 އަށް ބަދަލުކޮށްފައެވެ. ނަންބަރު ބަދަލުކުރުމަށްފަހު މޮރާޓާ ބުނީ އެއީ އާއިލާއަށް ހާއްސަ ކުރި ނަންބަރެއް ކަމަށާއި، އަބަދުވެސް އާއިލާ ވަރަށް މުހިއްމު ކަމަށެވެ. މޮރާޓާގެ ކައިވެނި ކޮށްފައިވަނީ 2017 ޖޫން މަހުގެތެރޭ މޮޑެލް އަދި ފެޝަން ޑިސައިނަރ އަލިސް  އަލިސް ކަމްޕެއްލޯ އާއެވެ.

“އަހަރެންގެ އެއްމާބަނޑު ދެކުދިންނަށް މަރުހަބާކީ ދުވަސް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އަހަރެންގެ އާއިލާ ވަރަށް މުހިއްމުވީމަ ބޭނުންވީ އެ ނަންބަރު ހާއްސަކުރަން. އެދުވަސް ހާއްސަ ކުރުމުގެ ގޮތުން އާ ސީޒަނަށް އަހަރެން މިހާރު ބޭނުންކުރާ 9 ނަންބަރުގެ ކުރިއަށް 2 އިތުރު ކުރަން ނިންމައިފިން” އެލެސެންޑްރޯ އަދި ލިއޮނާޑޯގެ ނަމުން ދެކުދިންނަށް ނަން ދީފައިވާ މޮރާޓާ ބުންޏެވެ.

އާ ސީޒަން ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް މޮރާޓާ ވަނީ އޭނާ ކުރިން ބޭނުންކުރި ނަންބަރުގެ ޖޯޒީ ގަނެފައިވާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފައެވެ. މޮރާޓާގެ ޖޯޒީ ޗެލްސީ އޮފިޝަލް ކްލަބް ސްޓޯރުން ގަނެފައިވާނަމަ މޮރާޓާގެ ފަހުގެ ޖޯޒީ ހިލޭ ބަދަލުކުރެވޭ ގޮތަށް ޗެލްސީން ވަނީ ނިންމާފައެވެ.

“އަހަރެންގެ 9 ނަންބަރު ގަތް ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން. އުއްމީދު ކުރަން އަހަރެން މި ނިންމި ނިންމުން ބަލައިގަންނާނެކަމަށް. އެ ޖޯޒީ ގަތް ސަޕޯޓަރުންނަށް އާ ޖޯޒީވެސް ފަސޭހަކަމާއެކު ލިބޭނެ. އުއްމީދު ކުރަނީ މި އަހަރު އަދިވެސް މިކަހަލަ އުފާވެރި ކަންކަން ފާހަގަ ކޮށްލެވޭނެކަމަށް” ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މޮރާޓާ ބުންޏެވެ.

އާ ސީޒަނުގައި މޮރާޓާ ބޭނުންކުރާނެ ޖޯޒީ ދައްކާލަނީ. ނަންބަރު ބަދަލުކުރީ އެއްމާބަނޑު ދެކުދިން ލިބުމުން

ސްޕޭންގެ ރެއާލް މެޑްރިޑުން މިދިޔަ ސީޒަނުގައި ޗެލްސީއަށް ބަދަލުވުމަށްފަހު މޮރާޓާ ވަނީ މުހިއްމު ގޯލުތަކެއް އެޓީމަށް ޖަހައިދީފައެވެ. ނަމަވެސް ކުރީކޮޅު ހުރި ފޯމު މަޑުމަޑުން ގެއްލި ސީޒަނުގެ ފަހުކޮޅު މޮރާޓާ އަށް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވިއެވެ. ފޯމު ގެއްލުމުގެ އިތުރުން އަނިޔާގެ ސަބަބުންވެސް މޮރާޓާއަށް ބައެއް މެޗުތައް މިދިޔަ ސީޒަނުގައި ގެއްލުނެވެ. ސީޒަން ނިމުނުއިރު މޮރާޓާ ހުރި ދަށް ފޯމާއެކު އޭނާއަށް ވަނީ ވޯލްޑް ކަޕްގައި ވާދަކުރި ސްޕޭން ޓީމުންވެސް ފުރުސަތު ގެއްލިފައެވެ. މިދިޔަ ސީޒަނުގައި ޗެލްސީއަށް ކުޅުނު 48 މެޗުގައި މޮރާޓާ ވަނީ 15 ގޯލު ޖަހައި 6 ލަނޑު ޖަހަން މަގުފަހި ކޮށްދީފައެވެ.

އާ ސީޒަނަށް ކްލަބް ބަދަލު ކުރާނެކަމަށް ބެލެވުނު ނަމަވެސް ބެލެވޭ ގޮތުގައި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އޭނާގެ ޕްލޭންގައި މޮރާޓާގެ ބޭނުން ހިފާނެއެވެ. މޮރާޓާ ކްލަބުގައި މަޑުކުރަން ނިންމީ ޗެލްސީން ގެންނަން ބޭނުންވި ގޮންޒާލޯ ހިގައިން ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އެސީ މިލާނަށް ބަދަލުވުމުންނެވެ.

އާ ސީޒަނަށް ތައްޔާރުވާ ޗެލްސީގެ ފަރިތަކުރުންތަކުގައި ބައިވެރި ވުމަށްފަހު ކުއްޖަކު ލިބެން އުޅޭތީ ޗެލްސީން ވަނީ މޮރާޓާއަށް ކުރު ޗުއްޓީއެއް ދީފައެވެ. ޕްރީ ސީޒަނުގައި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޕެނަލްޓީ ޖަހައިގެން އާސެނަލް އަތުން ބަލިވެފައެވެ. 1-0 އިން ޗެލްސީ ބަލިވަމުން ދަނިކޮށް މޮރާޓާ ޖެހި ޕެނަލްޓީ އާސެނަލްގެ ކީޕަރ ޕީޓަރ ޗެކް ވަނީ ހިފަހައްޓާފައެވެ. އެމެޗުން އާސެނަލް މޮޅުވީ 1-1 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

އާ ސީޒަން މާދަމާ ފަށާއިރު، އެ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *