ބާންލީން އަބަރޑީން ބަލިކޮށް، ތިންވަނަބުރަށް

Advertisement

ބާންލީން އަބަރޑީން ބަލިކޮށް، ތިންވަނަބުރަށް

ފަހުމިނެޓް
ބާންލީން ރޭގެ މެޗުގެ ތިންވަނަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިނސިރޭސި ވިލާތުގެ ބާންލީއިން ޔޫރޮޕާ ލީގު ކޮލިފައިން ދެވަނަބުރުގައި، މިދިޔަ ސީޒަންގެ ސްކޮޓިޝް ޕްރިމިއަޝިޕްގެ ދެވަނަ، އަބަރޑީންގެ މައްޗަށް ކުރިހޯދާ، ތިންވަނަބުރަށް ދަތުރު ކޮށްފިއެވެ.

ބާންލީން އަބަރޑީންގެ މައްޗަށް ކުރިހޯދީ، ރޭ ބާންލީގެ ދަނޑުގައި ކުޅެވުނު ދެވަނަ ލެގު މެޗުގައި 90 މިނިޓު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި އެޓީމުގެ ޖެކް ކޯކް އާއި އޭޝްލީ ބާރންސް ކާމިޔާބު ކޮށްދިން ލަނޑުތަކުން 3-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މިނަތީޖާއާއެކު ބާންލީ ތިންވަނަ ބުރަށް ދިޔައީ، 4-2ގެ އެގްރިގޭޓުންނެވެ. ފުރަތަމަ ލެގުގައި 1-1 އެއްވަރުވިއިރު، ރޭގެ މެޗުގައި ބާންލީއަށް މެޗުގެ ހަވަނަ މިނިޓުގައި އެޓީމުގެ ކްރިސް ވުޑް ވަނީ ލީޑުނަގައިދީފައެވެ. 27 ވަނަ މިނިޓުގައި އަބަރޑީން އަށް އެއްވަރުކޮށްދިނީ، މިސީޒަނަށް އެޓީމާ އަލަށް ގުޅުނު 18 އަހަރުގެ މިޑްފީލްޑަރު، ލެވީސް ފާގަސަން އެވެ. މިއީ އޭނާގެ ކެރިއަރުގައި ވެސް ޖެހި ފުރަތަމަ ގޯލެވެ.

ކޮލިފައިންގެ ތިންވަނަ ބުރުގައި، މިމަހުގެ 9 ވަނަ ދުވަހާއި 16 ވަނަ ދުވަހު ބާންލީ ނުކުންނާނީ މިދިޔަ ސީޒަންގެ ތުރުކީ ލީގުގެ ތިންވަނަ، އިސްތަންބުލް ބަސަކްސިއަރ އާ ދެކޮޅަށެވެ.

މި ސީޒަނަށް ޔޫރަޕުގެ ކުލަބް މުބާރާތްތަކުގެ ފޯމެޓަށްގެނެވުނު ބައެއްކަހަލަ ބަދަލުތަކާއެކު، ބާންލީއަށް ޔޫރޮޕާ ލީގުގެ ކޮލިފައިންގެ ދެވަނަބުރުން ޖާގަލިބުނީ، ޕްރިމިއަރ ލީގުގެ ހަތްވަނަ ހޯދައިގެންނެވެ. ގަދަ ހަތަރު ޓީމަށް މިފަހަރު ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބުނުއިރު، ފަސްވަނަ އާއި ހަވަނައަށް ވަނީ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބިފައެވެ.

ބާންލީގެ އިތުރުން، އެހެން ބައެއް ކުލަބްތަކަށް ބަލާލާއިރު، އިޓަލީގެ އެތްލާންޓާ އާއި، ޑެންމާކުގެ ނޯޝަލޭންޑް އަދި ކޯޕަންހޭގަންގެ އިތުރުން، ޖަރުމަނުގެ އާރުބީ ލިޕްޒިގާއި، ސްކޮޓްލޭންޑުގެ ރޭންޖާސް ވެސް ވަނީ ޔޫރޮޕާ ލީގު ކޮލިފައިންގެ ތިންވަނަބުރުން ޖާގަ ހޯދައިފައެވެ. އަދި ހަމައެއާއެކު، ފްރާންސްގެ ބޯޑޯ އާއި، ހޮލެންޑްގެ ވިޓޭސޭ އާއި ބެލްޖިއަމްގެ ކޭއާރުސީ ގެންކް ގެ އިތުރުން ސްޕެއިނުގެ ސެވިއްޔާވެސް ވަނީ ކޮލިފައިންގެ ތިންވަނަބުތަށް ދަތުރުކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *