ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގެ ޖާގަތައް ކަށަވަރު ވެއްޖެ

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގެ ޖާގަތައް ކަށަވަރު ވެއްޖެ

ޢަލީ ޝަހީމް
ޒޯން ތިނެއްގެ ޗެމްޕިއަންަކަން ހޯދި ކ. މާފުށި ޓީމަށް އަލީ ސުޒޭން ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މާލޭގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 އަށް ދަތުރުކުރި ޓީމުތައް ކަށަވަރު ވެއްޖެއެވެ. މުބާރާތުގައި ރޭ ކުޅުނީ ޒޯން ބުރުގެ ފަހު މެޗުތަކެވެ.

ރޭ ކުޅުނު ޒޯން އެކެއްގެ ފުރަތަމަ މެޗުގައި ނާވައިދޫ ވަނީ 5-1 އިން ކުމުންދޫ ބަލިކޮށްފައެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ ނާވައިދޫ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދީ ނުވަ ޕޮއިންޓާއި އެކުއެވެ. ޒޯން އެކެއްގެ ދެވަނަ މެޗުގައި ރޭ ވަށަފަރާއި ކަނޑިތީމު ވަނީ 2-2 އިން އެއްވަރު ވެފައެވެ. މިމެޗު އެއްވަރުވުމުން ވަށަފަރަށް ލިބުނު ހަތަރު ޕޮއިންޓާއެކު އެޓީމު ވަނީ ޒޯންގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ދަތުރު ކޮށްފައެވެ. ފުރަތަމަ މެޗުގައި ނާވައިދޫ އަތުން ބަލިވިނަމަވެސް ދެވަނަ މެޗުގައި އެޓީމު ވަނީ ކުމުންދޫ ބަލިކޮށްފައެވެ. ޒޯން އެކަކުން މުބާރާތުން ކެޓީ ކުމުންދޫ އާއި ކަނޑިތީމެވެ.

ޒޯން ދޭއްގައި ރޭ ކުޅުނީ އެންމެ މެޗެކެވެ. އެ މެޗުގައި އޭދަފުށި ވަނީ މާފަރު ކޮޅަށް ފަސް ލަނޑު ޖަހާ ގަދަ 16 ގެ ޖާގައެއް ހޯދާފައެވެ. ކުޅުނު ދެމެޗުންވެސް މޮޅުވެ ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދީ އަލިފުށްޓެވެ. އަލިފުށިން ވަނީ އޭދަފުށި އަދި މާފަރުވެސް 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ރޭގެ މެޗުން ބަލިވުމާއެކު ޒޯން ބުރުގައި އެއްވެސް ޕޮއިންޓެއް ނުލިބި މާފަރު ދިޔައީ ފުލަށެވެ.

ޒޯން ތިނެއްގައި ރޭ ނައިފަރާއި ބޮޑުފުޅަދޫ ކުޅުނު ފޯރިގަދަ މެޗު ކާމިޔާބު ކުރީ ބޮޑުފުޅަދޫ އެވެ. މިމެޗު އެޓީމު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ޒޯން ތިނެއްގެ ޗެމްޕިއަންކަން ކުޅުނު ދެމެޗުންވެސް މޮޅުވެ ހޯދީ މާފުށްޓެވެ. ރޭ ނައިފަރާއި ބޮޑުފުޅަދޫ ކުޅުނު މެޗުން ކުރި ލިބޭ ޓީމަކަށް ޒޯންގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކުރުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ. މެޗުން ބަލިވުމުން ޒޯން ތިނެއްގެ ފުލަށް ނައިފަރު ދިޔައީ ދެމެޗުންވެސް ބަލިވެގެންނެވެ.

ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ލ. ގަން ޓީމު. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ކަށަވަރު ކުރީ މ. ދިއްގަރެވެ. ދިއްގަރު ޗެމްޕިއަންކަން ހޯދީ އދ އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދަނގެތި ދެލެގުން ބަލިކޮށްގެންނެވެ. ފުރަތަމަ މެޗު 3-2 އިން ދިއްގަރު ކާމިޔާބު ކުރިއިރު ދެވަނަ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެގްރިގޭޓް ނަތީޖާއިން ބަލިވި ނަމަވެސް ދެޓީމު ޒޯންގައި ކުޅެފައިވާތީ ދަނގެއްޗަށް ވަނީ ގަދަ 16 އިން ފުރުސަތު ލިބިފައެވެ.

ޒޯން ފަހެއްގައި ފ. ނިލަންދޫ އަދި ތިމަރަފުށްޓަށްވެސް ހަތަރު ޕޮއިންޓް ލިބުނުއިރު، ފައިދާ ގޯލުގެ ތަފާތުން ޗެމްޕިއަންކަން ހޯދީ ތިމަރަފުށްޓެވެ. ރޭ ކުޅުނު މެޗުގައި ނިލަންދޫ ވަނީ 2-1 އިން ކުޑަހުވަދޫ ބަލިކޮށްފައެވެ. ފުރަތަމަ މެޗުގައި ނިލަންދޫ ވަނީ ތިމަރަފުށްޓާއި އެއްވަރު ކޮށްފައެވެ. ތިމަރަފުށްޓައް ގްރޫޕުގެ އެއްވަނަ ލިބުނީ 6-1 ގެ ނަތީޖާއަކުން ދެވަނަ މެޗުގައި ކުޑަހުވަދޫ ބަލިކުރުމުންނެވެ. އަތޮޅު ބުރުގައި އެއްވެސް މެޗެއް ނުކުޅެ ޒޯނަށް ކޮލިފައިވި ކުޑަހުވަދޫ ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެގެންނެވެ.

ޒޯން ހައެއްގެ ޗެމްޕިއަންކަންވެސް ކަނޑައެޅީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ޒޯނުގެ ޗެމްޕިއަންކަން ލ. ގަމަށް ލިބުނީ ހަތަރު ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުއެވެ. ހަތަރު ޕޮއިންޓާއެކު ދެވަނައަށް ދިޔަ ގއ. ދާންދޫއަށް ލިބުނީ ފައިދާ އެއް ގޯލެވެ. ޒޯން ހައެއްގެ ޗެމްޕިއަންކަން ކަށަވަރު ކުރަން ލ. ގަން ރޭ ނުކުރީ ގދ. ތިނަދޫއާ ދެކޮޅަށެވެ. މި މެޗު 3-1 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބު ކުރިއިރު ދާންދޫއަށް ތިނަދޫ ބަލިކުރެވުނީ 3-2 ގެ ނަތީޖާއަކުންނެވެ. ކުޅުނު ދެމެޗުންވެސް ބަލިވުމުން ތިނަދޫ މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. މި ޒޯނުން ގަދަ 16 އަށް ދަތުރު ކުރީ ގަމާއި ދާންދޫ އެވެ.

ޒޯން ހަތަކުންނާއި ޒޯން އަށަކުން ސ. ފޭދޫ އަދި މާލެ މާފަންނު ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. ޒޯން ހަތެއްގެ އަތޮޅު މުބާރާތުގައި ވެސް ބައިވެރި ވެފައިވަނީ ހަމައެކަނި ސ. ފޭދޫންނެވެ. ހަމަ އެގޮތަށް މާލެ ހިމެނޭ ޒޯނުންވެސް މުބާރާތުގައި ބައިވެރި ވެފައިވަނީ ހަމައެކަނި މާފަންނު ޓީމުންނެވެ.

މި މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ އަދި ހޯމަ ދުވަހުގެ ރެއެވެ.

ގަދަ 16 ގެ ޖާގަތަށް ހޯދި ޓީމުތައް:

ޒޯން 1: ނާވައިދޫ، ވަށަފަރު

ޒޯން 2: އަލިފުށި، އޭދަފުށި

ޒޯން 3: މާފުށި، ބޮޑުފުޅަދޫ

ޒޯން 4: ދިއްގަރު، ދަނގެތި

ޒޯން 5: ތިމަރަފުށި، ފ. ނިލަންދޫ

ޒޯން: 6: ލ. ގަން، ދާންދޫ

ޒޯން 7: ސ. ފޭދޫ

ޒޯން 8: މާލެ މާފަންނު

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *