ވޯލްޑް ކަޕްގެ ތާރީހީ މުބާރާތް ބާއްވަން އިންގްލެންޑުން ބިޑް ކުރަނީ

Advertisement

ވޯލްޑް ކަޕްގެ ތާރީހީ މުބާރާތް ބާއްވަން އިންގްލެންޑުން ބިޑް ކުރަނީ

ޢަލީ ޝަހީމް
1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ތައްޓާއެކު އިންގްލެންޑް ޓީމް. 2030 ވަނަ އަހަރުގެ ތާރީހީ މުބާރާތް ބާއްވަްން އެގައުމުން ދަނީ ވިސްނަމުން

2030 ވަނަ އަހަރު ވޯލްޑް މުބާރާތް އިންގްލެންޑުގައި ބޭއްވުމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވިސްނަމުންދާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފިއެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 1930 ވަނަ އަހަރު އުރުގުއޭ ގައި ކުޅެވުނު އިރު 2030  ވަނަ އަހަރު ވެގެންދާނީ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރޭ އަހަރަށެވެ.

އިންގްލެންޑުގައި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް އެންމެ ފަހުން ބާއްވާފައިވަނީ 1996 ވަނަ އަހަރުއެވެ. އެ އަހަރު އެގައުމުގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ކުޅުނުއިރު އޭގެ ކުރިން އެޓީމުގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވީ 1966 ވަނަ އަހަރުއެވެ. އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް އެފަހަރު އިންގްލެންޑުން ވަނީ ހޯދާފައެވެ.

އިންގްލެންޑް ފުޓްބޯޅަ އެސޯސިއޭޝަންގެ ޗެއާމަން ގްރެގް ކްލާކް ބުނީ، ވޯލްޑް ކަޕް ބޭއްވެނެތޯ ސަރުކާރާއެކު ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ.

“މި މަސައްކަތް (މަޝްވަރާކުރުން) ފަށާނީ އަންނަ ފުޓްބޯޅަ ސީޒަނުގެ ތެރޭ. ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރުމާ ގުޅޭގޮތުން 2019 ގެ ކުރިން ގޮތެއް ނުނިންމާނަން” ކްލާކް ވިދާޅުވިއެވެ.

ވޯލްޑް ކަޕް ބާއްވަން އިންގްލެންޑް ޝައުގުވެރިކަން ފާޅުކުރާއިރު، 2020 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 7 މެޗެއްވެސް އެގައުމުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭނެއެވެ. 12 ގައުމެއްގެ 12 ސިޓީގައި ޔޫރޯ މުބާރާތް ކުރިއަށް ދާއިރު ސެމީ ފައިނަލާއި ފައިނަލްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ވެމްބްލީގައެވެ. މީގެ އިތުރުން 2021 ގައި އޮންނަ އަންހެން ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވަންވެސް އިންގްލެންޑުން ވަނީ ބިޑު ކޮށްފައެވެ.

ބޮޑު މުބާރާތެއް ބާއްވަން އިންގްލެންޑުން އެންމެ ފަހުން ބިޑް ކުރީ މިއަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށެވެ. އިންގްލެންޑްގެ ލެޖެންޑް ޑޭވިޑް ބެކަމް އާއި ޕްރިންސް ވިލިއަމް އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޮން ހުށަހެޅި މި ބިޑު ނާކާމިޔާބުވެ ފުރުސަތު ލިބުނީ ރަޝިޔާއަށެވެ. ރަޝިޔާގައި ވޯލްޑް ކަޕް ބާއްވަން ނިންމުމުގައި ވޯޓް އޮޅުވާލުމާއި ރިޝްވަތުގެ އަމަލުތައް ހިންގާފައި ވާކަމަށް އޭރު އިންގްލެންޑް ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.

ދެން އެންމެ އަވަހަށް ކުޅޭ ވޯލްޑް ކަޕް 2022 ވަނަ އަހަރު އޮންނާނީ ގަތަރުގައެވެ. އޭގެފަހުން 2026 ވަނަ އަހަރުގެ ބިޑު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ކާމިޔާބު ކޮށްފައިވާއިރު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ޔޫރަޕްގައި ބޭއްވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އުތުރު އެމެރިކާ ސަރަހައްދުން އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭ ގުޅިގެންވެސް 2030 ވަނަ އަހަރުގެ މުބާރާތަށް ބިޑު ހުށަހަޅާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *