ބާސާއިން ވިޑާލްގެ ސޮއި ހޯދުމާ ގާތަށް
ޖަރުމަނުގެ ބެޔާން މިއުނިކަށް ކުޅޭ އާޓޫރޯ ވިޑާލްގެ ސޮއި ހޯދުމާއި ގާތަށް ބާސެލޯނާ ޖެހިލައިފިއެވެ. ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާއިން މިހާރު ވަނީ ވިޑާލް ގެންދިއުމާ މެދު ބެޔާން އާއެކު އެއްބަސްވުމަށް އަތުވެފައެވެ. ބެޔާން އިން ވިޑާލް ބާސެލޯނާއަށް 27 މިލިއަން ޕައުންޑަށް ވިއްކާލާނެ ކަމަށް ބެލެވޭއިރު ވަރަށް އަވަހަށް މެޑިކަލް ފުރިހަމަ ކުރުމަށް އޭނާ ބާސާއަށް ދާނެއެވެ.
އުމުރުން 31 އަހަރުގެ ވިޑާލް ބާސެލޯނާއަށް ދިއުމަށް ބެޔާނުން މިހާރު ހުއްދަވެސް ދީފައިވާކަމަށް ދަ ގާޑިއަން ނޫހުން ބުނެއެވެ. އާ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ބާސާއިން ވަނީ ބްރެޒިލްގެ ގްރެމިއޯ އަށް ކުޅުނު މިޑްފީލްޑަރ އަރްތުރް އާއި ފްރާންސްގެ ބޯޑޯއިން މެލްކޮމް އަދި ސެވިއްޔާގެ ޑިފެންޑަރ ކްލެމެންޓް ލެންގްލެޓް ގެންގޮސްފައެވެ.
އާ ސީޒަނަށް ތައްޔާރުވަމުންދާ ބެޔާން ޓީމާއެކު އިއްޔެ ގެންދިޔަ ފަރިތަކުރުންތަކުގައިވެސް ވިޑާލް ވަނީ ބައިވެރިވެފައެވެ. އަންނަ ސީޒަނުގެ ލީގު އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކުރުމަށް ބާސާއިން ތައްޔާރުވަމުންދާއިރު ވިޑާލް ކަހަލަ ތަޖުރިބާކާރު ކުޅުންތެރިއަކު ހުރުމަކީ އެޓީމަށް ލިބިގެންދާނެ ހިތްވަރެކެވެ. މިދިޔަ ސީޒަނުގައި ބާސާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރި ޕައުލީނިއޯ އާއި އެންދްރެސް އިނިއެސްޓާ ވަނީ އާ ސީޒަނަށް ކްލަބް ބަދަލު ކޮށްފައެވެ. އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޕައުލީނިއޯ ޗައިނާ ލީގަށް ފޮނުވާލިއިރު 22 އަހަރު ބާސާއަށް ކުޅެދިނުމަށްފަހު އިނިއެސްޓާ މިހާރު ވަނީ ޖަޕާން ލީގަށް ބަދަލުވެފައެވެ.
ވިޑާލް ބެޔާން މިއުނިކަށް ބަދަލުވީ 2015 ވަނަ އަހަރު ޔުވެންޓަސް އިންނެވެ. ޗިލީއަށް 100 އަށްވުރެ ގިނަ މެޗު ތަޖުރިބާކާރު ކުޅުންތެރިޔާ ވަނީ ބެޔާންއާއެކު ތިން ފަހަރު ލީގުގެ އިތުރުން އެއްފަހަރު ޖާމަން ކަޕް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި ބެޔާނަށް ކުޅެދިން 35 މެޗުގައި ވިޑާލް ވަނީ 6 ލަނޑު ޖަހާ ދެލަނޑު ޖަހަން މަގުފަހި ކޮށްދީފައެވެ.
ވިޑާލް ހޯދުމަށް އިޓަލީގެ އިންޓަ މިލާނުންވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވީނަމަވެސް އޭނާ ފެނުމުގެ ފުރުސަތު އެންމެ ބޮޑީ ބާސެލޯނާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
Advertisement
Leave a Reply