ހޭންޑް ބޯލް ފައިނަލްގައި އޯރިކްސްއާ ނިއު ރޭޑިއަންޓް މިރޭ
ހަތަރުވަނަ ހޭންޑް ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ފައިނަލްގައި ނިއު ރޭޑިއަންޓާއި އޯރިކްސް މިރޭ ވާދަކުރާނެއެވެ. ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށްގެން މާލޭގައި ކުރިއަށް ގެންދާ މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗް އޮންނާނީ މިރޭ 8 ޖަހާއިރު ނެޝަނަލް ހޭންޑްބޯލް ގްރައުންޑް ގައެވެ.
މި މުބާރާތުގެ އަންހެން ބައިގެ ފައިނަލަށް ނިއުރޭޑިއަންޓް ދަތުރުކޮށްފައި މިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ ގޮތުގައެވެ. އޯރިކްސް މި ބައިގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ދެ ވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗް އޯރިކްސް އިން ކާމިޔާބުކުރީ ތޫތް ސްޕޯޓްސް ކްލަބާއި ވާދަކޮށް 35-15 އިންނެވެ.
ހަތަރުވަނަ ހޭންޑްބޯލް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ފައިނަލް މިރޭ އޮންނައިރު އެ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްވެސް މިރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިރޭ 9:15 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ މި މެޗުގައި ވާދަކުރާނީ ޔޫތް ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. ކޮންމެ ބައެއްގައި ފަސް ޓީމް ބައިވެރިވި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލަށް ޔޫތް ސްޕޯޓްސް ކްލަބް ދަތުރުކޮށްފައި މިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. ދިވެހި ސިފައިންގެ ކްލަބް މި ބައިގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލްގެ މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ޕޮލިސް ކްލަބާއި ވާދަކޮށް 39-29 އިންނެވެ.
މިރޭ ކުޅޭ ދެ މެޗްވެސް އައިސް ޓީވީ އިން ވަގުތުން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި، ހާފް ކޯޓް މޯލްޑިވްސް ގެ ވެބްސައިޓުން ލައިވްސްޓްރީމް ކުރާ ގޮތަށްވެސް ހަމަޖެހިފައިވެއެވެ.
Advertisement
Leave a Reply