އާސީޒަނަށް ލަކަޒޭ ބޮޑު އުއްމީދެއްގައި

Advertisement

އާސީޒަނަށް ލަކަޒޭ ބޮޑު އުއްމީދެއްގައި

ޢަލީ ޝަހީމް
ޕްރީ ސީޒަންގައި އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލަކަޒޭ. މި ސީޒަނުގައި ކުޅުން ރަނގަޅު ކޮށް ގިނަ ގޯލުތަކެއް ޖެހަން ބޭނުންކަމަށް ބުނެފައިވޭ

މީހުން ކިޔާ އެއްޗިއްސަށް އަޅާނުލާ ކަމަށާއި، އާސީޒަނުގައި އާސެނަލް އަށް ގިނަ ގޯލުތަކެއް ޖަހައިދޭން ބޭނުންވާކަމަށް ފޯވާޑް އެލެކްޒެންޑާ ލަކަޒޭ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި އާސެނަލްގެ ރެކޯޑު އަގެއް ކަމަށްވާ 52 މިލިއަން ޕައުންޑަށް ލަކަޒޭ އެޓީމަށް ބަދަލުވީ ފްރާންސްގެ ލިޔޯނުންނެވެ. އާސެނަލްއަށް ބަދަލުވުމަށްފަހު އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށްބުނެ ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ލަކަޒޭ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 39 މެޗުގައި 17 ގޯލު އާސެނަލް އަށް ކާމިޔާބު ކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ލަކެޒޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެންނަ ކަމަށް ބުނެ އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކާ ގުޅޭގޮތުން ބުނީ، ޕްރިމިއަރ ލީގުގެ ފުރަތަމަ ސީޒަނުގައި ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށާއި، ގޯލް ޖެހުމުގެ ރޭޓް މި ފެށޭ ސީޒަނުގައި އިތުރު ކުރުމަށް ކެތްމަދުވެފައިވާކަމަށެވެ.

“މީހުން ކިޔާ އެއްޗިއްސަށް އަހަރެން އަޅައެއް ނުލަން. އަހަރެންނަށް އިނގޭ އާސެނަލްގަ އަހަރެން މަޑުކުރީމަ ކްލަބުން އަދި ޓީމުގެ ކުޅުންތެރިންވެސް އުފާވާނެކަން. އެއީ އެއްމެ މުހިއްމު ކަމަކީ” ލަންޑަން ފުޓްބޯލް އަށް ދިން އިންޓަވިއުއެއްގައި އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

“މިދިޔަ ސީޒަނަކީ މާޒީ. އަހަރެންނަށް ލަނޑު ނުޖެހުނީމަ ނުތަނަވަސްވޭ އެކަމު އެސީޒަން މިހާރު ނިމިއްޖެ. އެއީ އަހަރެންގެ ފުރަތަމަ ސީޒަން އެހެންވީމަ ކިތަންމެ ލަނޑު ޖަހަން ބޭނުންވެގެން ނުޖެހުނަސް އެ އުނދަގޫ އަމިއްލަ ނަފްސަށް ކުރާކަށް ބޭނުމެއް ނޫން. އެ ހުރިހާ ކަމަކުން ދަސްވި އެއްޗަކަށްފަހު އާ ސީޒަނެއް ފަށަށް އަހަރެން މިހުރީ ވަރަށް އުފަލުގަ” ސީޒަނުގެ ފަހުކޮޅު ބައެއް މެޗުތަކުގައި ޓީމުގެ ބެންޗުން ފެނުނު ލަކަޒޭ ބުންޏެވެ.

މިދިޔަ ސީޒަން ފެށިގެން އާސެނަލްގެ ފޯވާޑް ލައިންގައި ގިނަ މެޗުތަކެއް ލަކަޒޭ ކުޅުނު ނަމަވެސް ލަނޑު ޖެހުން މަދުވުމުގެ މައްސަލައަށް ހައްލެއް ގެންނަން އެޓީމުން ވަނީ ޖަރުމަނުގެ ބުރޫޝިޔާ ޑޯޓްމަންޑުން ޕިއޭރޭ-އެމްރިކް އޯބަމަޔަން ޖެނުއަރީ ޓްރާސްފާގައި ގެންގޮސްފައެވެ. އޯބަމަޔަން ވަނީ އާސެނަލްއަށް ބަދަލުވުމަށްފަހު ލީގުގައި ކުޅުނު 13 މެޗުގައި 10 ގޯލު ޖަހާފައެވެ.

އޯބަމަޔަން އާސެނަލްއަށް ގެންދިއުމުން ދެކުޅުންތެރިންގެ ވާދަވެރިކަން އޮވޭތޯ ނޫސްވެރިއަކު އެހުމުން ލަކަޒޭ ބުނީ، އެވާހަކަ ދައްކަނީ މީޑިޔާއިން ކަމަށާއި، އޯބަމަޔަންއާއެކު ކުޅެން ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ.

“އަހަރެން ނުދެކެން އޯބަމަޔަން އަކީ ވާދަވެރިއެއް ގޮތަކަށް. އަހަރެން ދެކެނީ ޓީމު ކުޅުންތެރިއެއް ގޮތަށް. އެހެންވީމަ އޯބަމަޔަން ޓީމާ ގުޅުނު ހިސާބުން ފެށިގެން އަހަރެން މިހުރީ އުފަލުން” ލަކަޒޭ ބުންޏެވެ.

މިދިޔަ ސީޒަނަށް އާސެނަލަށް ބަދަލުވުމަށްފަހު ލަކަޒޭއަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސްގެ ސްކޮޑުންވެސް އޭނާއަށް ފުރުސަތު ލިބިފައެއް ނުވެއެވެ. އާ ސީޒަނަށް އާސެނަލް ތައްޔާރުވަމުންދާއިރު ލަކަޒޭގެ އިތުރުން އޯބަމަޔަންވެސް ހުރީ ރަނގަޅު ފޯމެއްގައެވެ. ޕްރިމިއަރ ލީގު މިމަހުގެ 10 ވަނަ ދުވަހުގެރޭ ފަށާއިރު ލީގުގައި އާސެނަލް ފުރަތަމަ ވެސް ވާދަކުރަން ޖެހޭނީ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއެވެ، މި މެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *