މިދަތުރަކުން ހަމަ އެކައްޗެއްވެސް ދަހެއް ނުވި: މޮރީނިއޯ

Advertisement

މިދަތުރަކުން ހަމަ އެކައްޗެއްވެސް ދަހެއް ނުވި: މޮރީނިއޯ

ޢަބްދުﷲ އަޝްރަފް
މިއަދު ހެނދުނު ރެއާލް މެޑްރިޑާ ބައްދަލުކުރި މެޗަށްފަހު މޮރީނިއޯ ނޫސްވެރިންނާ ވާހަކަ ދައްކަނީ

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގައި މިހާރު ފުރިހަމަ ކުރަމުން އަންނަ ދަތުރުން އެއްވެސް އެއްޗެއް ނޭނގުނު ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފިއެވެ. މޮރީނިއޯ މިހެން ބުނީ ޕްރީ ސީޒަން ދަތުރުގައި އެމެރިކާގައި ކުޅުނު އެންމެ ފަހު މެޗްގައި ރެއާލް މެޑްރިޑް ބަލިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

“އަހަރެންނަށް އެކައްޗެއްވެސް ދަހެއް ނުވި. އަހަރެންނަށް އެނގޭ ކުރިންވެސް މަޓާއާއި، ހެރޭރާ އާއި ސަންޗޭޒް އަކީ ކޮން ބައެއްކަން. އަހަރެންނަށް އެނގޭ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން އަދި ވަރަށް ޅަކަން. އެކުދިން އަދި ބޮޑެތިވާން ވަގުތު ބޭނުންވާކަން. ކުޅުންތެރިން އެމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެންމެ ރަގަޅު ނަތީޖާ ހޯދަން ކުރި. އެކަމަކު ޓެކްޓިކްސްއަށް ވިސްނާއިރު ހަމަ އެކައްޗަކަށްވެސް މިއެއް (ދަތުރުގައި ހެދި ތަމްރީންތައް) ނުވި” މޮރީނިއޯ ބުންޏެވެ.

Advertisement

މޮރީނިއޯ ވަނީ ޕްރީ ސީޒަން ގެ މެޗްތައް ފެށުމުގެ ކުރިންވެސް މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ޓީމާއެކު ދަތުރުގައި ބައިވެރި ނުވެވޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިންޓަރނޭޝަނަލް ޗެމްޕިއަންސް ކަޕްގެ މެޗެއްގެ ގޮތުގައި އެމެރިކާގެ މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ވޭތުވެދިޔަ ތިން ސީޒަންގައިވެސް ޔޫއެފާ ޗެމްޕިއަންސް ލީގް ގެ ތަށި ހޯދި ރެއާލް މެޑްރިޑާ ވާދަކޮށް ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ.

މާލޭ ގަޑިން ރޭ ފަތިހު 5 ޖެހިއިރު ފެށި މި މެޗްގައި ފުރަތަމަ ދެ ގޯލުވެސް ޖެހީ ޔުނައިޓެޑުންނެވެ. ފުރަތަމަ ގޯލް މެޗްގެ 18 ވަނަ މިނެޓްގައި އެލެކްސިސް ސަންޗޭޒް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިންއިރު އޭގެ ނުވަ މިނެޓް ފަހުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެޓީމަށް ކުޅޭ ސްޕެއިންގެ މިޑްފީލްޑަރ އެންޑަރ ހެރޭރާ އެވެ. މި މެޗްގައި ޗިލީގެ ފޯވާރޑް ސަންޗޭޒް ޖެހި ގޯލަކީ ޕްރީ ސީޒަންގައި ކުޅުނު ތިން މެޗްގައި ޖެހި ދެވަނަ ގޯލެވެ. ވިސާގެ މައްސަލައަކާ ހުރެ ޓީމުގެ ފަރިތަކުރުންތަކުގައި ސަންޗޭޒްއަށް ބައިވެރިވެވޭ ގޮތްވީ ޔުނައިޓެޑުން ދަތުރުގައި ދެ މެޗެއް ކުޅުނު ފަހުންނެވެ.

ވަރަށް އާދައިގެ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނުނު މި މެޗްގައި ރެއާލް މެޑްރިޑުން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބުކޮށްދިނީ މެޗްގެ 45 ވަނަ މިނިޓްގައި އެ ޓީމްގެ ފޯވާޑް ކަރިމް ބެންޒިމާ އެވެ.  މިއީ ރެއާލް މެޑްރިޑް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗެވެ.

ރެއާލް މެޑްރިޑާ ދެކޮޅަށް ޔުނައިޓެޑް މިއަދު ކުޅުނު މެޗަކީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެޓީމް ކުޅުނު 5 ވަނަ މެޗެވެ. އަދި މިއީ ފުރިހަމަ ވަގުތުގެ ތެރޭގައި ކުޅެގެން ޔުނައިޓެޑުން ޕްރީ ސީޒަންގައި ކާމިޔާބުކުރި ފުރަތަމަ މެޗެވެ. މީގެ ކުރިން އޭސީ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފައިވީއިރު އެ މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ ފުރިހަމަ ވަގުތުގައި މެޗް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕްރީ ސީޒަންގެ ފުރަތަމަ ދެ މެޗުން އެމެރިކާގެ ދެ ޓީމަކާއި ވާދަކޮށް އެއްވަރުވެފައިވީއިރު ޔުނައިޓެޑަށް ހަމައެކަނި ގެއްލުނީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ޔުނައިޓެޑް ބަލިވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *