ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އިނގިރޭސި ޕްރިމިއަރ ލީގު
2018 -2019 ގެ ޔޫރަޕްގެ ފުޓްބޯޅަ ލީގުތައް ފެށުމުގެ ސުންގަޑި ގާތްވަމުން އަންނައިރު ގިނަބައެއްގެ ކަޅި ހުއްޓިފަ ހުރީ ކުޅުންތެރިން ގަނެވިއްކުމުގެ ބާޒާރަށެވެ. ޔޫރަޕްގެ ހޫނުމޫސުމުގެ މި ކާރޫބާރު ބޮޑު ބާޒާރު ގައި މިހާރުވެސް ގިނަ ކްލަބުތަކުންވަނީ އާ ކުޅުންތެރިން ހޯދައި ބާކުޅުންތެރިން ވިއްކާފައެވެ. ބައެއް ކުޅުންތެރިންގެ ޓްރާންސްފާތައް ހަގީގަތަކަށްވެ ބޮޑެތި ހަބަރަށްވާ އިރު އަނެއްބައި ކުޅުންތެރިންގެ ޓްރާންސަފާތައް ހަގީގަތަކަށް ނުވުމުންވެސް ބޮޑެތި ހަބަރަށް އެބަވެއެވެ. ޔޫރަޕްގެ ބޮޑެތި ލީގުތައް ފެށެން ކައިރިވެފައިވިޔަސް ގަނެވިއްކުމުގެ ދޮރު އާއްމުގޮތެއްގައި ބަންދުވާނީ މިފެށުނު އޮގަސްޓްމަހުގެ ނިޔަލަށެވެ. އޭގެފަހުން ޓީމަކާއި ގުޅެވޭނީ އެއްވެސް ކްލަބަކަށް ނިސްބަތް ނުވާ ކުޅުންތެރިންނަށެވެ. ކުޅުންތެރިން ގަނެވިއްކުމުގެ ސުންގަޑި އޮގަސްޓް 31 އަށް އޮތުމުން ސީޒަން ފެށޭއިރު ބައެއް ކުޅުންތެރިން އުޅެނީ ދެފެންދޭތެރޭގައެވެ. ދާނެ ނުދާނެ ކޮޅެއް ނޭންގިގެންނެވެ. މިހެންވުމުން ކަންނޭންގެއެވެ.
އިނގިރޭސި ޕްރެމިއަރލީގްގެ ޓްރާންސްފަރވިންޑޯވް ބަންދުވާ ގަޑި މިހާރު ވަނީ އޮގަސްޓް 9 އަށް އަވަސްކޮށްފައެވެ. އެހެންކަމުން ޗެލްސީ، އާސެނަލް، މެންޗެސްޓާގެ ދެކުލަބު އަދި ލިވަރޕޫލްފަދަ ޕްރިމިއަރލީގުގެ ޓިމުތަކުގެ ކޯޗުން ޓްރާންސްފަރގެ ބާޒާރުގައި މިހާރު ވަރަށް ބުރަކޮށް އުޅޭނެކަމަށް ބަލަމާ ހިނގާށެވެ.
އޮގަސްޓް މަސް ފެށުނުއިރު ގިނަކުލަބުތަކުން ވަނީ ޓްރާންސްފަރގެ ކަންތައް ނިންމާފައި ތަމްރީނުތަކަށް އެނބުރިގަންފައެވެ. އެހެންކަމުން މިހާ ހިސާބަށް އައިއިރު ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން އިނގިރޭސި ޕްރެމިއަރލީގުގެ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރުގެ މުއާމަލާތު ތަކަށް ބަލައިލަމާ ހިނގާށެވެ. (މިލިއުމުގައި ކުޅުންތެރިންގެ އަގުތައް ލިޔެވިފައިވަނީ ޕައުންޑުންނެވެ)
މެންޗެންސްޓަރ ސިޓީ
މިލީގުގެވެސް އެންމެންގެ ސަމާލުކަން އެންމެބޮޑަށް ހުއްޓެނީ ބޮޑެތި މަޝްހޫރުކުލަބުތަކުގެ ޓްރާންސްފަރތަކަށެވެ. މިގޮތުން ބަލާއިރު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އިން ވަނީ ލެސްޓަރ ސިޓީގެ ވިންގަރ ރިޔާދު މާރޭޒް 60 މިލިޔަނަށް ގެނެސްފައެވެ. އަދި ޕީއެސްޖީގެ މިޑްފީލްޑަރ ކުލައުޑިއޯ ގޯމޭޒް ގެނެސްފައިވަނީ ހިލޭ ޓްރާންސްފަރ އެއްގައެވެ. މިޓީމުން ދޫކޮށްލި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ޔާޔާ ޓޫރޭ އެވެ.
މެންޗެސްޓަރ ޔުނައިޓެޑު
މެންޗެސްޓަރ ޔުނައިޓެޑުން މިސީޒަނަށް މިހާތަނަށް އެންމެ ބޮޑު އަގެއް ދީގެން ގެނެސްފައިވަނީ ޔޫކެރޭންގެ ޝަކްތަރ ޑޮނެސްކުގެ މިޑްފީލްޑަރ ފްރެޑް އެވެ. ބްރެޒިލްގެ މިކުޅުންތެރިޔާ ގެނައުމަށް ޔުނައިޓެޑުން 43.7 މިލިއަން ހަރަދު ކުރިއެވެ. މީގެ އިތުރުން ޕޯޓޯގެ ޑިފެންޑަރ ޑިއޮގޯ ޑަލުޓް 19 މިލިއަނަށް ގެނެސްފައި ވެއެވެ. މިޓީމު ދޫކޮށްލި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ 14.2 މިލިއަނަށް އަޔެކްސް އަށް ބަދަލުވި ބްލިންޑެވެ. ސުންގަޑި ހަމަވުމުގެ ކުރިން މިޓީމާއި އިތުރު ކުޅުންތެރިން ގުޅުމަކީ އެކަށިގެންވާ ކަމެކެވެ. މޮރީނިއޯ ކަޅިއަޅާ ކުޅުންތެރިން ތެރޭގައި ބާސެލޯނާގެ ކޮލަމްބިއަން ޑިފެންޑަރ ޔެރީ މިނާ ހިމެނެއެވެ. އަދި ޔޯލަ ވާހަކަތަކުގެ ތެރޭގައި ޕޮގްބާ އެނބުރި ޔުވެންޓަރސް އަށް ބަދަލުވާން އުޅޭ ވާހަކަ ހިމެނެއެވެ. އެކަމަކު ބޮޑަށް ހީވަނީ ޕޮގްބާ މިސީޒަނުގައިވެސް ޔުނައިޓެޑުން ފެންނާނެކަމަށެވެ.
ޗެލްސީ
މިއަހަރު ޗެމްޕިއަންސްލީގް ފުޓުބޯޅައިން ނުފެންނާނެ ޗެލްސީ އިން ވަނީ މިސީޒަނަށް ޓީމު ގަދަކުރުމަށްޓަކައި ނަޕޯލީން 50.4 މިލިއަނަށް އިޓަލީގެ މިޑްފީލްޑަރ ޖޯޖީނިއޯ ގެނެސްފައެވެ. ގިނަކުޅުންތެރިން ތަކެއް ލޯނުގެ ގޮތުގައި އެހެންޓީމުތަކަށް ދޫކޮށްލާފައި ވިޔަސް އޭގެތެރޭގައި ނަން މަޝްހޫރު އެއްވެސް ކުޅުންތެރިއަކު އަދި ނުހިމެނެއެވެ. ޗެލްސީގެ މުހިއްމު ކުޅުންތެރިންކަމަށްވާ ހެޒާޑް އާއި ، ވިލިއަން އަދި ކީޕަރު ކޯޓުއާ ޗެލްސީ ދޫކޮށްލާނެކަމުގެ އަޑުތައް އެރިއަސް އަދި އެކުޅުންތެރިން ތިބީ ކުލަބުގައެވެ.
ލިވަރޕޫލް
ލިވަރޕޫލުގެ ގޯލްކީޕަރ ކަރިއަސް ޗެމްޕިއަންސް ލީގު ފައިނަލުގައި ހެދި ބޮޑެތި ގޯސްތަކުގެ ސަބަބުން އެޓީމުން މިފަހަރު އާ ކީޕަރަކު ހޯދާނޭކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. ކަންވީވެސް އެހެންނެވެ. އެޓީމުން ވަނީ އިޓަލީގެ ރޯމާގެ ކީޕަރު އެލިސަން ރެކޯޑު އަގެއް ކަމަށްވާ 65 މިލިއަނަށް ގެނެސްފައެވެ. އަދި އޭގެ އިތުރުން މޮނާކޯއިން މިޑްފީލްޑަރ ފަބީނިއޯ 40 މިލިއަނަށް، ޖަރުމަނުގެ ލިޕްޒިގުން މިޑްފީލްޑަރ ނަބީ ކެއިޓާ 52.8 މިލިއަނަށް އަދި ސްޓޯކުން ވިންގަރ ޝަގީރީ 13.5 މިލިއަނަށް ވަނީ ގެނެސްފައެވެ. އާއްމުގޮތެއްގައި އެހެންޓީމުތަކުން، ކުޅުންތެރިން ގަތުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރާތީ އެކަމަށް ފާޑުކިޔާ ކޯޗް ކްލޮޕް މިފަހަރު މިވަނީ ބޮޑެތި އަދަދުތަކެއް ކުޅުންތެރިން ހޯދުމަށް ހޭދަކޮށްފައެވެ. މިޓީމު ދޫކޮށްލި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ އިޓަލީގެ ޔުވެންޓަސް އަށް ހިލޭ ޓްރާންސްފަރ އެއްގައި ބަދަލުވި މިޑްފީލްޑަރ އެމްރޭ ޗޭން އެވެ.
އާސެނަލް
އާސެން ވެންގާގެ ދިގު 22 އަހަރުގެ ޓެނުއަރ އަށްފަހު ޓީމާއި ހަވާލުވި އެމެރީ ގެ ބެލުމުގެ ދަށުން މާ މަޝްހޫރު ކުޅުންތެރިއަކު އަދި މިޓީމާއި ގުޅިފައެއްނުވެއެވެ. މިޓީމުން އެންމެ ފާހަގަކޮށްލެވޭ ސޮޔަކީ ސަމްޕްޑޯރިއާއިން 26.5 މިލިއަނަށް ގެނައި މިޑްފީލްޑަރ ލޫކަސް ޓޯރިއެރާގެ ސޮއެވެ. ޓީމު ދޫކޮށްލި ކުޅުންތެރިން ތެރޭގައި ސްޕޭންގެ ވިލަރެއާލަށް ބަދަލުވި ސެންތި ކަޒޯލާ އާއި ވެސްޓް ހޭމަށް ބަދަލުވި ޖެކް ވިލްޝެއަރ ހިމެނެއެވެ. މިދެކުޅުންތެރިންވެސް ބަދަލުވީ ހިލޭ ޓްރާންސްފަރގައެވެ.
ޓޮޓެންހަމް
ފާހަގަކޮށްލެވޭ ކަމަކީ އާސީޒަނަށް އެއްވެސް އާ ކުޅުންތެރިއަކު މިޓީމާއި އަދި ގުޅިފައިނުވާކަމެވެ. އަދި މަޝްހޫރު އެއްވެސް ކުޅުންތެރިއަކު އަދި މިޓީމު ދޫކޮށްލާފައި ގޮސްފައި ނުވާކަމެވެ.
އިނގިރޭސި ލީގުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު އިނގިރޭސި ޓީމަކާއި ގުޅުނު އިތުރު މަޝްހޫރު ކުޅުންތެރިއަކު އަދި ނެތެވެ. އެހެންނަމަވެސް މިލީގު ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި އެވަޓަންގެ ވޭންރޫނީ ފާހަގަކޮށްލެވެއެވެ. ހިލޭ ޓްރާންސްފަރ އެއްގައި ރޫނީ ބަދަލުވީ އެމެރިކާގެ ޑީސީ ޔުނައިޓެޑަށެވެ.
ޔޫރަޕްގެ ބޮޑު ފަސްލީގުގެ ތެރެއިން މިޓްރާންސްފަރ ބާޒާރުގައި މިހާތަނަށް އެންމެ ބޮޑު ވިޔަފާރިއެއްކޮށްފައިވަނީ ޕްރިމިއަރ ލީގުންނެވެ. މިލީގުން ވަނީ 260 ކުޅުންތެރިން ގަނެވިއްކުމުގެ މުޢާމަލާތު ފުރިހަމަކޮށްފައެވެ. މި މުޢާމަލާތުތަކުގެ ޖުމްލަ އަގު 1.06 ބިލިޔަން ޕައުންޑަށް އަރައެވެ. ތިރީގައިމިވަނީ މިލީގުގެ މިފަހަރުގެ ރެކޯޑު އަގުތަކެވެ. ޓްރާންސްފަރ ބާޒާރު ބަންދުވާން އަދި ދުވަސްކޮޅެއް އޮތީތީ މި ލިސްޓް ބަދަލުވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
ނަން |
ބަދަލުވި ކުލަބު |
ކުރީގެ ކުލަބު |
އަގު (މިލިއަން ޕައުންޑު) |
1-އެލިސަން |
ލިވަރޕޫލް |
ރޯމާ |
65 |
2-ރިޔާދް މާރޭޒް |
މެންޗެސްޓަރ ސިޓީ |
ލެސްޓަރ ސިޓީ |
60 |
3-ނަބީ ކެއިޓާ |
ލިވަރޕޫލް |
އާރުބީ ލިޕިޒް |
52.8 |
4-ޖޯޖީނިޔޯ |
ޗެލްސީ |
ނަޕޯލީ |
50.4 |
5-ފްރެޑް |
މެންޗެސްޓަރ ޔުނައިޓެޑް |
ޝަކްތަރޑޮނެސްކް |
43.7 |
6-ރިޗަރލިސަން |
އެވަޓަން |
ވެޓްފޯޑް |
40 |
7-ފަބީނިއޯ |
ލިވަރޕޫލް |
މޮނާކޯ |
40 |
8-ފެލިއްޕޭ އެންޑަރސަން |
ވެސްޓްހޭމް |
ލާޒިއޯ |
33.5 |
Advertisement
Leave a Reply