މިއަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ލަލީގާ

2018 -2019 ގެ ޔޫރަޕްގެ ފުޓްބޯޅަ ލީގުތަކުގެ ތެރެއިން ސްޕޭންގެ ލަލީގާގެ ކުޅުން އޮގަސްޓް 17 ގައި ފެށޭއިރު މި ލީގުގެ ކުލަބުތަކުން މި ހޫނުމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ހަރަކާތްތެރިވިގޮތަށް ބަލައިލާނަމެވެ. ޓްރާންސްފަރ ބާޒާރު ބަންދުވާން އަދިވެސް މަހެއްހާ ދުވަސް އޮތުމާއެކު މިހާރު ޓީމުތަކާއި އަލަށް ގުޅިފައިވާ ކުޅުންތެރިންގެ އިތުރުން އެހެން ކުޅުންތެރިން ލަލީގާގެ އެކިޓީމުތަކަށް ބަދަލުވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. މިހާ ހިސާބުން ލަލީގާ ގެ މަޝްހޫރު ޓީމުތަކުގެ ޓްރާންސްފަރ ހާލަތަށް ބަލައިލަމާ ހިނގާށެވެ. މިލިޔުމުގައި ކުޅުންތެރިންގެ އަގުތައް ބަޔާން ކުރެވިފައިވާނީ އިނގިރޭސި ޕައުންޑުންނެވެ
އެތުލެޓިކޯ މެޑްރިޑް

އެތްލެޓިކޯ މެޑްރިޑަށް ބަދަލުވި ލެމާ. އޭނާ ގެންދަން ޔޫރަޮްގެ ބޮޑެތި އެހެން ކްލަބް ތަކުންވެސް މަސައްކަތް ކުރި
އެންމެ ފަހުގެ ޔުރޮޕާ ލީގު ކާމިޔާބުކުރި މިޓީމުން މިހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އެއްމެ ކުޅުންތެރިއަކަށް ފިޔަވައި މާބޮޑު ހަރަދެއްކުރިތަނެއް އަދި ނުފެނެއެވެ. މިހާތަނަށް ލަލީގާގައި މިފަހަރު އެންމެބޮޑު އަގެއްދީފައި ކުޅުންތެރިއަކު ގަތީ މިޓީމުންނެވެ. އެއީ މޮނާކޯގެ ފޯވާޑް ތޯމަސް ލެމަރ 52.7 މިލިޔަނަށް ގެނެސްގެންނެވެ. މިޓީމު ދޫކޮށްލި މަޝްހޫރު ކުޅުންތެރިއަކީ ފެނާންޑޯ ޓޮރޭސް އެވެ. ބެންޗުގައި މިހާރު ގިނައިން އިންނަންޖެހުމާއެކު ހިލޭ ޓްރާންސްފަރ އެއްގައި ޓޮރޭސް ބަދަލުވީ ޖޭލީގުގެ ސަގަންޓޯސޫ އަށެވެ. މިޓީމުގެ ސްޓަރ ސްޓްރައިކަރ ގްރީޒްމަން ގެންދަން ވާދަވެރި ބާސެލޯނާއިން މަސައްކަތްކުރި ނަމަވެސް އެންމެފަހުން ގްރީޒްމަން ވަނީ ޓީމުގައި މަޑުކުރަން ނިންމާފައެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާފައި މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ މައިނަސް 54.5 މިލިއަން ޕައުންޑުގައެވެ.
ބާސެލޯނާ

ބްރެޒިލްގެ ގްރެމިއޯ އިން ބާސާއާ ގުޅުނު އަރތަރ. މެދުތެރެއަށް ކުޅޭ އުމުރުން 21 އަހަރުގެ މި ކުޅުންތެރިޔާއަކީ އުއްމީދީ ކުޅުންތެރިއެއް
ޓްރާންސްފަރ ބާޒާރުގެ ރެކޯޑް މުގުރާނުލިކަމުގައިވިޔަސް އެންމެފަހުގެ ލަލީގާ އަދި ކޮޕަޑެލްރޭ ޗެމްޕިއަން ބާސާއިންވަނީ ކުޑަނޫން އަގެއްގައި ތިން ކުޅުންތެރިޔަކު ގެނެސްފައެވެ. އެއީ 35.5 މިލިޔަނަށް ބްރެޒިލްގެ ގްރެމިއޯ އިން ގެނައި މިޑްފީލްޑަރ އާރތަރ އާއި 31މިލިއަން ދީފައި ސެވިއްޔާއިން ގެނައި ޑިފެންޑަރ ލެންގްލޭ އާއި 36.5 މިލިއަން ހަރަދު ކޮށްފައި ފްރާންސްގެ ބޯޑޯއިން ގެނައި ވިންގަރ މެލްކޮމް އެވެ. މީގެތެރެއިން މެލްކޮމް އެޓީމަށް ގެނައީ އޭނާ އިޓަލީގެ ރޯމާއަށް ބަދަލުވާން ފޮށްޓަށް އެއްޗެހި އަޅައިގެން ފުރަން ތައްޔާރުވެ ހުއްޓައެވެ. މިޓީމު ދޫކޮށްލި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އެޓީމުގެ ލެޖެންޑް އިނިއެސްޓާ އާއި ޕައުލީނިއޯ ހިމެނެއެވެ. ހިލޭ ޓްރާންސްފަރ ގައި އިނިއެސްޓާ ބަދަލުވީ ޖަޕާނުގެ ވިސެލްކޯބޭ އަށެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ޕޮލީނިއޯ ދިޔައި އޭނާ ކުރިން ކުޅުނު ކުލަބު ޗައިނާގެ ގްއޮންޒޫ އަށެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާފައި މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ މައިނަސް 70.8 މިލިއަން ޕައުންޑުގައެވެ.
ރެއާލް މެޑްރިޑް

ބްރެޒިލްގެ ފްލެމެންގޯ އަށް ލަނޑެއް ޖަހައިދިނުމަށްފަހު ވިނީޝިއަސް އުފާފާޅު ކުރަނީ. އުމުރުން 18 އަހަރުގެ ވިނީޝިއަސް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް
ވޭތުވެދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ހޯދި ރެއާލް އިން މިސީޒަނަށް ބޮޑުއަގެއްދީފައި ގެނެސްފައިވަނީ ބްރެޒިލް ޓީނޭޖަރ ވިނީޝިއަސް ޖޫނިއަރ އެވެ. ބްރެޒިލްގެ ފްލެމިންގޯއިން މިކުޅުންތެރިޔާ ގެނައީ 40.2 މިލިއަނަށެވެ. އަދި ރެއާލް ސޮސިއެޑާޑުގެ ޑިފެންޑަރ އޮޑިރް އޯޒޯލާ ގެނެސްފައިވަނީ 35.4 މިލިޔަނަށެވެ. މީގެ އިތުރުން ވިނީޝިއަސް އެކޭ އެއްގޮތަށް ބުރެޒިލް ލީގުގައި ކުޅެމުންދިޔަ ފޯވާޑެއް ކަމުގައިވާ ރޮޑްރިގޯ ގޮއެސް ގެ ސޮއިވެސް ވަނީ ހޯދާފައެވެ. ގޮއެސް ގަތުމަށް ސަންތޯސް އަށް ދިނީ ކިހާވަރެއްކަން އަދި އެނގިފައެއްނެތެވެ. ރެއާލް މެޑްރިޑް ދޫކޮށްލި މަޝްހޫރު ތަރިއަކީ ފަސް ފަހަރު ބެލެންޑިއޯ ހޯދާ އަދި މެޑްރިޑްގައި އެތައް ރެކޯޑެއް ހަދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. 33 އަހަރުގެ މިކުޅުންތެރިޔާ ރެއާލްއިން ޔުވެންޓަސް އަށް ވިއްކާލީ 88.5މިލިއަނަށެވެ. މީގެއިތުރުން ޑިފެންޑަރ އަޝްރަފު ހަކީމީ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބުރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފައެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާއިރު ރޮނާލްޑޯ ބޮޑުއަގެއްގައި ވިއްކާލުމުން މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ ޕްލަސް 10.5މިލިޔަން ޕައުންޑުގައެވެ.
ސެވިއްޔާ

22 މިލިއަން ޕައުންޑަށް ފްރާންސްގެ ލީލް އިން ސެވިއްޔާއަށް ބަދަލުވި އިބްރާހީމް. އާ ސީޒަނަށް ސެވިއްޔާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މި ކުޅުންތެރިޔާ ގަތުމަށް
މިދިޔަސީޒަނުގެ ކޮޕަޑެލްރޭ ފައިނަލިސްޓް ސެވިއްޔާއިން މިފަހަރު އެންމެ ބޮޑު އަގެއްދީފައި ޓީމަށް ގެނެސްފައިވަނީ ފްރާންސްގެ ލީލްގެ ޑިފެންޑަރ އިބްރާހީމް އަމަދޯ އެވެ. ފްރާންސްގެ ލީގު ވަން ގައި ކުޅެމުންދިޔަ މިކުޅުންތެރިޔާ ގެނައީ 22.1 މިލިއަނަށެވެ. އިތުރު ދެކުޅުންތެރިއަކު މިޓީމާ ގުޅިފައިވާއިރު އެކުޅުންތެރިންގެ އަގު އުޅެނީ 10 މިލިއަނަށްވުރެ ދަށުގައެވެ. މިޓީމު ދޫކޮށްލާފައިވާ އެއް ކުޅުންތެރިއަކީ ބާސެލޯނާއަށް ބަދަލުވި ކްލެމެންޓް ލެންގްލޭ އެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާފައި މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ ޕްލަސް 18.4 މިލިޔަން ޕައުންޑުގައެވެ.
ވެލެންސިޔާ

ކޮންޑޮގްބިއާ މިދިޔަ ސީޒަނުގައި އިންޓަރ މިލާނަށް ކުޅެނީ. މި ސީޒަނުގައި ފެންނާނީ ސެވިއްޔާ އިން
ފަހަކަށް އައިސް ސްޕޭންގައި މާ އެދެވޭ ކާމިޔާބެއް ލިބިފައި ނުވިޔަސް ވެލެންސިޔާ އަކީވެސް ލަލީގާގެ ގަދަ ބާރެކެވެ. ވެލެންސިޔާއާއި އަލަށް މިފަހަރު މިހާތަނަށް ފަސް ކުޅުންތެރިއަކު ގުޅިފައިވާއިރު އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 21.9 މިލިއަނަށް އިންޓަރ މިލާން އިން ގެނައި ޖެފްރީ ކޮންޑޮބިއާ އެވެ. މިޓީމުން ވަކިވި ކުޅުންތެރިން ތެރޭގައި 35.5 މިލިއަނަށް ޔުވެންޓަސް އަށް ބަދަލުވި ކޭންސެލޯ ފާހަގަކޮށްލެވެއެވެ. އަދި ކުރިން މެންޗެސްޓަރ ޔުނައިޓެޑްގައި މަޝްހޫރުވި ލުއިސް ނާނީ ވެލެންސިޔާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ނިމިދިޔަ ސީޒަނުގައި ނަޕޯލީއަށް ކުޅުމަށްފަހު މިހާރުވަނީ ހިލޭ ޓްރާންސްފަރއެއްގައި އެނބުރި އަމިއްލަ ގައުމަށް ގޮސް ސްޕޯޓިންގް އާއި ގުޅިފައެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާފައި މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ މައިނަސް 8.2 މިލިޔަން ޕައުންޑުގައެވެ.
ވިޔަރެއާލް

ހިލޭ ޓްރާންސްފާ އެއްގައި އާސެނަލް އިން ވިޔަރެއާލް އަށް ބަދަލުވި ކަޒޯލާ. އޭނާ އަކީ މެދުތެރެއިން މޮޅަށް ކުޅޭ ކުޅުންތެރިއެއް
މި ޓީމާއި ގުޅުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އާސެނަލް އިން ހިލޭ ޓްރާންސްފަރ އެއްގައި ބަދަލުވި ސެންތީ ކަޒޯލާއެވެ. މީގެއިތުރުން 18 މިލިއަނަށް ލީގުވަންގެ އޭންޖަރސް އިން ގެނައި އެކަމްބީ އާއި 17.7 މިލިއަނަށް ސްޕޭންގެ އެސްޕަނިއޯލްއިން ގެނައި މޮރޭނޯވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ޓީމުން މާ ފާހަގަކޮށްލެވޭ ކުޅުންތެރިއަކުއަދި ވަކިވެފައެއްނުވެއެވެ. ކުޅުންތެރިން ގަނެވިއްކި މިންވަރަށް ބަލާފައި މިޓީމުގެ ޓްރާންސްފަރ ބެލެންސް އުޅެނީ މައިނަސް 43.2 މިލިޔަން ޕައުންޑުގައެވެ.
ލަލީގާއިން ވަނީ މިހާތަނަށް އާސީޒަނަށް ތައްޔާރުވުމަށް 190 ކުޅުންތެރިން ގަނެވިއްކުމުގެ މުޢާމަލާތު ފުރިހަމަކޮށްފައެވެ. މި މުޢާމަލާތުތަކުގެ ޖުމްލަ އަގު 808.6 މިލިއަން ޕައުންޑަށް އަރައެވެ. ތިރީގައިމިވަނީ މިހާތަނަށް މިލީގާއި އެންމެ ބޮޑު އަގުގައި ގުޅުނު ކުޅުންތެރިންނެވެ. ޓްރާންސްފަރ ބާޒާރު ބަންދުވާން އަދި މަހެއްހާ ދުވަސް އޮތީތީ މި ލިސްޓް ބަދަލުވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ލިސްޓުގައި ކުޅުންތެރިންގެ އަގު ހިމަނާފައިވާނީ ޕައުންޑުންނެވެ.
- ތޯމަސް ލެމަރ: މޮނާކޯ އިން އެތްލެޓިކޯ މެޑްރިޑަށް 52.7
- ވިނީޝިއަސް ޖޫނިއަރ: ފްލެމިންގޯއިން ރެއާލް މެޑްރިޑަށް 40.2
- މެލްކޮމް: ބޯޑޯ އިން ބާސެލޯނާ އަށް 36.5
- އާރތަރ: ގްރެމިއޯ އިން ބާސެލޯނާ އަށް 35.5
- އަލްވާރޯ އޮޑްރިއޯޒޯލާ: ރެއާލް ސޮސިއެޑާޑް އިން ރެއާލް މެޑްރިޑަށް 35.4
- ކްލެމެންޓް ލެންގްލޭ: ސެވިއްޔާ އިން ބާސެލޯނާ އަށް 31
- އިބްރާހީމް އަމަދޯ: ލީލް އިން ސެވިއްޔާ އަށް 22.1
- ޖެފްރީ ކޮންޑޮގްބިއާ: އިންޓަރ މިލާނުން ވެލެންސިޔާ އަށް 21.9
Advertisement


Leave a Reply